ހިތަދޫ - ހުޅުމީދޫ ބުރިޖު އަޅާތީ އީކޯކެއާގެ ކަންބޮޑުވުން

އައްޑު ނޭޗާ ޕާކް: ހިތަދޫއާއި ހުޅުމީދޫ ގުޅުވައިދޭ ބުރިޖު އަޅާތީ އީކޯކެއާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑޫ ސިޓީ ހިތަދޫއާއި ހުޅުމީދޫ ގުޅުވައިދޭ ބުރިޖު އަޅާތީ ތިމާވެށި ރައްކާތެރިކުރުމަށް ވަކާލާތުކުރާ ޖަމިއްޔާއެއް ކަމަށްވާ އީކޯކެއާ މޯލްޑިވްސްއިން މިއަދު ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އީކޯކެއާއިން ނެރުނު ބަޔާނެއްގައި ބުނީ، ހިތަދޫއާއި ހުޅުމީދޫ ގުޅުވައިދޭ ބުރިޖުގެ ސަބަބުން ހިތަދޫގެ ހިމާޔަތްކޮށްފައިވާ ނޭޗާ ޕާކަށް ތިމާވެށީގެ ގޮތުން ގިނަ ގެއްލުންތަކެއް ލިބޭނެ ކަމަށެވެ. އެ ޖަމިއްޔާގެ މަގުސަދަކީ އައްޑޫ ނޭޗާ ޕާކްގެ ސަރަހައްދު ހިމާޔަތްކޮށް އެ ސަރައްދުގެ ދިރުންތައް އާލާކުރުން ކަމަށް އީކޯކެއާއިން ބުންޏެވެ.

އީކޯކެއާއިން ބުނީ ހަތަދޫއާއި ހުޅުމީދޫ ބުރިޖަކުން ގުޅުވުމަށްވުރެ ފެރީގެ ނިޒާމަކުން ގުޅުވައިލުން މުހިންމު ކަމަށް ދެކޭ ކަމަށެވެ. އޭގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެެއްލުންތައް ކުޑަކުރެވިގެންދާނެ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

އައްޑު ނޭޗާ ޕާކް: ހިތަދޫއާއި ހުޅުމީދޫ ގުޅުވައިދޭ ބުރިޖު އަޅާތީ އީކޯކެއާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އެ ސަރަހައްދަށް ކޮންމެހެން ބޭނުންވާ ބުރިޖެއް ނަމަ ގަމު މަގުން ހުޅުމީދޫއާ ގުޅައިލުމަށް އަޅުގަނޑުމެން ހުށަހަޅަމެވެ. ހިތަދޫގެ ހިމާޔަތްކޮށްފައިވާ ސަރަހައްދަށް ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރެވޭނީ، ތިމާވެށި ހިމާޔަތްކުރުމުގެ ހަރުދަނާ ފިޔަވަޅުތަކާއި ތިމާވެށީގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެންނެވެ،" އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، އީކޯކެއާއިން ވަނީ ތިމާވެއްޓަށް އިސްކަންދީ، އާންމުންނާއި ދާއިރާގެ ތަޖުރިބާކާރުންގެ ލަފާހޯދުމަށް އިލްތިމާސްކޮށްފައެވެ.

އޭރުން، ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަކުރެވި، ރާއްޖޭގެ ތަރައްގީއާއި ގުޅުން ހުރި ކަންތައް ޒިންމާދާރުކަމާ އެކު ކުރިއަށްދާނެ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ. އަދި، ބުރިޖުގެ ސަބަބުން ހިމާޔަތްކޮށްފައިވާ ސަރަހައްދަށް ލިބޭނެ ގެއްލުންތަކާމެދު ވިސްނުމަށްފަހު، އެހެން ހައްލެއް ހޯދުމަށް ކަމާބެހޭ އިދާރާތަކަށް އީކޯކެއާއިން ވަނީ ގޮވާލައިފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް އައްޑޫ ސިޓީ ހިތަދޫއާއި ހުޅުމީދޫ ގުޅުވައިދޭ ބުރިޖުގެ މަސައްކަތް ފެށުމަށް ސާވޭ ހަދަން 30 މިލިއަން ރުފިޔާ މި އަހަރުގެ ބަޖެޓުގައި ހިމަނާފައިވެއެވެ.

comment ކޮމެންޓް