މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ކައިވެނިކޮށްފައިވާ ބޮލީވުޑް ބަތަލާ ޕަރިނީތީ މިހާރުގެ ފިރިމީހާ ރާގަވް ޗައްދާގެ މައުލޫމާތު އެންމެ ފުރަތަމަ ހޯދީ ގޫގުލް މެދުވެރިކޮށް ކަމަށް ބަތަލާ ބުނެފިއެވެ.
ދާދި ފަހުން މީޑިއާގެ ހާޒިރުގައި ކުރިއަށްދިޔަ ހަފުލާއެއްގައި ވާހަކަ ދައްކަމުން ޕަރިނީތީ ބުނީ ދެ މީހުންގެ ފުރަތަމަ ބައްދަލުވުން ދިޔައީ ވަރަށް ފިލްމީކޮށް ކަމަށެވެ.
ލަންޑަނުގައި މީގެ އަހަރުތަކެއް ކުރިއަށްދިޔަ އައިއީސީ ޔަންގް ލީޑާސް ފޯރަމްއަށް ރާގަވާއި ޕަރިނީތީ ދެ މީހުންނަށް ދައުވަތު ދެވުނުއިރު ދެ މީހުންނަށް އެކަކު އަނެކަކާ ބެހޭގޮތުން މާ ބޮޑު މައުލޫމާތެއް ނޭނގޭކަމަށް ޕަރިނީތީ ވަނީ ބުނެފައެވެ. އެހެންނަމަވެސް ރާގަވާ ފުރަތަމަ ބައްދަލުވި ވަގުތު ވެސް ވަރަށް ތަފާތު އިހުސާސްތަކެއް ކުރުވި ކަމަށާއި ދިރިއުޅުމުގެ ބާކީ އޮތް ދުވަސްތައް ހޭދަކުރަން ބޭނުންވާ ބައިވެރިޔާއާ ބައްދަލުވިކަން ދެނެގަނުވުނު ކަމަށް ބަތަލާ ވަނީ ބުނެފައެވެ.
އައިއީސީ ފޯރަމު އިންތިޒާމު ކުރި ފަރާތްތަކާ އެކު ކުރިއަށް ދިޔަ ހެނދުނުގެ ނާސްތާގެ ބައިގަޑިއިރަކީ ދުވަހަކު ވެސް ހަނދާން ނުނެތޭނެ ވަގުތުތަކެއް ކަމަށާއި އެ ބައިގަޑިއިރު ތެރޭ ރާގަވާ އެކު ދިރިއުޅުމެއް ފެށުމުގެ ހުވަފެން ދެކެވެން ފެށިކަމަށް މަގުބޫލު ބަތަލާ ވަނީ ބުނެފައެވެ. އޭރު ރާގަވާ ބެހޭ އެއްވެސް މައުލޫމާތެއް ނޭނގޭ ކަމަށާއި އެންމެ ކުޑަމިނުން ރާގަވްގެ އުމުރަކީ ކޮބައިކަމާ އޭނާ ހުރީ ކައިވެންޏެއް ކޮށްގެންތޯ ނުވަތަ ނޫންތޯ ވެސް ނޭނގޭ ކަމަށް ޕަރިނީތީ ވަނީ ބުނެފައެވެ. އެހެންވެ އޭރު ހުރި ހޮޓަލަށް އެނބުރި ދެވުމާ އެކު އަވަސްވެގަތީ ރާގަވާ ބެހޭ މައުލޫމާތު ގޫގްލް މެދުވެރިކޮށް ހޯދުމަށް ކަމަށް ދާދި ފަހުން މިއުޒިކް ދާއިރާގައި ކެރިއަރު ފެށި ބަތަލާ ވަނީ ބުނެފައެވެ.
އިންޑިއާގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ޒުވާން ސިޔާސީ ލީޑަރު ހުސްކޮށް ހުރިކަން އެނގުމާ އެކު ދެ މީހުންގެ އެކުވެރިކަމުގެ ގުޅުން ފެށި އެ ގުޅުން ލޯތްބަށް ބަދަލުވުމަށް މާ ގިނަ ދުވަހެއް ނުނަގާކަމަށް ޕަރިނީތީ ވަނީ ހާމަކޮށްފައެވެ.
ކައިވެންޏަށް ފަހު ވެސް ދެ މީހުންގެ ދިރިއުޅުން ވަރަށް އުފާވެރި ކަމަށާއި އެ ކަމުގެ އެންމެ ބޮޑު ސިއްރަކީ ދެ މީހުން ވެސް މުޅިން ތަފާތު ދެ ދާއިރާއެއްގައި މަސައްކަތް ކުރުން ކަމަށް ޕަރިނީތީ ބުނެފައިވެއެވެ. ފިލްމީ ދާއިރާގައި ކާމިޔާބު ކެރިއަރެއް އޮތް ބަތަލާ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މި އަހަރު ރިލީޒްކުރުމަށް ތައްޔާރަށް އޮތް ފިލްމު "އަމަރު ސިންގް ޗަމްކީލާ"އިންނެވެ.