އިނގިރޭސި ޕްރިމިއާ ލީގުގައި އެސްޓަން ވިލާއިން ޝެފީލްޑް ޔުނައިޓެޑުގެ މައްޗަށް ފަސޭހަކަމާ އެކު ކުރި ހޯދައިފިއެވެ.
ޝެފީލްޑްގެ ދަނޑުގައި ކުޅުނު މި މެޗު ވިލާއިން ކާމިޔާބު ކޮށްފައިވަނީ 5-0 އިންނެވެ.
މެޗުގެ ފުރަތަމަ ލަނޑު ޖަހައި ވިލާއިން ލީޑު ނަގާފައިވަނީ މެޗުގެ 12 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އެ ޓީމުގެ ކެޕްޓަން ޖޯން މެކްގިންއެވެ. މި ލަނޑު ޖެހިތާ ހަތަރު މިނެޓު ފަހުން އެ ޓީމުގެ ލީޑު ފުޅާކޮށްދިނީ އޮލީ ވޮޓްކިންސްއެވެ. މި ލަނޑު ޖެހިތާ ހަތަރު މިނެޓްފަހުން ވިލާއިން މިމެޗުގައި ކާމިޔާބު ކުރި ތިންވަނަ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ލިއޮން ބެއިލީއެވެ. މި ލަނޑާ އެކު ޝެފީލްޑްގެ ސަޕޯޓަރުން ދަނޑުން ނިކުންތަން ފެށިތަން ވެސް ފެނިގެންދިޔައެވެ.
މެޗުގައި ވިލާއިން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު މެޗުގެ 40 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ޔޫރީ ޓިއެލެމަންސްއެވެ. އަދި، ފަހު ލަނޑު ދެވަނަ ހާފުގެ ކުޅުން ފެށިތާ ދެވަނަ މިނެޓުގައި ޖަހައިދިނީ އެލެކްސް މޮރޭނޯއެވެ.
މި ނަތީޖާއާ އެކު ވިލާއިން ވަނީ ވޭތުވެދިޔަ 30 އަހަރުގެ ތެރޭގައި ޝެފީލްޑްގެ ދަނޑުގައި ކުޅެ ފުރަތަމަ ފަހަރަށް މޮޅުވެފައެވެ. އެ ޓީމަށް މީގެ ކުރިން މި ފެންވަރުގައި އެންމެ ފަހުން ޝެފީލްޑްގެ ދަނޑުގައި ކުޅެ މޮޅުވެވިފައިވަނީ 1994 ވަނަ އަހަރުއެވެ.
ވިލާއިން މިހާރު ވަނީ ކުޅުނު 23 މެޗުން ލިބިފައިވާ 46 ޕޮއިންޓާ އެކު ތާވަލުގެ ދެވަނައާއި ތިންވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއާއި އާސެނަލާ ޕޮއިންޓްގެ ގޮތުން އަރައި ހަމަކޮށްފައެވެ. ނަމަވެސް ވިލާއަށް ހަތަރުވަނަ ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ.