އިސްރާއީލުގެ ޖާސޫސީ އިދާރާއަށް މައުލޫމާތު ފޯރުކޮށްދިން ހަތް މީހަކު ތުރުކީން ހައްޔަރުކޮށްފި

ތުރުކީވިލާތުގެ ފުލުހެއް. އިސްރާއީލަށް ޖާސޫސްކޮށްދޭ މީހުން ހޯދުމަށް ތުރުކީވިލާތުހެ ފުލުހުން ވަނީ ހާއްސަ އޮޕަރޭޝަނެއް ހިންގައިފި.

އިސްރާއީލުގެ ޖާސޫސީ އިދާރާ މޮސާދަށް މައުލޫމާތު ދިން ކަމަށް ޝައްކު ކުރެވޭ ހަތް މީހަކު ތުރުކީވިލާތުން ހައްޔަރުކޮށްފިއެވެ.

އެކަން ހާމަކުރައްވައިފައި ވަނީ ތުރުކީވިލާތުގެ ސަލާމަތީ ކަން ކަމާބެހޭ އޮފިޝަލެކެވެ.

އެ ހަތް މީހުން ހައްޔަރުކޮށްފައި ވަނީ ތުރުކީވިލާތުގެ ފުލުހުންނާއި، ޖާސޫސީ އިދާރާއިން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.

މޮސާދަށް ޖާސޫސް ކޮށްދިނުމުގެ ތުހުމަތުގައި ތުރުކީވިލާތުން 33 މީހުން މިދިޔަ މަހުވެސް ވަނީ ހައްޔަރުކޮށްފައެވެ.

ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުން ބޭރު ގައުމުތަކުގައި ދިރިއުޅޭ ހަމާސް ޖަމާއަތުގެ މެންބަރުން ހޯދައި އެ މީހުން ޝަހީދުކޮށްލަން އިސްރާއީލުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިދިޔަ ޑިސެންބަރު މަހު ތުރުކީވިލާތުން ވަނީ އެ ގައުމުގައި އެފަދަ ހަރަކާތްތައް ހިންގުމާ ދެކޮޅަށް އިސްރާއީލަށް އިންޒާރު ދީފައެވެ. އަދި ހަމާސްގެ މެންބަރުން ހޯދުމުގެ ނަމުގައި ތުރުކީވިލާތުގެ ފަސްގަނޑުގައި ހަރަކާތެއް ހިންގައިފި ނަމަ އެ ކަމުގެ ނަތީޖާ ހިތިވާނެ ކަމަށް ވެސް ތުރުކީވިލާތުން ބުނެފައިވެއެވެ.

ޣައްޒާގައި ވެރިކަންކުރާ ހަމާސް ޖަމާއަތަކީ ޓެރެރިސްޓުންގެ ގޮތުގައި ހުޅަނގުގެ ގައުމުތަކުގެ އިތުރުން ބައެއް އަރަބި ގައުމުތަކުން ދެކުނު ނަމަވެސް، ތުރުކީވިލާތުން ދެކޭ ގޮތުގައި އެއީ ޓެރެރިސްޓު ޖަމާއަތެއް ނޫނެވެ.

ތުރުކީވިލާތަކީ، ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ލާއިންސަނީ އުދުވާނާ ދެކޮޅަށް ފާޅުގައި ފާޑުކިޔަމުންދާ ގައުމެކެވެ. އަދި، ތުރުކީވިލާތުން ދަނީ އިސްރާއީލުގެ އުދުވާން ހުއްޓައިލަން ގޮވައިލާ، ފަލަސްތީނުގެ މުސްލިމުންގެ ހައްގުތައް ހިމާޔަތް ކޮށްދޭން އަޑުއުފުލަމުންނެވެ.

comment ކޮމެންޓް