ރާއްޖޭގައި ކާގޯ ޚިދުމަތާ ގުޅޭ ދިރާސާއެއް ހެދުމަށް ޓަކައި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރުއޭސީއެލް) އާއި ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއަދު ގައުމީ ޔުނިވާސިޓީގެ އިދާރީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ އާރުސީއެލްގެ ޑިރެކްޓަރު އަޙްމަދު މުބީން އާއި ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. އައިޝަތު ޝެހެނާޒް އާދަމެވެ.
އެ އެއްބަސްވުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން މުބީން ވިދާޅުވީ، މިއީ ދިވެހިރާއްޖެ ފަދަ ޖަޒީރާ ގައުމަކަށް ކާގޯގެ ބޭނުން ޖެހިފައިވަނީ ކިހާ ވަރަކަށްތޯ ބެލުމުގެ ގޮތުން ކުރެވޭ ދިރާސާއެއްކަމަށެވެ.
މި ދިރާސާގެ ނަތީޖާއިން، ރާއްޖޭގައި ކާގޯގެ ބޭނުން ދެނެގަނެވި، ރާއްޖެއަށް އިތުރަށް ބޭނުންވަނީ ކޮންކަހަލަ ޚިދުމަތެއްކަން ދެނެގަނެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
''ރާއްޖޭގައި ޓުއަރިޒަމް އިންތިހާއަށް ފުޅާވަމުން އަންނަ އިރު މި ޚިދުމަތަކީ ކޮންމެހެން ވެސް ފަށަން ޖެހޭ ޚިދުމަތެއް،'' މުބީން ވިދާޅުވިއެވެ.
އިތުރަށް ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ރާއްޖެއަކީ ޖަޒީރާ ގައުމަކަށް ވުމާއެކު، އެއްޗެހި އެއްތަނުން އެނެއް ތަނަށް އުފުލުމަށް ޓަކައި ކާގޯގެ ޚިދުމަތް ވަރަށް ބޮޑަށް ބޭނުންވާނެ ކަމަށެވެ. މިގޮތަށް އެއްތަނުން އަނެއް ތަނަށް އެއްޗެހި އުފުލުމުގައި މިހާރުވެސް ދަތިތަށް ކުރިމަތިވާ ކަމުގެ ޝަކުވާ އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން، މިއީ އެ ޝަކުވާތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން ކުރާ ދިރާސާއެއް ކަމަށް މުބީން ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޝެހެނާޒް ވިދާޅުވީ، މި ދިރާސާގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ އެއާކާގޯ އޮޕަރޭޝަނުގެ ހާލަތު ދެނެގަތުން ކަމަށެވެ.
''އަޅުގަނޑުމެން އުއްމީދު ކުރަނީ މި ދިރާސާގެ އެހީގައި ލިބިގެންދާ މައުލޫމާތުގެ އަލީގައި ހައްލުތައް ދެނެގަތުމަށް ވަރަށް ބޮޑަށް މަގުފަހިވެގެން ދާނެކަމަށް. އަދި އިތުރަށް ދެމެހެއްޓެނިވި ގޮތެއްގައި ކާގޯ އޮޕަރޭޝަންތަކަށް މަގުފަހިވެގެން ދާނެކަމަށް،'' ޑރ. ޝެހެނާޒް ވިދާޅުވިއެވެ.
މި ދިރާސާއަށް މައުލޫމާތު ހޯދަނީ ސާވޭއެއް ކޮށްގެން ކަމަށާއި އެކަމަށް ޓަކައި ރާއްޖޭގައި އެއާޕޯޓް ހިމެނޭ ރަށްރަށަށް ޒިޔާރަތްކޮށް ކަމާގުޅޭ ފަރާތްތަކާ މަޝްވާރާކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ދިރާސާ 16 ހަފުތާގެ ތެރޭގައި ނިންމާނެ ކަމަށް ވެސް ޑރ. ޝެހެނާޒް ވިދާޅުވިއެވެ.