ފަލަސްތީނުގެ ޔޫއާރްޑަބްލިއުއޭއަށް ދޭ އެހީ އިޔާދަކުރަން މިސްރުން އެދެފި

މިސްރުގެ ހާރިޖީ ވަޒީރު ސަމީހު ޝުކުރީ -- ފޮޓޯ/މިޑްލް އީސްޓް މޮނިޓާ

ފަލަސްތީނުގައި ހަރަކާތްތެރިވާ އދގެ ރެފިއުޖީ އެޖެންސީ (ޔޫއެންއާރުޑަބްލިއުއޭ)އަށް މާލީ އެހީ ދިނުން ހުއްޓައިލުމަށް ނިންމި ނިންމުން އަނބުރާ ގެންދަން މިސްރުން އެމެރިކާއަށް ގޮވައިލައިފިއެވެ.

މިސްރުން އެގޮތަށް ގޮވައިލީ މިސްރުގެ ޚާރިޖީ ވަޒީރު ސަމީހް ޝުކްރީ މެދުއިރުމަތީގެ އިންސާނީ މައްސަލަތަކާ ބެހޭ އެމެރިކާގެ ހާއްސަ މަންދޫބު ޑޭވިޑް ސެޓަރފީލްޑާ އެކު ބޭއްވެވި މަޝްވަރާ ބައްދަލުވުމެއްގައެވެ.

އެ ބައްދަލުވުމާ ގުޅިގެން މިސްރުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދެ ފަރާތުގެ މެދުގައި ކުރެވުނު މަޝްވަރާތަކުގައި ޣައްޒާގެ އިންސާނީ ހާލަތު ގޯސްވެފައި އޮތް މިންވަރުގެ މައްޗަށް ވަރަށް ބޮޑަށް އަލިއަޅުއްވައިލެއްވިއެވެ.

ޔޫއާރްޑަބްލިޔުއަށް އެހީވުން ހުއްޓައިލައިފައިވާކަން ބައެއް ގައުމުތަކުން ހާމަކޮށްފައިވަނީ އޮކްޓޫބަރު ހަތްވަނަ ދުވަހު ޣައްޒާގައި ވެރިކަންކުރާ ހަމާސް ޖަމާއަތުން އިސްރާއީލުގެ ރަށްތަކަށް ދިން ހަމަލާގައި އެ އިދާރާގެ ބައެއް މުވައްޒަފުން ބައިވެރިވެފައިވާ ކަމަށް ތުހުމަތުކުރެވިގެންނެވެ.

އެގޮތުން ވިލާތުގެ އިއްތިހާދު ހިމެނޭހެން ގާތްގަޑަކަށް 18 ގައުމަކުން ވަނީ ޔޫއެންއާރުޑަބްލިއުއޭއަށް ދޭ މާލީ އެހީ ދިނުން މެދުކަނޑައިލައިފައެވެ.

ހަމާސްއިން ދިން ހަމަލާތަކުގައި ޔޫއެންއާރްޑަބްލިޔުއޭގެ މުވައްޒަފުންގެ ބައިވެރިވުން އޮތްތޯ ތަހުގީގުކުރަމުން އަންނަ ކަމަށް އެ އިދާރާއިން ބުނެއެވެ.

ހުޅަނގުގެ ގިނަ ގައުމުތަކުން އެހީ ދިނުން ހުއްޓައިލުމާ ގުޅިގެން ޔޫއާރްޑަބްލިޔުއޭގެ ވެރިޔާ ފިލީޕޯ ލަޓްޒަރީނީ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި، އެ ނިންމުން ބަދަލުކުރުމަށް އޭނާ ވަނީ ގައުމުތަކަށް ގޮވައިލައިފައެވެ.

ޔޫއާރްޑަބްލިޔުއޭއަށް އެހީ ދިނުން ހުއްޓައިލުމާ ގުޅިގެން ގާޒާގެ އިންސާނީ ނިޒާމު ފުނޑުފުނޑު ވެދާނެ ކަމަށް އދ.ގެ އިސް އޮފިޝަލުންތަކެއް ވަނީ އިންޒާރު ވެސް ދެއްވައިފައެވެ.

comment ކޮމެންޓް