ހުކުރު ޚުޠުބާ އިނގިރޭސިބަހަށް ތަރުޖަމާކޮށް ބިދޭސީންނަށް ލިބޭގޮތް ހަދައިފި

ހުކުރު ޚުޠުބާ އިނގިރޭސި ބަހަށް ތަރުޖަމާކޮށް ބިދޭސީންނަށް ލިބޭނެގޮތް ހެދުން-- ފޮޓޯ/އިސްލާމިކް މިނިސްޓަރު

ރާއްޖޭގެ ހުކުރު ޚުތުބާތައް އިނގިރޭސި ބަހަށް ތަރުޖަމާކޮށް އަދި ޗާޕްކޮށް ރާއްޖޭގައި ދިރިއުޅޭ ބިދޭސިންނަށް ލިބޭގޮތް ހަމަޖައްސައިފިއެވެ.

މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގައި ދިރިއުޅޭ ބޭރު ގައުމުތަކުގެ މުސްލިމުންނަށް ރާއްޖޭގެ ހުކުރު ހުތުބާތައް ލިބޭނެ ގޮތް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، އިސްލާމްދީނަކީ އާލަމީ ރިސާލަތެއް ކަމުގައެވެ.

އަދި، އިސްލާމީ މެދުމިންކަމުގެ މަންހަޖާއި ސައްޙަ މައުލޫމާތު މުސްލިމުންނަށް ފޯރުކޮށްދިނުމަކީ ނުހަނު ބޭނުންތެރިކަމެއްކަން މިނިސްޓަރު ފާހަގަކުރެެއްވިއެވެ.

ކޮންމެ ހުކުރު ދުވަހަކު ރާއްޖޭގެ މިސްކިތްތަކުގައި އިއްވާ ހުކުރު ޚުތުބާގެ ތަރުޖަމާ އެކި ބަސްބަހުން އޮންލައިންކޮށް ލިބޭނެ ގޮތް ހަދައި، އިނގިރޭސި ސަބްޓައިޓަލް ލައިވްގައި ދައްކަން އިސްލާމިކް މިނިސްޓްރީން ވަނީ މީގެ ކުރިން ނިންމައިފައެވެ.

ގިނަ އަދަދެއްގެ ބިދޭސީން ރާއްޖޭގައި ދިރިއުޅެމުން އައުމާއެކު ޚުތުބާގެ ތަރުޖަމާ އެހެން ބަސްބަހުން އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސާނެކަމަށް ޝަހީމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ހުކުރު ހުތުބާތައް އިނގިރޭސި ބަހަށް ތަރުޖަމާކޮށް، ޗާޕުކޮށްގެން ނެރެވޭނެ އިންތިޒާމް މިހާރު ހަމަޖައްސާފައިވާއިރު، އިސްލާމިކް މިނިސްޓްރީން އަންނަނީ އިޝާރާތުގެ ބަހުން ވެސް ޚުތުބާ ގެނެސްދެމުންނެވެ.

comment ކޮމެންޓް