މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މި އަހަރުގެ މިހާތަނަށް އެކަނި ވެސް ސްކޭމްތަކުގައި 27 މިލިއަން ރުފިޔާ ގެއްލިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުންގެ އިކޮނަމިކް ކްރައިމްސް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ބޮޑެތި މައްސަލަތަކާ ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދޭން އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން މި އަހަރުގެ މިހާތަނަށް އެކަނި ވެސް ސްކޭމް މައްސަލަތަކުގައި 27 މިލިއަން ރުފިޔާ ގެއްލިފައިވާ ކަމަށެވެ.
އެގޮތުން، ފުލުހުން ލިޔެކިޔުންތައް ބަލަހައްޓަން ފެށި ފަހުން މިހާތަނަށް ސްކޭމްގެ ކުށްތަކާ ގުލޭ ޖުމުލަ 28،003 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެ މައްސަލަތަކުގައި ޖުމުލަ 57 މިލިއަން ރުފިޔާއާއި 64 ލައްކަ އެމެރިކާ ޑޮލަރު ގެއްލިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންވެ، ސްކޭމްގެ ކުށްތައް މަދުކުރަން ސްކޭމް ޕްރިވެންޝަން ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އަބްދުﷲ ރަޝީދު ވިދާޅުވިއެވެ. މާޗު މަހު އެ ސެންޓަރުގެ މަސައްކަތް ފެށޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ތަފާތު ގޮތްގޮތަށް ސްކޭމްތައް ކުރާ ކަމަށެވެ. އެގޮތުން:
- ބިމެއް، ފުލެޓެއް ނުވަތަ ޕްރޮމޯޝަނަކުން އިނާމެއް ލިބުނު ކަމަށް ބުނެ
- ފޯނަށް ލިންކެއް ފޮނުވައިގެން ޒާތީ މައުލޫމާތު ހޯދައިގެން
- ނުދަންނަ ނަންބަރަކުން ގުޅައި އާއިލީ ރައްޓެއްސެއް ނުވަތަ ދަންނަ މީހެއް ކަމަށް ހެދިގެން
- މީސްމީޑިއާގެ މަންސަތައް މެދުވެރިކޮށް ޑޮލަރު ވިއްކާ ކަމަށް ބުނެ
- ހަށިވިއްކުމާއި ބަދުއަހުލާގީ އަމަލުތަކާ ގުޅުވައިގެން
- އެކިއެކި ބާވަތްތަކުގެ މުދާ ވިއްކައިގެން
- ސްކޭން އެންޑް ޕޭ ބޭނުންކޮށްގެން
- އޯޓީޕީ ހޯދައިގެން
"އޭރަކު އެންމެ ހިނގާ ކަންކަން، މިސާލަކަށް ފަލަސްތީނު ފަންޑަށް އެހީވުމޭ ކިޔައިގެން ވެސް މި ކަހަލަ ކަންތައްތައް ހިންގަމުންދޭ،" އޭނާ ވިދާޅުވިއެވެ.
"ސްކޭމް ހުއްޓުވަން އަޅުގަނޑުމެންނާއި އަޅުގަނޑުމެންނާ ގުޅުންހުރި އިދާރާތަކުން މި ދަނީ ވަރަށް ބައިވަރު މަސައްކަތްތައް ކުރަމުން. އޭގެ ތެރޭގައި 2022 ވަނަ އަހަރު އަޅުގަނޑުމެން 100 ދުވަހުގެ ޕްރޮގްރާމެއް ހިންގިން،"
އަބްދުﷲ ރަޝީދު ވިދާޅުވީ، ސްކޭމްތައް މަދުކުރަން ފުލުހުންނާއި އަދި އެހެން އިދާރާތައް ގުޅިގެން ގިނަ ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށެވެ. އަދި، އެ ފިޔަވަޅުތަކުގެ ސަބަބުން އެފަދަ ކުށްތައް މަދުވާކަން ފާހަގަކުރައްވައި އޭމާ ވިދާޅުވީ، ބަދަލުތަކާ އެއްގޮތަށް ކުށްކުރާ މީހުން ކުށްކުރަން ގެންގުޅޭ އުކުޅުތައް ވެސް ބަދަލުކުރާ ކަމަށެވެ.
އެގޮތުން، ސްކޭމްގެ މައްސަލަތަކުގައި މިދިޔަ އަހަރު ހުށަހެޅުނު މައްސަލަތަކުގެ އަދަދު އޭގެ ކުރީ އަހަރާ ބަލާއިރު މަދު ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން، 2022 ވަނަ އަހަރު ސްކޭމްގެ 1،081 މައްސަލަ ރިކޯޑު ކުރެވިފައިވާއިރު މިދިޔަ އަހަރު ރިކޯޑު ކުރެވިފައިވަނީ 971 މައްސަލަ ކަމަށް އޭނާ ވިދާޅުވިއެވެ.
"މަދު މައްސަލަ ހުށަހެޅުނު ކަމުގައިވީ ނަމަވެސް، ފައިސާގެ ގެއްލުމުގެ އަދަދު ވަނީ 2022 އަށް ވުރެ 2023 ގައި ބޮޑުވެފައި،" އޭނާ ވިދާޅުވިއެވެ.