ރާމަﷲ (31 ޖަނަވަރީ 2024): މިނިވަން ދައުލަތެއްގެ ގޮތުގައި ފަލަސްތީނު ބަލައިގަތުމާމެދު އިނގިރޭސިވިލާތުން ވިސްނަމުންދާ ކަމަށް އެގައުމުގެ ޚާރިޖީ ވަޒީރު ޑޭވިޑް ކެމެރޮން ވިދާޅުވިނަމަވެސް އެކަމަށް މާބޮޑު ބުރަދަނެއް ދިނުމަށް ފަލަސްތީނުން ފަސްޖެހިއްޖެއެވެ.
ކެމެރޮންގެ މިބަޔާނަށް އިޝާރާތް ކުރައްވައި ފަލަސްތީނުގެ ސަރުކާރު ނުވަތަ ފަލަސްތީނުގެ ވެރިކަމުގެ އިދާރާގެ ރަސްމީ މީޑީއާއިން ބުނީ ފަލަސްތީނުގެ މިނިވަން ދައުލަތަށް އިއުތިރާފުވެ ފަލަސްތީނުގެ ބިންތަކުން އިސްރާއީލު ފޭބުމަށް ބާރުއަޅައި އެކަމަށް އިސްރާއީލަށް ފިއްތުންތައް ކުރިމަތިކުރުމުގައި އެމެރިކާއާއި ޔޫރަޕް ފޭލްވެފައިވާކަމުގައެވެ.
އޮސްލޯގެ އެއްބަސްވުމާ އެއްގޮތަށް ފަލަސްތީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާއިން ފާބައި އިސްތިއުމާރު ނިމުމަކަށް ގެނައުމަށް ބައިނަލްއަގްވާމީ ގޮތުން އިސްރާއީލަށް ފިއްތުންތައް ކުރިމަތިކުރިނަމަ ފަލަސްތީނުގެ ރައްޔިތުންނަށް މިހާރު ކުރިމަތިލާންޖެހިފައިވާ ނިކަމެތިކަމާއި ގަތުލުއާންމުތަކާ ކުރިމަތިލާން ނުޖެހުނީސްކަމަށާ މިކަމުގެ ޒިންމާ އިނގިރޭސިވިލާތް ހިމެނޭގޮތަށް ބައިނަލްއަގްވާމި މުޖްތަމައުން އުފުލަންޖެހޭނެކަމަށްވެސް ފަލަސްތީނުގެ ރަސްމީ މީޑިއާ ބުނެއެވެ.
ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރާ ޖަމާއަތްތަކުގެ ތެރެއިން ބައެއް ޖަމާއަތްތައް ބުނާގޮތުން މިނިވަން ދައުލަތެއްގެ ގޮތުގައި ފަލަސްތީނު ބަލައިގަތުމާމެދު ވިސްނަމުންދާކަމަށް އިނގިރޭސި ޚާރިޖީ ވަޒީރު ވިދާޅުވީ ހެޔޮނިޔަތެއް އޮވެގެނެއް ނޫނެވެ. އެއީ ސިޔާސީ އުކުޅެކެވެ. އިސްރާއީލުން ޣައްޒާގައި ހިންގަމުންގެންދާ ގަތުލުއާންމުތަކަށް އިނގިރޭސިވިލާތުން ދޭ އެއްބާރުލުން ފޮރުވުމަށް ބޭނުންކުރި ޓެކްޓިކެކެވެ. އިނގިރޭސިވިލާތަކީ ފަލަސްތީނު ރައްޔިތުންގެ މިނިވަންކަމުގެ އަޑުކަނޑުވާލައި ފަލަސްތީނު މީހުން މިނިވަންކަމަށް ކުރާ ޖިހާދަކީ ޓެރަރިޒަމްކަމަށް ސިފަކުރާ ގައުމެކެވެ.
ޣައްޒާގެ އާންމުންނާ ދެކޮޅަށް ޔަހޫދީ އިސްރާއީލު ހިންގަމުންގެންދާ ގަތުލުއާންމު ހުއްޓާލުމަށް ގޮވާނުލާ އަދި އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިއުމާރު ކުށްވެރި ކުރުމުގެ ބަދަލުގައި ފަލަސްތީނުގެ މިނިވަންކަމުގެ ޖިހާދު ކުށްވެރިކޮށް ފަލަސްތީނުގެ މުޖާހިދުން ޓެރަރިސްޓުންގެ ގޮތުގައި ސިފަކުރާ މަދު ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތް ހިމެނެއެވެ.
އިނގިރޭސި ޚާރިޖީ ވަޒީރު ޑޭވިޑް ކެމެރޮން ވިދާޅުވިގޮތުގައި މިނިވަން ދައުލަތެއްގެ ގޮތުގައި ފަލަސްތީނު ބަލައިގަތުމަކީ މިހާރު ކުރަންޖެހިފައިވާ ކަމެކެވެ. މިކަންކުރުމަކީ ޣައްޒާގެ އާންމުންނާ ދެކޮޅަށް އިސްރާއީލު ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް އިސްރާއީލަށް ކުރިމަތިކުރެވޭ ފިއްތުންތަކަކަށް އަދި ފަލަސްތީނުގެ ހައްގުތައް ދިނުމަށް އިސްރާއީލަށް އެޅޭ ބާރަކަށް ވެގެންދާނެކަމަށްވެސް ކެމަރޮން ވިދާޅުވިއެވެ.
އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ފަލަސްތީނުގެ ބިމުގައި ފަލަސްތީނަށް ދައުލަތެއް އުފެއްދުމަށް (ދެދައުލަތުގެ ހައްލަށް) ދެކޮޅު ހަދާނެކަމަށް ވިދާޅުވެ ހަރުކަށި ބަޔާންތައް ދެއްވާފައެވެ. އަދި އިސްރާއީލުގެ ސަރުކާރުތަކުންވަނީ ފަލަސްތީނުގެ ބިމުގައި ފަލަސްތީނަށް ދައުލަތެއް އުފެއްދުމަށް އޮތް ބިންތަކުގައި ޔަހޫދީން ވަޒަންވެރިކޮށް ދެދައުލަތުގެ ހައްލު ނަގާލާފައެވެ.
އެހެންކަމުން މިހާރު މިއޮތްގޮތުން ދެދައުލަތުގެ ހައްލަކީ އެމެރިކާއާއި އިނގިރޭސިވިލާތްފަދަ ގައުމުތަކުން ޑިޕްލޮމަސީއަށް ޓަކައި ހަމައެކަނި ބުނެލާ ބަހަކަށްވެފައިވާއިރު މިއީ އަމަލީގޮތުން ދެން ކުރެވޭނެ ކަމެއްނޫންކަމަށް ފަލަސްތީނުން ދެކެއެވެ.
އަނެއްކޮޅުން ދެދައުލަތުގެ ހައްލަކީ އިސްރާއީލަށް އާދަޔާ ޚިލާފަށް ފިއްތުންތައް ކުރިމަތިކޮށްގެން މެނުވީ މިކަމަކަށް އިސްރާއީލު އެއްބަސް ނުކުރެވޭނެކަމަކަށްވާއިރު އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކަކީ ޔަހޫދީ އިސްރާއީލަށް އެއްވެސް ފިއްތުމެއް ކުރިމަތިކުރެވޭ ހާލަތުގައި އޮތް ގައުމުތަކެއް ނޫނެވެ.
މީގެބަދަލުގައި ހަގީގަތަކީ އެއީ ޒަޔަނިސްޓް މަހުޖަނުން ކޮންޓްރޯލް ކުރާ ވެރިކަމުގެ ނިޒާމުތަކެއް ހުރި ގައުމުތަކަކަށް ވެފައިވުމެވެ. އެހެންކަމުން އިސްރާއީލަށް އެއްވެސް ވަރެއްގެ ފިއްތުމެއް ކުރިމަތިކުރުމަކީ މިގައުމުތަކަށް މުސްތަހީލް ކަމެއްކަމަށް މުހައްލިލުން ވިދާޅުވެއެވެ.