ރައްޔިތުންގެ މަޖިލީހުން އިސްލާމީ ކަންކަމާ ބެހޭ ވަޒީރު ޑރ. ޝަހީމަށް ރުހުން ނުދިނީ ވަގު ކޯޓާ ވިއްކާ ހައްޖު ގުރޫޕުތަށް ހުއްޓުވުމުން އެ ގުރޫޕުތަކުގެ ވެރިންގެ ނުފޫޒުން ކަމަށް ވަޒީރު ތުހުމަތުކުރައްވައިފިއެވެ.
މިކަމާ ގުޅިގެން 'ސަން' އަށް މައުލުމާތު ދެއްވަމުން ޝަހީމް ވިދާޅުވީ ރުހުން ނުދޭން ނިންމި މަޖިލިސް މެންބަރުންގެ އާއިލާ މީހުންގެ ތެރޭގައި ހައްޖު ގުރޫޕުތައް ހިންގާ މީހުން ހިމެނޭ ކަމަށެވެ.
އޭގެ ތެރޭގައި ޑިމޮކްރެޓްސްއަށް ނިސްބަތްވާ އީވާ އަބްދުﷲ ހިމެނޭކަމަށް ޝަހީމް ވިދާޅުވިއެވެ.
"އީވާގެ އާއިލާ ގެ ހައްޖު ގުރޫޕެއް އޮވޭ. ހިޔަލީގެ ހައްޖު ގުރޫޕެއް އޮވޭ، އޭނަގެ ދަރި ހުންނަނީ އެމްޑީޕީ ޕީޖީގައި. މި ދެބައި މީހުން ޒަމާންތަކެއްވަންދެން ހިންގަމުން ދިޔަ ޖަރީމާތައް ހުއްޓުނީމަ އެކަމުގެ ރުޅި މި ބާލަނީ،" ޝަހީމް ވިދާޅުވިއެވެ.
ރާއްޖޭން މީހުން ހައްޖަށް ގެންދިއުމަށް މިހާރު ލިބޭ އެއް ހާސް ކޯޓާ އެއްކޮށް ހައްޖު ކޯޕަރޭޝަންއަށް ދިނުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ނިންމަވާފައިވާއިރު، އެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީއާއި ހައްޖު ކޯޕަރޭޝަންއާ ދެމެދު ވަނީ ސޮއި ކޮށްފައެވެ.
އެހެންނަަމަވެސް އެއަށްވުރެ އިތުރަށް ކޯޓާ ލިބޭނަމަ އަމިއްލަ ކުންފުނިތަކަށް ކޯޓާ ދޭނެކަމަށް ވެސް ޝަހީމް ވަނީ ވިދާޅުވެފައެވެ.
އީވާގެ އާއިލާގެ ހައްޖު ގްރޫޕު ކަމުގައި ޝަހީމް ސިފަކުރި ހައްޖު ގުރޫޕަކީ، އީވާގެ ފިރިމީހާގެ ބައްޕަގެ ހައްޖު ގުރޫޕެއް ކަމަށްވާ ސިސިލްފަރު ހައްޖު ގުރޫޕެވެ.
ޝަހީމް އިތުރަށް ތުހުމަތު ކުރައްވާ ހިޔަލީއަކީ މީގެ ކުރިން 15 އަހަރު ވަންދެން ރައްޔިތުންގެ މަޖިލީހުގެ މެންބަރެކެވެ. އަދި އޭނާ އަކީ ސަރުކާރަށް ވެސް 30 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކޮށްދީފައިވާ މީހެކެވެ. މީގެ އިތުރުން، ސްޕޯޓްސް ކައުންސިލުގެ ރައީސެއްގެ މަގާމުގެ އިތުރުން އޭނާ ވަނީ އެފްއޭއެމްގެ ނައިބު ރައީސްކަމުގެ މަގާމު ވެސް ފުރުއްވައިފައެވެ.
އޭނާގެ ދަރިފުޅަކީ ހިތަދޫ މެދު ދާއިރާގެ މެންބަރު ކަމަށްވާ އަހުމަދު ރަޝީދެވެ. އޭނާގެ ހައްޖު ގުރޫޕުގެ ގޮތުގައި ޝަހީމް ސިފަ ކުރެއްވައިފައިވާ ގުރޫޕަކީ އަލް ހަރަމައިން ހައްޖު ގުރޫޕެވެ.
ދާދި ފަހުން، އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ވޯޓާއެކުވަނީ ރައީސް އައްޔަނު ކުރެއްވި ތިން ވަޒީރުންނަށް ރުހުން ނުދޭން ފާސްކޮށްފައެވެ. އޭގެ ތެރޭގައި ޝަހީމް ވެސް ހިމެނިވަޑައިގަންނަވައެވެ.
އެ ވޯޓުގައި 31 މެންބަރުން ވަނީ ޝަހީމަށް ރުހުން ނުދޭން ވޯޓު ދީފައެވެ. ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވެސް އިސްލާމިކް މިނިސްޓަރުކަން ކުރެއްވި ޝަހީމަށް ރުހުންދޭން ވޯޓު ދެއްވީ 30 މެންބަރުންނެވެ. އަށް މެންބަރުން ވަނީ ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާ ކަމަށް ވޯޓު ދީފައެވެ.
އެހެން ނަމަވެސް ފަހުން ރައީސް ވަނީ އެ ތިން ވަޒީރުން ވެސް މަގާމަށް އައްޔަނުކުރައްވައިފައެވެ.
މީގެ އިތުރުން އެމްޑީޕީގެ ޕީޖީ ގުރޫޕުން ވަނީ ރައީސް އަޒުލު ކުރުމަށް ސޮއި ހަމަކޮށް މި ދައުރު ތެރޭގައި މަޖިލީހަށް ހުށަހަޅަން ވެސް ނިންމައިފައެވެ.