މި އަހަރު 2.3 މިލިއަން ފަތުރުވެރިން ގެނެވޭނެ ކަމަށް މިނިސްޓަރު ލަފާކުރައްވައިފި

ފަތުރުވެރިކަމާ ބެހޭ ވަޒީރު ފައިސަލް: އޭނާ ވިދާޅުވީ އަމާޒަކީ 2.3 މިލިއަން ފަތުރުވެރިން ގެނައުން ކަމަށް -- ފޮޓޯ/ މިނިސްޓްރީ

މި އަހަރު ނިިމޭއިރު 2.3 މިލިއަން ފަތުރުވެރިން ރާއްޖެ ގެނެވޭނެ ކަމަށް އުންމީދު ކުރައްވާ ކަަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މޯލްޑިވްސް ޔޫތު "ހެކަތަން" އިފްތިތާހު ކުރުމަށް މިއަދު ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިިނިސްޓަރު ވިދާޅުވީ ޗައިނާ އަދި އިންޑިއާގެ މާކެޓު އެއްވަރެއްގައި ހިފެހެއްޓިއްޖެނަމަ މި އަހަރު ނިމުމުގެ ކުރިން 2.3 މިލިއަނަށް ޓޫރިސްޓް އަރައިވަލް އަރާނެކަމުގެ އުއްމީދު ވަރަށް ބޮޑަށް އެބައޮތް ކަމުގައިއެވެ.

މޯލްޑިވްސް މާކެޓިން ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އާ އެކު ޓޫރިޒަމް މިނިސްޓްރީން މި ކަމުގައި މުހިއްމު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެމްއެމްޕީއާރުސީއާ އެކު ކުރެވޭ މަސައްކަތުން އަޅުގަނޑުމެން މި ޓާގެޓު ކުރަނީ ދެ މިލިއަން. އެހެން ނަމަވެސް، ޗައިނާ އަދި އިންޑިއަން މާކެޓު މިހާރު ހުރި ވަރުގައި ހިފެހެއްޓިއްޖެ ނަމަ 2.3 މިލިއަންއަށް ވުރެ އިތުރު ވާނެކަމަށް ބެލެވޭ،" އޭނާ ވިދާޅުވިއެވެ.

މިދިޔަ އަހަރު 1.8 މިލިއަން ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

ޓޫރިޒަމް މިނިސްޓްރީން މި މަހުގެ 29ވަނަ ދުވަހުގެ ނިޔަލަށް އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި މި މަހުގެ މިހާތަނަށް މުޅި ޖުމްލަ 174,400 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މިހާތަނާ އަޅާ ބަލާއިރު 12 ޕަސަންޓުގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ 28 ވަނަ ދުވަހާ ހަމައަށް ރާއްޖެ އައިސްފައި ވަނީ، 155,851 ފަތުރުވެރިންނެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުގައި 16,529 ފަތުރުވެރިންނާއެކު މާކެޓުގެ ތިންވަނައިގައި ޗައިނާ އޮތްއިރު، 18,111 ފަތުރުވެރިންނާ އެކު ދެވަނައިގައި އޮތީ އިނގިރޭސިވިލާތެވެ. އަދި 18,561 ފަތުރުވެރިންނާއެކު އެއްވަނަ މާކެޓެއްގެ ގޮތުގައި އޮތީ ރަޝިއާއެވެ.

comment ކޮމެންޓް