އެލައިޑް އިންޝުއަރެންސްއިން އެ ކުންފުނީގެ އޮންލައިން ކަސްޓަމްރުންނަށް ޚާއްސަ ކޮށްގެން އާ ގިވްއަވޭ ސީރީޒެއް ތައާރަފްކޮށްފިއެވެ.
މި ގިވްއަވޭ ސީރީޒަކީ އެ ކުންފުނީގެ 39ވަަނަ އަހަރީ ދުވަހާ ގުޅިގެން އެ ކުންފުނިން ތައާރަފް ކުރި ގިވްއަވޭ ސީރީޒެއްކަމަށް އެ ކުންފުނިން ވަނީ މައުލޫމާތު ދީފައެވެ.
އެގޮތުން އެ ކުންފުނީގެ މާކެޓިން މެނޭޖަރު އައިޝަތު ސުދާ ވިދާޅުވީ އޮންލައިންކޮށް ޚިދުމަތް ހޯދާ ކޮންމެ ކަސްޓަމަރަކަށް ވެސް އެ ކުންފުނީގެ ފަރާތުން ކޮމްޕްލިމެންޓަރީ ހަދިޔާއެއް ލިބޭނެކަމަށެވެ.
އަދި އޭނާ ވިދާޅުވީ އެ ގިފްޓު ބަލައި އައުމަށް ކަސްޓަމަރުންނަށް 30 ދުވަހުގެ މުއްދަތެއް ލިބޭނެކަމަށާއި ގިފްޓް ބަލައި އައުމުން ކުންފުނީގެ ފްރަންޓް އޮފީހުން ހަދިޔާ ލިބިގެން ދާނެކަމަށެވެ.
"އޮންލައިންކޮށް ޚިދުމަތް ނަންގަވައި ކޮންމެ ކަސްޓަމަރަކަށް ވެސް ކުންފުނީގެ ފަރާތުން ކޮމްޕްލިމެންޓަރީ ގިފްޓެއް ލިބޭނެ. އަދި ގިފްޓު ބަލައި އައުމަށް ކަސްޓަމަރުންނަށް 30 ދުވަހުގެ މުއްދަތެއް ލިބޭނެ،" ސުދާ ވިދާޅުވިއެވެ.
ސުދާ ވިދާޅުވީ އޮންލައިންކޮށް ޚިދުމަތް ހޯދުމުން އެ ކަސްޓަމަރެއްގެ ފޯނަށް އެސްއެމްއެސްގެ ޒަރީއާއިން ރިފެރަލް ކޯޑެއް ލިބޭނެ ކަމަށެވެ. އަދި އެ ކޯޑު ފްރަންޓް އޮފީހުގެ ކައުންޓަރަށް ދެއްކުމުން ގިފްޓް ލިބޭނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން މިއަދު ރެޑް ކްރެސެންޓުގެ އިނީޝިއޭޓިވެއްގައި ބައިވެރިވެ އެއްބަސްވުމެއްގައި ވެސް އެލައިޑުންވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި އެލައިޑުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ލުވެއިޒެވެ. އަދި ރެޑް ކްރެސެންޓުގެ ފަރާތުން ސޮއިކުރެއްވީ އެ ޖައްމިއްޔާގެ ސެކެޓްރީ ޖެނެރަލް ފާތުމަތު ހިމްޔާއެވެ.
މި އިނިޝީއޭޓިވް އަކީ ކުންފުނިތަކުގެ ސީއެސްއާރުގެ ދަށުން އެކި ރަށްރަށަށް ބޭނުންވާ އެހީ ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ރެޑްކްރެސެންޓުން ކުންފުނިތަކަށް ހާއްސަކޮށްގެން ކުރިއަށްގެންދާ އިނިޝީއޭޓިވެކެވެ. މިކަމުގެ ދަށުން އެލައިޑަށް ރަށްރަށަށް ބޭނުންވާ ސޯޝަލް ކެއާ އާއި ދުޅަހެޔޮކަމާ ގުޅޭ ޕްރޮގުރާމްތަކާއި ކުއްލި ހާލަތްތަކުގައި ބޭނުންވާ އެހީ ފޯރުކޮށްދިނުމުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދެެއެވެ.
އަދި މި އިނީޝިއޭޓިވްގެ އިތުރުން އެލައިޑްގެ ސީއެސްއާރު ޕްރޮގުރާމް "ޕްރިމިއަމް ފޯ ގުޑް"ގެ ދަށުން މިއަދު ވަނީ މޯލްޑިވްސް ޕޮލިސް ސާވިސްގެ "ރައްކާ" ޕްރޮގްރާމާ ވެސް ގުޅިފައެވެ.
"ރައްކާ" އަކީ އެކްސިޑެންޓުތަކުން ރައްކާތެރިވުމަށް އާއްމުންގެ މެދުގައި އަހުލުވެރިކަން އިތުރުކުރުމުގެ ގޮތުން މޯލްޑިވްސް ޕޮލިސް ސާވިސްއިން އެލައިޑާ އެކު ކުރިއަށް ގެންދާ ޕްރޮގުރާމެކެވެ. މި ޕްރޮގްރާމު ސްކޫލު އަދި ކޮލެޖު ދަރިވަރުންނާއި ބެލެނިވެރިން އަދި އޮފީސްތަކަށް ވެސް ހިންގައެވެ.
އެލައިޑް އިންޝުއަރެންސްއަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި އިންޝުއަރަންސްގެ ޚިދުމަތް ދެމުން އަންނަ ކުންފުންޏެވެ.