ބަންގްލަދޭޝަށް ގޭސް ސަޕްލައި ކުރުމަށް ގަތަރާއެކު އެއްބަސްވުމަކަށް

ގަތަރުގެ ހަކަތަ އުފައްދާ ކުންފުނި ގަތަރުއެނާޖީ. ފޮޓޯ/އިންގްލިޝް އަރަބިޔާ

ބަންގްލަދޭޝަށް ގުދުރަތީ ގޭސް ފޯރުކޮށްދިނުމަށް އެމެރިކާގެ އެކްސެލެރޭޓް އެނާޖީއާ އެކު ގަތަރުން 15 އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް ގަތަރުގެ ހަކަތަ އުފައްދާ ކުންފުނި ގަތަރު އެނާޖީން ބުނެފިއެވެ.

2026ވަނަ އަހަރުގެ ޖެނުއަރީ މަހު އަމަލުކުރަން ފަށާ އެ އެއްބަސްވުމުގެ ދަށުން ބަންގްލަދޭޝްއަށް ފޯރުކޮށްދިނުމަށް އަހަރަކު އެއް މިލިއަން ޓަނުގެ ލިކުއިފައިޑް ނެޗުރަލް ގޭސް ގަތަރުން އެކްސެލެރޭޓަށް ސަޕްލައި ކުރާނެއެވެ.

އެކްސަލަރޭޓަށް ގޭސް ސަޕްލައި ކޮށްދިނުމަށް ގަތަރުން އެއްބަސްވެފައި ވަނީ ޗައިނާގެ ސިނޮޕެކް، ފަރަންސޭސިވިލާތުގެ ޓޯޓަލް، އިނގިރޭސިވިލާތުގެ ޝެލް އަދި އިޓަލީގެ އެނީއާ އެކު ގޭސް ސަޕްލައި ކުރުމުގެ އެއްބަސްވުންތަކެއް އިއުލާނުކޮށްފައި ވަނިކޮށެވެ. 27 އަހަރުގެ މުއްދަތަށް ވެފައިވާ އެ އެއްބަސްވުންތަކަކީ ހަކަތައިގެ ސިނާއަތުގައި އެންމެ ދިގު މުއްދަތަކަށް ވެފައިވާ އެއްބަސްވުންތަކެވެ.

ބަންގްލަދޭޝްއަށް ގޭސް ފޯރުކޮށްދޭން ވެފައިވާ އެ އެއްބަސްވުމާއި ގުޅިގެން ގަތަރުގެ ހަކަތައާބެހޭ ވަޒީރު، ސާދް އަލް ކާބީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އައު އެއްބަސްވުމަކީ އެކްސެލެރޭޓާ އެކު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމެއް ކަމަށާއި، އަދި ބަންގްލަދޭޝްގެ ހަކަތައަށް ބޭނުންވާ ކަންކަމާއި، އިގްތިސާދީ ގޮތުން ބޮޑު ކުރިއެރުމެއް ލިބުމަށް އެހީތެރިވެދޭނެ އެއްބަސްވުމެއް ކަމަށެވެ.

އޭޝިއާގެ ގައުމުތަކުގެ ތެރެއިން ޗައިނާ، ޖަޕާން އަދި ދެކުނު ކޮރެއާ އަކީ ގަތަރުން ގޭސް ސަޕްލައިކުރާ މައިގަނޑު ގައުމުތަކެވެ.

ބަންގްލަދޭޝްގެ ދައުލަތުގެ ހަކަތަ ކުންފުނި ޕެޓްރޯބަންގްލާއާ އެކު 15 އަހަރަށް އަހަރަކު ދުވަހުގެ އެއްބަސްވުމެއްގައި ގަތަރު އެނާޖީން މިދިޔަ ޖޫން މަހު ވަނީ ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގެ ދަށުން އަހަރަކު 1.5 މިލިއަން ޓަނުގެ ގުދުރަތީ ގޭސް ފޯރުކޮށްދޭނެއެވެ. ގަތަރަކީ ބަންގްލަދޭޝްއަށް އެންމެ ގިނައި ގޭސް ސަޕްލައިކޮށްދޭ ގައުމެވެ.

އެމެރިކާ، އޮސްޓްރޭލިއާ އަދި ރަޝިޔާ އެއްވަރަށް ގަތަރަކީ ވެސް ދުނިޔޭގެ އެންމެ ގިނައިން ގުދުރަތީ ގޭސް އުފައްދާ އެއް ގައުމެވެ.

comment ކޮމެންޓް