ޣައްޒާގައި މިހާރުން ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަލަސްތީނު ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދޭ ފަލަސްތީނުގެ ރެފިއުޖީންނާބެހޭ އދ.ގެ އިދާރާ، (ޔޫއެންއާރްޑަބްލިޔުއޭ) އަށް އިތުރު ގައުމުތަކުން ވެސް މާލީ އެހީ ނުދޭން އިސްރާއީލުން ގޮވައިލައިފިއެވެ.
އެ އިދާރާއަށް އެހީވުން ހުއްޓައިލައިފައިވާކަން ބައެއް ގައުމުތަކުން ހާމަކޮށްފައި ވަނީ އޮކްޓޫބަރު ހަތްވަނަ ދުވަހު ޣައްޒާގައި ވެރިކަންކުރާ ހަމާސް ޖަމާއަތުން އިސްރާއީލުގެ ރަށްތަކަށް ދިން ހަމަލާގައި އެ އިދާރާގެ ބައެއް މުވައްޒަފުން ބައިވެރިވެފައިވާ ކަމަށް ތުހުމަތުކުރެވިގެންނެވެ.
އެގޮތުން ޔޫއެންއާރްޑަބްލިޔުއޭއަށް މާލީ އެހީ ދިނުން ހުއްޓައިލައިފައިވާ ގައުމުތަކުގެ ތެރޭގައި އެމެރިކާ، އޮސްޓްރޭލިޔާ، ކެނެޑާ، އިނގިރޭސިވިލާތް އިޓަލީ އަދި ފިންލޭންޑް ހިމެނެއެވެ.
އެ ކަމާ ގުޅިގެން އިސްރާއީލުގެ ހާރިޖީ ވަޒީރު އިސްރާއީލް ކަޓްޒް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ގައުމުތަކާ އެއްގޮތަށް އެހެން ގައުމުތަކުން ވެސް ޔޫއެންއާރްޑަބްލިޔުއޭއަށް އެހީ ދިނުން ހުއްޓައިލުމަށް ގޮވައިލައްވައިފައެވެ.
ހަމާސް އިން ދިން ހަމަލާތަކުގައި ޔޫއެންއާރްޑަބްލިޔުއޭގެ މުވައްޒަފުންގެ ބައިވެރިވުން އޮތްތޯ ތަހުގީގުކުރަމުން އަންނަ ކަމަށް އެ އިދާރާއިން ބުނެއެވެ.
ހުޅަނގުގެ ގިނަ ގައުމުތަކުން އެހީ ދިނުން ހުއްޓައިލުމާ ގުޅިގެން ޔޫއާރްޑަބްލިޔުއޭގެ ވެރިޔާ ފިލީޕޯ ލަޓްޒަރީނީ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެ ނިންމުން ބަދަލުކުރުމަށް އޭނާ ވަނީ ގައުމުތަކަށް ގޮވައިލައިފައެވެ.
އެހީ ދިނުން ހުއްޓައިލުމަކީ އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ޣައްޒާގައި ހާލުގައިޖެހިފައިވާ މީހުންނަށް ލިބޭނެ އިތުރު ގެއްލުމެއް ކަމަށް ލަޓްޒަރިނީ ވިދާޅުވިއެވެ.
އިސްރާއީލުގެ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން ގެދޮރު ގެއްލިފައިވާ ޣައްޒާގެ އެތައް ހާސް ބަޔަކު އަންނަނީ ޔޫއެންއާރްޑަބްލިޔުއޭގެ ވަގުތީ ހިޔާތަކުގައި ދިރިއުޅެމުންނެވެ. ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީ ވެސް ފޯރުކޮށްދެމުން އަންނަނީ އެ އިދާރާއިންނެވެ.
މީގެ 75 އަހަރު ކުރިން 1949 ވަނަ އަހަރު ޔޫއާރްޑަބްލިޔު އޭޖެންސީއަކީ ޣައްޒާ އާއި ހުޅަނގު އައްސޭރީގައި ތިބި ފަލަސްތީން ރައްޔިތުންނަށާއި އުރުދުން، ލުބުނާން އަދި ސޫރިޔާގެ ރައްޔިތުންނަށް ސިއްހީ، ތައުލީމީ އަދި އެހެނިހެން އިންސާނީ އެހީތެރިކަން ފޯރުކޮށްދެމުންދަ އިދާރާއެކެވެ.
އެ އިދާރާއަށް އެންމެ ގިނަ އަދަދަކަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަނީ އެމެރިކާ، ޖަރުމަނުވިލާތް އަދި ވިލާތުގެ އިއްތިހާދެވެ.