ފުވައްމުލަކަށް ކަރަންޓުދޭން ގައްދުއިން ބޭނުންނުކުރާ ޖަނަރޭޓަރެއް ގެންދަން އުޅުމުން ހަމަނުޖެހުމެއް

ގދ. ގައްދޫ --

ފުވަމުލަކަށް ކަރަންޓު ދޭން ގދ. ގައްދުއިން، އެ ރަށުގައި ހުރި ބޭނުންނުކުރާ ފެނަކައިގެ ޖަނަރޭޓަރެއް ގެންދަން އުޅުމުން އެރަށުގެ އާންމުން ނުކުމެ ހަމަނުޖެހުން ހިންގައި އެ ގެންދަން ހުރަސް އަޅައިފިއެވެ.

ޖެނެރޭޓަރު ސެޓު ނުވަތަ ޖެންސެޓެއްގައި މައްސަލަ ޖެހުމުން، ކަރަންޓުގެ ލޯޑު ބޮޑުވާތީ ފުވައްމުލަކު ސިޓީން އެކި ގަޑިގަޑީގައި އެކި ސަރަހައްދު ތަކުން، މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން އަންނަނީ ކަރަންޓު ކަނޑަމުންނެވެ.

އެހެންވެ އެ ކުންފުނިން ނިންމީ ގައްދޫގައި އިންސްޓޯލް ނުކޮށް، އިންޖީނުގެއަށް ވެސް ނުވައްދާހުރި އެ ކުންފުނީގެ 800 ކިލޯވޮޓަރުގެ ޖަނަރޭޓަރެއް ފުވައްމުލަކަށް ގެންދާށެވެ.

ނަމަވެސް އެ ކަން ކުރަން އެ ރަށު ރައްޔިތުން ހުރަސް އަޅާތީ، ފެނަކައިން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ ގައްދޫއިން ފުވަމުލަކަށް ގެންދަން އުޅުނު ޖަނަރޭޓަރު ގެންގޮސްފިނަމަ އެ ރަށުގެ އާންމު މަސްލަހަތު ގެއްލިދާނެ ކަމަށް އެކި ފަރާތްތަކުން މެނޭޖްމަންޓަށް ގުޅައި ޝަކުވާކުރި ކަމަށެވެ.

ފެނަކައިން ބުނީ އާންމުންގެ ޝަކުވާ މެނޭޖްމަންޓަށް އައުމުން ޖަނަރޭޓަރު ސެޓެއް ހޯދުމުގެ މަސައްކަތް ފެށި ނަމަވެސް، މިވަގުތު ރާއްޖޭގައި، 800 ކިލޯވޯޓުގެ ޖަނަރޭޓަރު ސެޓެއް ވިއްކަން ނެތުމުން ފުވަމުލަކުގެ ކަރަންޓު ހާލަތަށް ހައްލެއް ނުގެނެވި ދިގުލައިގެން ދިޔައީކަމަށެވެ

އެހެންވެ، އަވަސް ހައްލެއް ހޯދުމަށް، ގައްދޫގައި ހުރި ޖަނަރޭޓަރު ފުވަމުލަކަށް ފޮނުވުމަށް އެއްބާރުލުން ދިނުމަށް ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރެވުނު ކަމަށް އެ ބަޔާނުގައިވެއެވެ. އަދި މަޝްވަރާތަކަށްފަހު އެ ޖަނަރޭޓަރު ފުވަމުލަކަށް ގެންދަން ނިންމައި ގދ. ބުރާންޗުގެ ފެނަކަ އޮފީހަށް ލިޔުމުން އެކަން އެންގި ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެހެން ނަމަވެސް ގައްދޫއިން މި ޖަނަރޭޓަރު ސެޓު ފުވަމުލަކަށް ގެންދަން ފެނަކައިން ހިފި އުޅަންދެއް ފޮނުވުމުން ގައްދޫގެ ބައެއް ރައްޔިތުން ނުކުމެ އެ އުޅަނދުގެ ފަޅުވެރިންނަށް ބިރު ދައްކައިފައިވާކަމަށް ފެނަކައިން ވަނީ ބުނެފައެވެ.

ފެނަކައިން ބުނީ އެ ކުންފުނީގެ ހަރުމުދަލެއް ބޭނުވާ ދަނޑިވަޅެއްގައި އެހެން ތަނަކަށް ބަދަލު ކުރުމުގެ ފުރުސަތު އެ ކުންފުންޏަށް އޮންނަން ޖެހޭނެ ކަމަށް ގަބުލު ކުރާކަމަށެވެ. އަދި ފުވަމުލަކަށް ކުރިމަތިވި ދަތިކަމަށް އަވަސް ހައްލެއް ހޯދައިދިނުމުގެ ފުރުސަތު އެ ކުންފުންޏަށް އޮންނަން ޖެހޭނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

އަދި މިހާރު އެ ކުންފުނިން ދަނީ ކަމާގުޅުންހުރި ފަރާތްތަކާ ވާހަކަދައްކައިގެން ސުލްހަވެރިކަމާއިއެކު، އެ ޖަނަރޭޓަރު ފުވަމުލަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުން ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

comment ކޮމެންޓް