ފިލްމީ ތަރި ބޫމިކާ ޕެޑްނޭކަރު ކެރިއަރުގެ ފުރަތަމަ ވެބް ސީރީޒްއަށް ތައްޔާރުވެއްޖެއެވެ.
ޑައިރެކްޓަރު ޕްރިތިޝް ނަންދީގެ މި ވެބް ސީރީޒަކީ ލޯބީގެ ވާހަކަތަކެއް ކިޔައިދޭނެ ޑްރާމް ސީރީޒެކެވެ. ބޫމީއާ އެކު ޒުވާން އެކްޓަރު އިޝާން ހައްތަރު ލީޑް ރޯލުން ފެންނާނެ މި ވެބް ސީރީޒް ސްޓްރީމް ކުރަން ނިންމާފައި ވަނީ ނެޓްފްލިކްސްއިންނެވެ.
ނެޓްފްލިކްސްއާ ގުޅިގެން "ރޯޔަލްސް"ގެ ނަމުގައި އުފައްދާ ވެބް ސީރީޒަކީ އެމޭޒަން ޕްރައިމް ވީޑިއޯގެ މަޝްހޫރު ވެބް ސީރީސް "ފޯ މޯ ޝޮޓް ޕްލީޒް" ގެނެސްދީފައިވާ ޕްރިތިޝް ނަންދީގެ ކުންފުނިން މީގެކުރިން ވެސް ވަނީ މަގުބޫލު ފިލްމުތައް އުފައްދާފައެވެ. އޭގެ ތެރޭގައި 2015 ވަނަ އަހަރު ރިލީޒް ކުރި ފިލްމު "ހަވައިޒާދާ"، "ޕިޔާރު ކޭ ސައިޑް އިފެކްޓްސް"، "ޗަމޭލީ" އަދި "ޝާދީ ކޭ ސައިޑް އިފެކްޓްސް" ހިމެނެއެވެ.
މީގެ ކުރިން ވެސް ކާމިޔާބު ފިލްމުތަކުން ފެނިފައިވާ ބަތަލާ ބޫމީ އަކީ އަބަދު ވެސް ވަރަށް ތަފާތު ވާހަކަތަކުގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމުތަކަށް ޝައުގުވެރިކަން ހުންނަ ބަތަލާ އެކެވެ. ބޫމީ ބޭނުންވީ ކެރިއަރުގެ ފުރަތަމަ ވެބް ސީރީޒް ވެސް ވަރަށް ތަފާތު އަދި އިންޑިއާއިން ބޭރު ޤައުމުތަކުގެ އޯޑިއަންސަށް ވެސް ކަމުދާނެ ސީރީޒަކަށް ވުމަށް ކަމަށް ފިލްމީ ޚަބަރުތައް ގެނެސްދޭ ބޮލީވުޑް ހަންގާމާގައި ވަނީ ބުނެފައެވެ.

ބަތަލާ ބުމިކާ ބޮލީވުޑަށް ތަޢާރަފްވި ފިލްމު "ދަމް ލަކާގެ ހައިޝާ"ގެ މަންޒަރެއްގައި-- ފޮޓޯ/ބޮލީވުޑް ހަންގާމާ
މީގެ ކުރިން ވެސް ވެބް ސީރީޒްތަކުން ފެނިފައިވާ އިޝާން އާއެކު ބޫމީ ފުރަތަމަ ފަހަރަށް ސްކްރީނުން ފެންނަ މި ވެބް ސީރީޒަކީ ވަރަށް ރަނގަޅު ތަޖުރިބާއެއްގެ ގޮތުގައި އިޝާން ވަނީ ސިފަކޮށްފައެވެ. ބޫމީ ފަދަ ތަޖުރިބާ ހުރި ފިލްމީ ތަރިއަކާ އެކު މަސައްކަތް ކުރަން ލިބޭ ފުރުސަތަކީ ރަނުގެ ފުރުސަތެއް ކަމަށް ފިލްމު "ޕިއްޕާ"ގެ އެކްޓަރު ވަނީ ބުނެފައެވެ.
ކުރިއަށް އޮތް ފެބްރުއަރީ މަހުގެ ނުވަވަނަ ދުވަހު ނެޓްފްލިކްސްއިން ގެނެސްދޭ "ބަކްޝަކް"ގެ ބަތަލާ އަންނަނީ ޑައިރެކްޓަރު މުދައްސަރު އަޒީޒްގެ ފިލްމެއްގައި ވެސް މަސައްކަތް ކުރަމުންނެވެ.