ނެޓްފްލިކްސްގެ އޮރިޖިނަލް ސީރީޒް "ދަ ރޯޔަލްސް"ގެ ދެވަނަ ސީޒަނުން ބޫމީ ޕެޑްނޭކަރް ވަކިވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ މިޑް-ޑޭއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ސީރީޒްގެ މުހިއްމު ރޯލެއް ކުޅުނު ބަތަލާ ބޫމީ މި ޕްރޮޖެކްޓުން ވަކިވެފައިވާއިރު ފުރަތަމަ ސީޒަނަށްފަހު ބޫމީއަށް ގިނަ ބައެއްގެ ފާޑުކިޔުންތަކެއް އަމާޒުވިއެވެ. އެހެންނަމަވެސް ކުރިން ހަމަޖެހިފައި އޮތީ ވެސް ބޫމީ ދެވަނަ ސީޒަނުގެ ކާސްޓުގައި ހިމެނުމަށް ކަމަށް މިޑް-ޑޭގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ރިޕޯޓުތައް ބުނާގޮތުން، މި ސީރީޒް ދެން ކުރިއަށްދާނީ ތަފާތު މިސްރާބަކަށެވެ. އެގޮތުން އިޝާންގެ ލޯބީގެ ވާހަކަތަކަށްވުރެ ބޮޑަށް އާއިލީ މަސްލަހަތުތަކަށް ސީޒަން 2 ގައި އަލިއަޅުވާލާނެއެވެ.
މިކަމާ ގުޅޭ ގޮތުން މައުލޫމާތު އެނގޭ ފަރާތަކުން ބުނެފައި ވަނީ، ފުރަތަމަ ސީޒަން ނިމުނުއިރު ބޫމީއާއި އިޝާންގެ ލޯބީގެ ވާހަކަ ވަކިކޮޅެއްގައި ނުޖެހި އޮތް ނަމަވެސް، އެ ވާހަކަ ކުރިއަށް ނުގެންދަން ނިންމާފައިވާ ކަމަށެވެ. އަދި މިއީ ބޫމީއާ ދެމެދު އުފެދުނު މައްސަލައަކުން ނިންމި ނިންމުމެއް ނޫން ކަމަށާއި، އޭގެ ބަދަލުގައި ބޭނުން ވަނީ ވާހަކައިގެ ގުދުރަތީ އޮއިވަރު ހުރި ގޮތަށް ކުރިއަށްދާން ކަމަށް އޭނާ ބުންޏެވެ.

"ދަ ރޯޔަލްސް"ގެ ފުރަތަމަ ސީޒަންގެ މަންޒަރެއްގައި ބޫމީ އާއި އިޝާން -- ފޮޓޯ/ އެންޑީޓީވީ
ބޫމީ ޕެޑްނޭކަރް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ، ފުރަތަމަ ސީޒަނަށްފަހު އަމާޒުވި ފާޑުކިޔުންތަކުގެ ސަބަބުން އޭނާއަށް ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކުރި ކަމަށެވެ.
"އެ އަޑުތައް ގަދަވެގެން ގޮސް އަހަރެންގެ އަމިއްލަ އުފެއްދުންތެރި ވިސްނުން ވެސް ބީވެގެން ދިޔަ. ކޮންމެ ދުވަހަކު އަމިއްލަ ސިފައާ މެދު މީހުން ފާޑުކިޔަން ފެށުމުން އެކަމުގެ އަސަރު ވަރަށް ބޮޑަށް ކުރި،" ބޫމީ ކިޔައިދިނެވެ.
މީގެ އިތުރުން ބޫމީ މިހާރު ދަނީ އެހެން ޕްރޮޖެކްޓްތަކަކަށް ތައްޔާރުވަމުންނެވެ. އޭގެ ތެރޭގައި ކުރީގެ އެކްޓަރު އިމްރާން ޚާންއާ އެކު މަސައްކަތްކުރާ ނެޓްފްލިކްސްގެ ފިލްމަކާއި، އެމެޒޯން ޕްރައިމްއިން ގެނެސްދިން ވެބް ސީރީސް "ދަލްދަލް"ގެ ދެވަނަ ސީޒަން ހިމެނެއެވެ.
ޕްރިޔަންކާ ގޯސް އަދި ނޫޕޫރު އަސްތާނާ ޑައިރެކްޓްކޮށްފައިވާ "ދަ ރޯޔަލްސް"ގައި ޒީނަތު އަމަން، ސާކްޝީ ތަންވަރް، ނޯރާ ފަތޭހީ، ވީހާން ސަމަތު، ދީނޯ މޮރިއާ އަދި މިލިންދު ސޯމަން ފަދަ މަޝްހޫރު ތަރިން ފެނިގެންދެއެވެ. މި ސީރީޒް ނެޓްފްލިކްސްގައި ދައްކަން ފަށާފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގައެވެ.
މި ސީރީޒަކީ މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ކަމުގައިވިޔަސް، އެމީހުންގެ ކެހެރިވެރި މުއްސަނދިކަމާއި ބޮޑާކަމުގައި ހިފަހައްޓަން މަސައްކަތްކުރާ ޝާހީ އާއިލާއެއްގެ ދިރިއުޅުން ދައްކުވައިދޭ ސީރީޒެކެވެ.