ގާޑިއޯލާގެ ޖޯކެއް: ކްލޮޕް ދިއުމުން ދެން އަރާމުގައި ނިދާލެވޭނެ!

މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އަދި ލިވަޕޫލުގެ ކޯޗު ޔާގަން ކްލޮޕް -- ފޮޓޯ/ ގެޓީ

މިސީޒަނަށް ފަހު ލިވަޕޫލް ދޫކޮށްލުމަށް ނިންމާފައިވާ ކޯޗު ޔާގަން ކްލޮޕަށް ތައުރީފުކޮށް، އޭނާ ދިއުމުން "އަރާމުގައި ނިދާލެވޭނެ" ކަމަށް ބުނެ، މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ ޖޯކެއް އަމާޒުކޮށްފިއެވެ.

ނުވަ އަހަރަށްފަހު ލިވަޕޫލު ދޫކޮށްލުމަށް ނިންމިކަން ކްލޮޕް އިއުލާންކޮށްފައިވަނީ އިއްޔެއެވެ. ލިވަޕޫލާއެކު ކްލޮޕް ކޮށްފައިވާ މަސައްކަތަށް ގިނަ ބަޔަކު ތައުރީފުކުރަމުންދާ އިރު، އޭގެ ތެރޭގައި ވާދަވެރި ސިޓީގެ ކޯޗު ގާޑިއޯލާ ވެސް ހިމެނެއެވެ.

"ދެން އަހަރެންނަށް ފަސޭހައިން ނިދާލެވޭނެ. ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗުތަކުގެ ކުރިން އަންނަ ދުވަސްތަކަކީ ބިރުވެރި ހުވަފެނެއް ފެނުން ފަދަ ކަމެއް. ޔަގީނުން ވެސް އޭނާ ނެތުމަކީ ހިތާމައަކަށް ވާނެ. އެހެން އެންމެންނެކޭ އެއްގޮތަށް އަހަރެންނަށް ވެސް ލިބިގެންދިޔައީ ހައިރާންކަމެއް. ސިޓީގެ އެއްބައި ގެއްލުން ފަދަ ކަމަކަށް ވާނެ. ލިވަޕޫލުގައި އޭނާ ނެތި އަހަރެމެން ހޭދަކުރަން ޖެހޭނެ ދުވަސްތަކެއް އަންނާނެ ކަމަށް ހިއެއް ނުކުރަން،" ނޫސްވެރިންނާ ވާހަކަދައްކަމުން ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ ބުނީ ލިވަޕޫލަކީ ސިޓީގެ އެންމެ ބޮޑު ވާދަވެރިން ކަމަށާއި ބަޔާން މިއުނިކަށް އިރުޝާދު ދިން އިރު، އިދިކޮޅުން ކްލޮޕްއާއެކު ނުކުތް ބޮރޫޝިއާ ޑޯޓްމަންޑް ވެސްވީ ވާދަވެރިޔަކަށް ކަމަށެވެ. އެހެންކަމުން ކޮލޮޕްއަކީ އެންމެ ބޮޑު ވާދަވެރިޔާ ކަމަށް ގާޑިއޯލާ ދެކެއެވެ.

"ކްލޮޕް ދިއުން ވެގެންދާނީ ޕްރިމިއާ ލީގަށް ވެސް ލިބޭނެ ފަޅު ކަމަކަށް. އަހަރެން ގަބޫލުކުރަނީ އޭނާ އަދި ފުޓުބޯޅައިގެ ތެރެއަށް އަންނާނެ ކަމަށް. ފުޓުބޯޅައަށް ކްލޮޕް ފަދަ މީހުން ބޭނުންވާނެ. ކްލޮޕްއަށް ކާމިޔާބު ކުރިމަގަކަށް އެދެން،" ގާޑިއޯލާ ބުންޏެވެ.

ކޯޗެއްގެ ގޮތުގައި ގާޑިއޯލާއާ ދެކޮޅަށް ނުކުމެ، އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ކޯޗަކީ ކްލޮޕްއެވެ. ލިވަޕޫލަށް 2020 ވަނަ އަހަރު ޕްރިމިއާ ލީގު ކާމިޔާބުކޮށްދީ، 30 އަހަރުގެ ދިގު އިންތިޒާރަށް ނިމުމެއް ގެނެސްދިނީ ވެސް ކްލޮޕެވެ. އޭނާ ވަނީ ލިވަޕޫލަށް ޔޫއެފާ ޗެމްޕިއަންސް ލީގެއް ކާމިޔާބުކޮށްދީ، ދެ ސީޒަނެއްގެ ރަނަރަޕްކަން ވެސް ހޯދައިދީފައެވެ.

comment ކޮމެންޓް