ދިވެހި ޅެންތައް ބޭނުންކޮށްގެން ނަފްސާނީ ފަރުވާ ދިނުމުގެ މަސައްކަތް ކުރުމަށް ދިރާސާކުރެވެމުން އަންނަކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް މިރޭ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިފައިދައިން ވިދާޅުވީ، މި އަހަރުގެ ޅެންވެރިންގެ ދުވަަސް ފާހަގަކުރުމަށް ގދ.ތިނަދޫގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ޖަލްގާއި ވާހަކަފުޅުދައްވަމުން މިނިސްޓަރު ވިދާޅުވީ ދިވެހި ޅެން ބޭނުންކޮށްގެން ނަފްސާނީ ފަރުވާ ދިނުމަށް އެ ކަމާ ގުޅުންހުރި ދިރާސާތަކާ މަސައްކަތްތައް އެ ވުޒާރާއިން ކުރަމުންދާ ކަމަށެވެ.
މި މަސައްކަތް ކާމިޔާބުވެއްޖެނަމަ ދިވެހި ޅެންތަކަށް އިތުރު ދަރަޖައެއް ލިބިގެންދާނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
"މިހާތަނަށް އަޅުގަނޑުމެނަށް މި މަސައްކަތުގައި އެހީތެރިވެދެއްވި ބޭފުޅުން ވިދާޅުވި ގޮތުގައި މިއީ ކުރެވިދާނެކަމެއް. އަދި މި ބޭފުޅުން ވިދާޅުވަނީ ކުރަންވެއްޖެކަމެެއް ކަމަށް،" މިނިސްޓަރު ނަސީރު ވިދާޅުވިއެވެ.
އިތުރަށް ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ޅެންތައް ބޭނުންކޮށްގެން ފަރުވާދިނުމަކީ ނަފްސާނީ ބަލިތައް ތަހައްމަލުކުރާ މީހުންނަށް އުފާވެރިކަން ގެނެސްދޭ ކަމެއްކަމަށާއި ހިތްވަރު އާލާކުރެވި ފިކުރުތަކާއި ދުރުކުރެވޭނެ ކަމެއް ކަމަށް ދުނިޔޭގެ ދިރާސާތަކުން ދައްކައިފައިވާ ކަމަށެވެ.
"ޅެންތައް ބޭނުންކޮށްގެން ނަފްސާނީ ބަލިމީހުންނަށް އެ މީހުންގެ ވޭންތައް ލުއިކޮށްދީ އެމީހުންނަށް އުފާވެރިކަން ގެނެސްދޭ ކަމަށް ދުނިޔޭގެ ދިރާސާތަކުން ދައްކާ،" މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން ދުނިޔޭގެ ކުރިއަރައިފައިވާ ގައުމުތަކުގައި ޅެން ބޭނުންކޮށްގެން ނަފްސާނީ ފަރުވާ ދެވޭކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރު ނަސީރު ވަނީ، ގައުމުގެ ސަގާފާތާއި ތާރިޚު ދިރުވުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ ޅެންތައްކަމަށް ފާހަގަކުރައްވާފައެވެ.
މި ދުވަސް މި އަހަރު ރަސްމީކޮށް ޚާއްސަކޮށްފައިވަނީ ތިނަދޫ އަބްދުﷲ އަފީފް (އަފީފްބެ)އަަށެވެ. ހަމައެހެންމެ، މި ޖަލްސާގައި ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަޙީމްގެ އިތުރުން އެކަޑަމީގެ އިސްބޭފުޅުން ބައިވެރިވެވަޑައިގަތެވެ.