ދާއިމީ ހަމައެކަނި ހައްލަކީ ފަލަސްޠީނު ވަކި ދައުލަތެއްގެ ގޮތުގައި ގާއިމްކުރުން: ރައީސް

މާލޭ ސިޓީ މޭޔަރު އާޒިމް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް -- ފޮޓޯ/ ރައީސް އޮފީސް

ފަލަސްޠީނުގެ ބިމަށް ގަދަބާރުން ވެރިވެގެން އިސްރާއީލުގެ ނަމުގައި ދައުލަތެއް ހަދައި، ޔަހޫދީން ހިންގާ ޖަރީމާތަކަށް ދާއިމީ ހައްލެއް ލިބޭނީ 1967ގެ ކުރީކޮޅު ބޯޑަރު އެކުލަވައިލައިފައި އޮތް ގޮތަށް ފަލަސްޠީނުގެ މިނިވަން ދައުލަތެއް ގާއިމްކޮށްގެންކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިފަދައިން ވިދާޅުވީ، ފަލަސްޠީނުގެ ގާޒާގައި، އިސްރާއީލުން ހިންގާ ގަތުލުއާންމުގެ އަމަލުތައް ހުއްޓުވުމަށް ފިޔަވަޅު އަޅައި، އެ ފަދަ އަމަލެއް ނުހިންގާކަން ކަށަވަރުކުރުމަށް އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) އިން އިސްރާއީލުގެ މައްޗަށް މިއަދު ހުކުމް ކުރުމާ ގުޅިގެންނެވެ.

ރައީސް ވިދާޅުވީ، އިސްރާއީލުން ޣައްޒާގައި ހިންގަމުން އަންނަ ގަތުލުއާންމުގެ އަމަލުތައް ހުއްޓައިލަން ފިޔަވަޅު އަޅަން، އައިސީޖޭއިން މިއަދު ނެރުނު އަމުރަށް ރާއްޖެއިން މަރުހަބާ ކިޔާ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ ރާއްޖެއިން ގަބޫލުކުރަނީ އިސްރާއިލުން ޣައްޒާގައި ހިނގަމުން އަންނަ ގަތުލުއާންމު ވަގުތުން ހުއްޓައިލަން ޖެހޭކަމަށް ކަމަށެވެ. އަދި ޣައްޒާގެ އާންމު ރައްޔިތުން މަރައިލުން ހުއްޓައިލަން ޖެހޭކަމަށް ކަމަށެވެ.

ރައީސް ވިދާޅުވީ ކޮންމެ އިންސާނެއްގެ ފުރާނައަކީ ވެސް އަގުހުރި، ހިމާޔަތްކުރަންޖެހޭ އެެއްޗެއް ކަމަށެވެ. އަދި ބޮންއެޅުމާއި، ގެދޮރު ގެއްލުވައިލައި، ބައިބައިވުން އުފެއްދުމަކީ ސުލްހަ ގެނުވާނެ ކަމެއް ނޫންކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

އަދި ދާއިމީ ހަމައެކަނި ހައްލަކީ 1967ގެ ކުރީކޮޅު ބޯޑަރު އެކުލަވައިލައިފައި އޮތް ގޮތަށް ފަލަސްޠީނުގެ މިނިވަން ދައުލަތެއް ގާއިމްކުރުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

https://sun.mv/187911

ރާއްޖެއިން އަބަދުވެސް ވަކާލާތުކުރަނީ ފަލަސްޠީނުގެ މިނިވަން ދައުލަތެއް ގާއިމްކުރަން ފުރުސަތު ލިބެންވާނެކަމަށެވެ. އަދި ބައިނަލްއަގްވާމީ ބައްދަލުވުންތަކުގައި ވެސް ރާއްޖެއިން އަބަދުވެސް އެ ގައުމާ އެއްކޮޅަށް ވަކާލާތުކުރެއެވެ.

ޔަހޫދީން ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އުދުވާނަކީ ގަތުލުއާންމެއް (ޖެނޮސައިޑެއް) ކަމަށް ނުވަތަ ޖެނޮސައިޑެއް ކަމަށް ކަނޑައަޅައިދިނުމަށާއި، އެ އަމަލުތައް ހުއްޓައިލުމަށް އަމުރުކޮށްދިނުމަށް އެދި އިންސާފާ ބެހޭ ކޯޓަށް މައްސަލަ ވައްދައިފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 29ވަނަ ދުވަހު ދެކުނު އެފްރިކާއިންނެވެ.

comment ކޮމެންޓް