ގާޒާގަައި އިސްރާއީލުން ހިންގާ ގަތުލުއާންމުގެ އަމަލުތައް ހުއްޓުވަން އައިސީޖޭއިން އަމުރުކޮށްފި

އައިސީޖޭގެ ފަނޑިޔާރުންގެ ބެންޗުން ދެކުނު އެފްރިކާއިން ހުށަހެޅި މައްސަލައިގެ ހުކުމް އިއްވަނީ --

ފަލަސްޠީނުގެ ގާޒާގައި، އިސްރާއީލުން ހިންގާ ގަތުލުއާންމުގެ އަމަލުތައް ހުއްޓުވުމަށް ފިޔަވަޅު އަޅައި، އެ ފަދަ އަމަލެއް ނުހިންގާކަން ކަށަވަރުކުރުމަށް އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) އިން އިސްރާއީލުގެ މައްޗަށް މިއަދު ހުކުމްކޮށްފިއެވެ.

ޔަހޫދީން ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އުދުވާނަކީ ގަތުލުއާންމެއް (ޖެނޮސައިޑެއް) ކަމަށް ކަނޑައަޅައިދިނުމަށާއި، އެ އަމަލުތައް ހުއްޓައިލުމަށް އަމުރުކޮށްދިނުމަށް އެދި އިންސާފާ ބެހޭ ކޯޓަށް މައްސަލަ ވައްދައިފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 29ވަނަ ދުވަހު ދެކުނު އެފްރިކާއިންނެވެ.

މިއަދު އެ ކޯޓުންވަނީ އިސްރާއީލުން ހިންގާ ގަތުލުއާންމުގެ އަމަލުތައް ހުއްޓުވަން އަޅަންޖެހޭ ފިޔަވަޅު އަޅަން އަމުރުކޮށްފައެވެ. ނަމަވެސް ވަގުތުން އެ ހަނގުރާމަ ހުއްޓައިލަން (ސީސްފަޔާއަކަށް) އަމުރުނުކުރެވެ.

ހަމައެއާއެކު އެ ކޯޓުންވަނީ އެއީ ގަތުލުއާންމެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ދެކުނު އެފްރިކާއިން ހުށަހެޅި މައްސަލަ ބަލައިގެންފައެވެ.

އައިސީޖޭއަކީ ދައުލަތްތަކުގެ މެދުގައި އުފެދޭ މައްސަލަތަކުގައި ގޮތް ނިންމައި އިންސާފު ހޯދައިދިނުމަށް އުފައްދައިފައިވާ އދ.ގެ އެންމެ މަތީ ކޯޓެވެ. އެއީ ދުނިޔޭގެ ކޯޓުގެ ގޮތުގައި ބެލެވޭ ކޯޓެކެވެ.

އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް ގާތްގަޑަކަށް 25،000 އަށްވުރެ ގިނަ ފަލަސްތީނު މީހުން ވަނީ މަރައިލައިފައެވެ.

އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. ހަމަލާތަކުގައި ޒަޚަމްވި މީހުންގެ އަދަދު ވަނީ 60،00 އިން މައްޗަށް އަރައިފައެވެ.

comment ކޮމެންޓް