ރުޅިއަކީ އިންސާނާގެ ހަށިގަނޑު ތެރެއަށް ޝައިޠާނާ އުކާ އަލިފާނުގެ އަނގުރު: ޚުތުބާ

މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް މިއަދު އިމާމްވެ އިސްލާމިކް މަރުކަޒުގައި ހުކުރު ނަމާދު ކުރުން: ޚުތުބާ އަޑުއެހުމަށާައި ނަމާދު ކުރުމަށް ގިނަ އަދަދެއްގެ ބަޔަކު އިސްލާމީ މަރުކަޒަށް ދިޔަ -- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

ރަސޫލާ ބަޔާންކޮށްދެއްވާފައިވާ ގޮތުގައި ރުޅިއަކީ ޝައިޠާނާ އިންސާނާގެ ހަށިގަނޑު ތެރެއަށް އުކާ އަލިފާނުގެ އަނގުރުތައް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ރުޅިމަޑުކުރުމުގެ މައުލޫގެ މައްޗަށް މިއަދުކީ ޚުތުބާގައި ބުނީ، ރަސޫލާ އެ ކަލޭގެފާނުގެ ސަހާބީންނަށް އަމުރު ކުރައްވާފައި ވަނީ، "ތިޔަ ބޭކަލުން ކޯފާ އިސްނުކުރާށެވެ! ތިޔަ ބޭކަލުން ކޯފާ އިސްނުކުރައްވާށެ!" އެފަދައިން ކަމަށެވެ.

ޚުތުބާގައި ބުނީ، ޝައިޠާނާ އަބަދު ވެސް މަސައްކަތް ކުރާނީ އިންސާނާ ރުޅިއަރުވައިގެން އޭނާ ލައްވާ ކުށް ފާފަތައް ކުރުވަން ކަމަށެވެ. އެއީ, މިއަދު އިންސާނާ ކުރާ އަމަލުތަކަށް ޤިޔާމަތް ދުވަހުން ޖަވާބުދާރީ ވާން ޖެހޭނެތީ ކަމަށް ޚުތުބާގައި ބުންޏެވެ.

ރުޅި މަޑުކުރުމުގެ މިސާލެއްގެ ގޮތުން ޚުތިބާގައި ވަނީ ޢުމަރުގެފާނަށް ކުރިމަތިވި ހާދިސާއެއް ކިޔައިދެއްވާފައެވެ. އެގޮތުން އެ މަނިކުފާނުގެ އަރިހަށް އެއް ދުވަހަކު މީހަކު އައިސް ވަރަށް ރުޅިއައިސްގެން އަޑުގަދަ ކުރަން ފެށިއެވެ. އޭރު ޢުމަރު ބިން ޢަބްދުލް ޢަޒީޒަކީ މުސްލިމުންގެ ޚަލީފާއެވެ. ޢުމަރުގެފާނު އެ މީހާއާ ދިމާލަށް އެއްވެސް އެއްޗެއް ވިދާޅުނުވެ، އޭނާ ގޮވިހާ އެއްޗެއް އަޑުއައްސަވަން ހުންނެވިއެވެ. ދެން ވިދާޅުވިއެވެ. "ތިބާ ބޭނުންވަނީ، ޝައިޠާނާ ލައްވައި، އަހުރެން އުޅި އަރުވަން ހެއްޔެވެ؟ އަހުރެން ލައްވާ މިއަދު ތިބާގެ ކިބައިން ބަދަލު ހިއްޕުވައި، މާދަމާ އަހުރެންގެ ކިބައިން ތިބާ ބަދަލު ހިފަން ހެއްޔެވެ؟ މާތް ﷲ ގަންދީ ބުނަމެވެ. ހަމަ ހިލާ އެ ގޮތަކަށް ކަންތަކެއް ނުކުރައްވާނަމެވެ،"

ޚުތުބާގައި ބުނީ މުސްލިމުންގެ މާޒީ އޮތީ މިގޮތަށް ކަމަށެވެ.

"އެއީ ރުޅި އިސްނުކުރާ ހިލްމުވެރި އުއްމަތެއް. އުއްމަތުގެ އަފްރާދުން މަސައްކަތް ކޮށްފައި ވަނީ، އުއްމަތް ބިނާކޮށް އާރާސްތު ކުރުމަށެވެ. ރަޙްމާންވަންތަ ރަސްކަލާނގެ އަޅުންގެ ގާތަށް ރުޅި ވެސް އަންނާނެއެވެ. އެހެނަސް އެ މީހުން ރުޅި އަންނާނީ ﷲ އަށްޓަކައެވެ،" ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނީ، މުސްލިމުން ނަމޫނާއަކަށް ބަލަން ޖެހޭނީ ރަސޫލާ ކަމަށެވެ. އެގޮތުން ޝަޚުސީ ކަންތައްތަކާއި ގަނެ ވިއްކުމުގެ މުއާމަލާތުގައި އަދި އެކުވެރިކަމާއި އަވަށްޓެރި ކަމުގައި ރުޅި އިސްކޮށްގެން ނުވާނެކަމަށް ޚުތުބާގައި ބުންޏެވެ.

އަހަރެމެން އަވަދިނެތި އުޅެން ޖެހޭނީ އިސްލާމް ދީނަށްޓަކައި ކަމަށާއި ދުނިޔެއަކީ އެއަށްޓަކާ އަރާރުން ވާންޖެހޭ ވަރުގެ އަގުހުރި ތަނެއް ނޫންކަމަށް ޚުތުބާގައި ބުންޏެވެ.

"ﷲގެ ހަޒުރަތުގައި އެއީ މަދިރިއެއްގެ ފިޔައަކަށްވުރެ އަގު ދަށް ތަނެކެވެ،" ޚުތުބާގައި ބުންޏެވެ.

comment ކޮމެންޓް