ލަންކާގެ ''އޮންލައިން ސޭފްޓީ'' ބިލަށް އެމެރިކާގެ ކަންބޮޑުވުން

ލަންކާއިން ފާސްކުރި "އޮންލައިން ސޭފްޓީ" ބިލާ ދެކޮޅަށް ކުރި މުޒާހާރާގެ ބައިވެރިއެއް -- ފޮޓޯ/ރޮއިޓާސް

ސްރީލަންކާގައި އޮންލައިން ޕްލެޓްފޯމުތަކުގެ ކޮންޓެންޓު ރެގިއުލޭޓު ކުރުމަށް ފާސްކުރި "އޮންލައިން ސޭފްޓީ" ބިލަށް އެމެރިކާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޖުމުލަ 108 މެންބަރުންގެ ވޯޓުން ބުދަ ދުވަހު ފާސްކުރި އެ ބިލުގައި ސަރުކާރަށް ގިނަ ބާރުތަކެއް ލިބިފައިވާ ކޮމިޝަނެއް އުފެއްދުމުގެ ހުއްދަ ދީފައިވެއެވެ. އެ ބާރުތަކުގެ ތެރޭގައި ސަރުކާރުން ނުރުހޭ ކޮންޓެންޓުތައް ނެގުމަށް އިންޓަނެޓްގެ ހިދުމަތްފޯރުކޮށްދޭ މީހުންނަށާއި އާންމުންނަށް އެންގުމުގެ ބާރާއި އެފަދަ ޕޯސްޓްތައް ޝާއިއުކުރާ މީހުންނަށް ގާނޫނީގޮތުން ފިޔަވަޅުއެޅުމުގެ ބާރު ހިމެނެއެވެ.

ރައީސް ރަނިލް ވިކްރެމަސިންހާގެ އަޣުލަބިއްޔަތު އޮތް މަޖިލީހުން އެ ބިލް ފާސްކުރީ ސްރީ ލަންކާގައި މި އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބާ ދިމާކޮށް، ތަފާތު ހިޔާލުތައް ފާޅުކުރުމަށް ހުޅުވިފައިވާ ދޮރު ބަންދު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކާއި އިދިކޮޅު ސިޔާސީ ފަރާތްތަކުގެ ފާޑުކިޔަމުންދަނިކޮށެވެ. އެ ބިލުގައިވާގޮތުން ފޭސްބުކް، ގޫގުލް އަދި އެކްސް ފަދަ ޕްލެޓްފޯމްތަކުން އޭގައި ހުންނަ، މި ބިލާ ހިލާފު ކޮންޓެންޓަށް ޒިންމާވާން ޖެހޭނެއެވެ.

ލަންކާގައި ހުންނަވާ އެމެރިކާގެ ސަފީރު ޖޫލީ ޗަންގް ވިދާޅުވީ އެ ބިލުގެ ސަބަބުން ލަންކާއަށް ކުރިމަތިލާންޖެހިދާނެ ކަންތައްތަކާމެދު އެމެރިކާގެ ކަންބޮޑުވާ ކަމަށެވެ. ރައްޔިތުން އަޑު އެއްވެސް ގާނޫނަކުން ރައްޔިތުންގެ އަޑު ކަނޑުވާނުލެވޭނެކަން ލަންކާއިން ޔަގީންކުރަންޖެހޭނެ ކަމަށް ޗަންގް ވިދާޅުވިއެވެ.

މީޑިއާތަކާއި އިދިކޮޅު ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއި އިންޓަނެޓާއި މަދަނީ ހައްގުތަކާ ބެހޭ ޖަމާއަތްތަކުން ބުނާ ގޮތުން ލަންކާއިން އެޅި އެ ފިޔަވަޅުގެ ސަބަބުން އިންސާނީ ހައްގުތަކާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ބުރޫއަރާނެއެވެ.

އެ ބިލާބެހޭގޮތުން ލަންކާ ސަރުކާރުން ބުނީ އެ ބިލަކީ ކުޑަކުދިންނަށް ކުރާ ފުރައްސާރައާއި ޑޭޓާ ވަގަށް ނެގުމާއި އޮންލައިންކޮށް އޮޅުވާލުން ފަދަ ސައިބާ ކްރައިމްތަކާ ދެކޮޅަށް މަސައްކަތް ކުރުމުގެ މަގުސަދުގައި ހުށަހަޅާފައިވާ ބިލެއް ކަމަށެވެ.

comment ކޮމެންޓް