ލޯފަން ދަރިވަރުންނަށް އެހީވުމަށް، މަތީ ތައުލީމަށް ބޭނުންކުރާ ފޮތްތަކުގެ އޯޑިއޯ ރެކޯޑިން ހަދަނީ

ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު 'އަހާ' ފޯރަމުގައި ވާހަކަ ދައްކަވަނީ-- ސަން ފޮޓޯ: އިންފިނިޓް މޮމެންޓްސް/ އަމަން ލަތީފް

މަތީ ތައުލީމު ހާސިލު ކުރާ ލޯފަން ކުދިންނަށް އެހީވުމަށް ޓަކައި، ލައިބްރަރީތަކުގައި ހުރި ފޮތްތަކުގެ އޯޑިއޯ ރެކޯޑިން ހެދުމުގެ މަޝްރޫއެއް ފަށަން އުޅޭ ކަމަށް އިސްލާމީ ކަންކަމާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ ސުވާލުތަކަށް ވަޒީރުން ޖަވާބު ދިނުމަށް ބާއްވާ 'އަހާ' ފޯރަމްގައި، ޚާއްޞައެހީއަށް ބޭނުންވާ ކުދިންނާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މަތީ ތައުލީމު ހާސިލު ކުރާ ކުދިންގެ ރިފަރެންސަށް ލައިބްރަރީގައި ހުރި ހުރިހާ ފޮތަކަށް އަޑު އެޅުމުގެ މަޝްރޫއު އިސްލާމިކް ޔުނިވާސިޓީއާ ގުޅިގެން މިހާރު ފަށަން އުޅޭ ކަމަށެވެ.

"އެކަމަށް ދޭން ޖެހޭ ހުރިހާ މުހިންމު ކަމެއް އަޅުގަނޑުމެންގެ ވުޒާރާތަކުން، އަދި ކަމާ ގުޅޭ އިދާރާތަކުން މި ދަނީ ދެމުން. ރައީސް ވަރަށް ބޮޑަށް އިސްކަމެއް ދެއްވާ ކަމެއް ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންގެ ކަންތައްތަކަކީ،" މިނިސްޓަރު ވިދާޅުވިއެވެ.

އިތުރަށް ޝަހީމް ވިދާޅުވީ، ޚާއްޞަ އެހީއަށް ބޭނުންވާ ނުވަތަ ލޯފަން ކުދިންގެ ތެރެއިން ވެސް މަތީ ތައުލީމު ހާސިލު ކުރަން ބޭނުންވާ ކުދިންނަށް އެ ފުރުސަތު ފަހި ކޮށްދޭނެ ކަމަށެވެ.

މިރޭގެ ފޯރަމްގައި ވަނީ، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށާއި މީހުންނަށް ކަންކަން ފަހިކޮށްދިނުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކޮށްފައެވެ. އެގޮތުން ސްޕޯޓްސް މިނިސްޓަރު ރާފިއު ވަނީ، ޕެރަ އެތުލީޓުންގެ ޚާއްޞަ މުބާރާތެއް ބާއްވަން އެސޯސިއޭޝަނަކުން އެދިއްޖެ ނަމަ އެކަމަށް އެހީތެރިވެދޭނެ ކަމަށް ވިދާޅުވެފައެވެ.

https://sun.mv/187887

މީގެ އިތުރުން އޭނާ ވަނީ، މިހާރު ހަދާފައިވާ ކުޅިވަރު ސްޓޭޑިއަމްތަކަށް، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހައިން ވަދެ ތިބެވޭނެ ގޮތްތައް ހަމަޖެއްސުމަށް ޓައިމްލައިނެއް ހަދަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް