ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް ދިރާސާއެއް ހަދަނީ

ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް ދިރާސާއެއް ހަދަން ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީއާއި އެކު މަޝްވަރާ ކޮށްފި---ފޮޓޯ/އެކްސް، މިނިސްޓާ އާދަމް ޝަރީފް

ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމާ ބެހޭ އިލްމީ ދިރާސާއެއް ހަދަން ގައުމީ ޔުނިވާސިޓީއާއެކު މަޝްވަރާ ކޮށްފައިވާ ކަމަށާއި އެ ދިރާސާ ހަދަން އެ ޔުނިވާސިޓީން އެއްބަސްވެފައިވާ ކަމަށް، ސިޓީތަކާއި ލޯކަލް ކައުންސިލްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް 'ސަން'އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ދިރާސާގެ ބޭނުމަކީ މިހާރު ރާއްޖޭގައި މިއޮތް ލާމަރުކަޒީ ނިޒާމަކީ އެންމެ ރަނގަޅު ނިޒާމުތޯ ކަށަވަރު ކުރުން ކަމަށެވެ.

"އަދި މިނިޒާމަށް ގެންނަން ބޭނުންވާ، ރައްޔިތުން އެދޭ ބަދަލުތަކަކީ ކޮބައިކަން ބަލައި، އެކަން ދެނެގަނެ، ހަރަދު ކުޑަކޮށް ކައުންސިލްތައް ހިންގޭނެ އަދި ފައިދާ ހުރި ގޮތުގައި އެކަން ކުރެވޭނެ ގޮތެއް ދެނެގަތުން،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ކައުންސިލުގެ ކަންކަމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރު ކުރެވޭނެ ގޮތްތަކަކީ ކޮބައިކަން ވެސް މި ދިރާސާގައި ބަލަން ހަމަޖެހިފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް ދެ ހަފުތާގެ ތެެރޭގައި އެ ދިރާސާގެ ޕްރޮޕޯސަލް ތައްޔާރުކޮށް، މަސައްކަތްތައް ކުރިއަށް ދާނެކަމަށެވެ.

މިފަދަކަން ކަން ކުރިއަށް ގެންދިޔުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދުފުޅެކެވެ.

comment ކޮމެންޓް