ހަށިގަނޑުގެ ބައެއް އެއްވެސް ހާލަތެއްގައި ވިއްކުމަކީ ހަރާމް ކަމެއް: ފަތުވާ މަޖިލިސް

ޑރ. ޝަހީމް ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިފްތިތާހުކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ -- ފޮޓޯ: އިންފިނިޓް މޯމެންޓްސް/ މުޙައްމަދު މާވީ

ފައިސާއެއް، ހަދިޔާއެއް ނުވަތަ އެނޫން ވެސް އެއްޗެއް ދީގެން އިންސާނެއްގެ ގުނަވަނެއް އެހެން އިންސާނަކަށް ދިނުމަކީ ހަރާމްކަމެއް ކަމަށް ފަތުވާ މަޖިލީހުން ބުނެފިއެވެ.

ފަތުވާ މަޖިލީހުން މިއަދު ނެރުނު ފަތުވާއެއްގައި ވަނީ، އިންސާނާގެ ފުރާނައަށް ގެއްލުމެއް ނުލިބޭނެ މަގުން ގުނަވަން ހަދިޔާ ކުރުމަކީ ހުއްދަކަމެއް ކަމަށެވެ. އަދި އާންމު ގޮތެއްގައި ގުނަވަން ބަދަލު ކުރެވެނީ ދެ ހާލަތެއްގައި ކަމަށް ފަތުވާގައި ވެއެވެ.

  • ފުރަތަމަ ހާލަތް: ފުރާނަ ސަލާމަތްކުރުން ފަދަ ޒަރޫރީ ހާލަތްތައް.
  • ދެވަނަ ހާލަތް: ގުނަވަނެއް ބަދަލު ކުރުުމުގެ ބޭނުންތެރިކަން އޮތުން.

ފަތުވާގައި ވަނީ، މި ދެެ ހާލަތަކީ ވެސް ހުއްދަ ހާލަތްތަކެއް ކަމަށެވެ. އަދި މީގައި ޝަރުތަކީ މިކަމުން ލިބޭ ގެއްލުމަށް ވުރެ, ފައިދާ ބޮޑުވުން ކަމަށް ފަތުވާގައި ވެއެވެ.

އިންސާނާގެ ޖިސްމުގެ ގުނަވަންތައް ބަދަލުކުރެވޭނެ ގޮތްތަކުގެ ތެރެއިން ދެ ގޮތެއް ފަތުވާ މަޖިލީހުން ފާހަގަކޮށްފައި ވެއެވެ. އެއީ ދިރިހުރި މީހެއްގެ ގުނަވަނެއް ބަދަލުކުރުމާއި މަރުވެފައިވާ މީހެއްގެ ގުނަވަނެއް ބަދަލުކުރުމެވެ.

މަރުވެފައިވާ މީހެއްގެ ގުނަވަން ބަދަލުކުރާ އިރު، އޭނާގެ މަރު މުސްލިމް ޑޮކްޓަރުންގެ ޓީމަކުން ނިންމައިފި ނަމަ، އެފަދަ މީހެއްގެ ގުނަވަން ނަގާ ދިރިހުރި މީހެއްގެ ޖިސްމުގައި އިންދުން ހުއްދަވެގެން ވާކަމަށް ފަތުވާގައި ވެއެވެ.

comment ކޮމެންޓް