ކަނޑިންމަ ރިސޯޓުން ހިފި ކިނބޫ އަތޮޅުން ބޭރަށް ދޫކޮށްލައިފި

ކަނޑިންމަ ރިސޯޓުން ހިފި ކިނބޫ -- ފޮޓޯ/ އެމްއެންޑީއެފް

ދ. އަތޮޅު ކަނޑިންމަ ރިސޯޓު ފުއްޓަރު ކައިރިން ރޭ ހިފި, ނުވަ ފޫޓު ބޮޑު ކިނބޫ އެ އަތޮޅުން ބޭރަށް ދޫކޮށްލާފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފިއެވެ.

އެމްއެންޑީއެފްގެ މީޑީއާ އޮފިޝަލް ވިދާޅުވީ، ކިނބޫ ދޫކޮށްލީ ހަމަ ރޭގެ ވަގުތެއްގައި ކަމަށެވެ. އަދި، ކިނބޫ ދޫކޮށްލީ އޮޔާ ވަޔަށް ބެލުމަށް ފަހު، ރާއްޖޭގެ ރަށަކަށް ނުލައްގާނެވަރު ބެލުމަށް ފަހު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ކަނޑިންމަ ރިސޯޓުން ކިނބުލެއް ފެނުމާ ގުޅީގެން އެމްއެންޑީއެފުން ބުނީ، އެ ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ތާޑް ސްކޮޑްރަންއަށް ލިބިފައިވަނީ ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން އިއްޔެ ހަވީރު 16:08 ހާއިރު ކަމަށެވެ.

ހާދިސާގެ މަޢުލޫމާތު ލިބުމުން އެމްއެންޑީއެފް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ސިފައިން ހާބަކްރާފްޓްގައި އެ ސަރަހަށްދަށް ގޮސް އެ ކިނބޫ ހިފައި ސިފައިންގެ ބެލުމުގެ ދަށަށް ގެނައިކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މީގެ ކުރިން ވެސް އެކި ފަހަރު މަތިން ރާއްޖޭގެ އެކި ރަށް ރަށުން އަދި މޫދުން ވެސް ކިނބޫ ފެނިފައިވެއެވެ.

ރާއްޖޭގެ މާހައުލަކީ ކިނބުލަށް ދިރިއުޅެވޭނެ ފަދަ އެކަށީގެންވާ މާހައުލެއް އޮތް ގައުމެއް ނޫނެވެ. އެހެންނަމަވެސް ބައެއް ދުވަސްވަރު ކިނބޫ ރާއްޖެއިން ފެންނަނީ، އިރުވައި މޫސުމާ ގުޅިގެން ވައިޖެހޭ މިސްރާބު ބަދަލުވެ ކިނބުލަށް އޭގެ ދަތުރުތައް ކުރުމުގައި ނޭނގުމުގެ ތެރެއިންނެވެ.

comment ކޮމެންޓް