މެޗުގެ ކުރިން ދެ ޓީމު އެކުގައި ދަނޑުމަތީ ނަމާދަށް

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ރޭގެ މެޗުގެ ކުރީގައި ދެ ޓީމު އެއްކޮށް ދަނޑުމަތީ ނަމާދަށް -- ފޮޓޯ/ ހުސައިން ވަހީދު

މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފޯރީގެ އިތުރަށް، ރޭ މީހުންގެ ލޮލުގައި އަޅައިގެން އަނެއް ކަމަކީ މި ދެ ޓީމުގެ ނަމޫނާއެވެ.

ރޭ 8:00 އަށް އޮތީ ރ. އަތޮޅުގެ މެޗެކެވެ. އެއްކޮޅުން ފައިނު ނުކުންނައިރު އަނެއްކޮޅުން ނުކުތީ ހުޅުދުއްފާރެވެ. ދެ ޓީމަށް ވެސް ރޭގެ މެޗަކީ ވަރަށް މުހިއްމު މެޗެކެވެ. ދެވަނަ ބުރަށް ދަތުރުކުރުމުގެ ފުރުސަތު އޮތީ ދެ ޓީމަށް ވެސް މެޗުން ރަނގަޅު ނަތީޖާއެއް ހޯދިގެންނެވެ.

އެކަމަކު، މީހުންގެ ލޮލުގައި އަޅައިގަނެ، އެންމެންގެ ސަމާލުކަން ހުއްޓުނީ މެޗު ފެށުމުގެ ކުރިން ޖެހި ލަނޑަށެވެ.

ރޭ އިޝާ ނަމާދު ވަގުތުވީ 7:35 ގައެވެ. މެޗު 8:00 ފަށާތީ، އެ ވަގުތު ދެ ޓީމުން ވެސް ތިބީ މެޗަށް ތައްޔާރުވާން ދަނޑުގައެވެ. އެކަމަކު، ބަންގި ގޮވުމާ އެކު ދެ ޓީމުން ތިބީ އެކުގައި ނަމާދު ކުރާށެވެ. ދަނޑުމަތީގެ ދެ ޓީމު އެއްކޮށް ނަމާދުކުރަން ތިބި ފޮޓޯއެއް ހުޅުދުއްފާރު ޓީމުން ވަނީ މީސްމީޑިއާގައި ހިއްސާކޮށްފައެވެ.

ކުރީގެ ފޮޓޯޖާނަލިސްޓް ހުސައިން ވަހީދު ނެގި އެ ފޮޓޯއަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ.

ފޮޓޯ ހިއްސާކުރުމަށް ފަހު ހުޅުދުއްފާރު ޓީމުގެ ފޭސްބުކް ޕޭޖުގައި ބުނެފައިވަނީ ދެ ޓީމު އެކުގައި ނަމާދުކުރުމުން ދޭހަވަނީ ކުޅިވަރުގެ ވާދަވެރިކަމުގެ ތެެރެއިން ވެސް އޮތް އެކުވެރިކަން ކަމަށެެވެ.

ރޭގެ މެޗު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ. އެހެންވެ، ފައިދާ ގޯލުން ކުރި ހޯދައިގެން ރ އަތޮޅު ޒޯންގެ ދެވަނަ ބުރަށް ދަތުރުކުރީ ހުޅުދުއްފާރެވެ. މުބާރާތުގައި މުޅިން އަލަށް ބައިވެރިވި ފައިނު ޓީމު ވަނީ މުބާރާތުން ކަޓައިފައެވެ.

އެ ގްރޫޕުގައި ދެން އޮންނަނީ އިނގުރައިދޫއެވެ. އެ ޓީމުން ވަނީ ގްރޫޕުގައި ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށް، އެ ޒޯންގެ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ.

comment ކޮމެންޓް