ގދ. ކާޑެއްދޫ ލިންކް ޕްރޮޖެކްޓުގެ ސާވޭތަކާއި ފީޒިބިލިޓީ ހެދުމުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދުމަށް މިއަދު ހުޅުވައިލައިފިއެވެ.
މި ކަމާ ގުޅިގެން މިއަދު ކޮންސްޓްރަކްޝަން މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ އެ އަތޮޅު ތިނަދުއާއި ކާޑެއްދޫ ލިންކް ޕްރޮޖެކްޓުގެ ޕްރިލިމިނަރީ ސާވޭތަކާއި ފިޒިބިލިޓީ ސްޓަޑީސްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.
އެ މިނިސްޓްރީން ބުނީ މި މަސައްކަތުގެ ތެރޭގައި މި ލިންކް ޕްރޮޖެކްޓުގެ މަސައްކަތް ކުރުމަށް ބޭނުންވާ ކޮމްޕްރެހެންސިވް ފީޒިބިލިޓީ ސްޓަޑީ، މިނިސްޓްރީ އަދި ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ކުރިއަށް ގެންދިއުން ހިމެނެއެވެ.
އަދި، މަސައްކަތް ކުރުމަށް ޝައުގުވެރިވާ ހުރިހާ ކުންފުނި ތަކަށް، އެކަމަށް ޝައުގުވެރިކަން ފާޅުކުރުމުގެ ދައުވަތު އެ މިނިސްޓްރީން ދޭ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެެވެ.
މިނިސްޓްރީން ބުނީ މި މަސައްކަތުގެ އީއޯއައި އިވެލުއޭޓްކުރުމުގައި ބައެއް ކަންކަމަށް ބަލާނެ ކަމަށެވެ. އެއީ:
- މަދުވެގެން 10 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން
- މަސައްކަތާ ގުޅޭ ދާއިރާއިން މަދުވެގެން ހަތް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
- ކޮންސަލްޓަންސީ ޓީމްގެ އެވެއިލަބިލިޓީ (ޓީމް މެމްބަރުންގެ ކޮލިފިކޭޝަން އީއޯއައި ޝޯޓްލިސްޓިން ސްޓޭޖްގައި ނުބެލެވޭނެއެވެ.)
އަދި މި މަސައްކަތް ކުރާ މީހުންނަށް މި މަސައްކަތުގެ ފެންވަރު ރަނގަޅު ކުރުމަށް ޓަކައި، އެހެން ކުންފުނިތަކާ ގުޅިގެން މި މަސައްކަތް ކުރެވޭނެ ކަމަށް ވެސް ކޮންސްޓްރަކްޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.
މިކަމަށް ޓަކައި، އެހެން ކުންފުންޏަކާ ގުޅޭނަމަ އެ އެސޯސިއޭޝަނެއްގެ ބާވަތެއް މިނިސްޓްރީއަށް ލިޔމުން އަންގަން ޖެހޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިކަ މަށް ޝައުގުވެރިވާ ފަރާތްތަކުން މަސައްކަތް ކުރުމުގެ ގާބިލުކަން ސާބިތުކޮށްދިނުމަށް އެކަމާ ގުޅޭ ޑޮކިއުމަންޓުތައް ހުށަހަޅަން ޖެހޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
އަދި އޭގެ ތެރެއިން ޝޯޓު ލިސްޓު ކުރެވޭ މީހުންނަށް ޕްރޮޕޯސަލް ހުށަހެޅުމަށް ދައުވަތު ދެވޭނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.
މި މަސައްކަތަށް ޝައުގުވެރިވާ މީހުން މި މަހުގެ 13 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން އެ ކަމަށް ޚާއްސަ ކުރެވިފައިވާ އެ މިނިސްޓްރީގެ އީމެއިލް [email protected] އަށް ފޮނުވުމަށް އެ މިނިސްޓްރީން އެދެއެވެ.