ޣައްޒާ (24 ޖަނަވަރީ 2024): ޔޫރަޕްގެ އުތުރުގެ ގައުމެއްކަމަށްވާ ސްވިޑެންއަށް ނޭޓޯގެ މެންބަރުކަން ދިނުމަށް ތުރުކީގެ ޕާލަމެންޓުން ރުހުން ދީފިއެވެ.
މިކަމާ ބެހޭގޮތުން ތުރުކީގެ ޕާލަމެންޓްގައި އެތައް ގަޑީއިރެއްގައި ބަހުސްކުރުމަށްފަހު ވޯޓަށް އެހުމުން ޕާލަމެންޓްގައި ހިމެނޭ 346 މެންބަރުންގެ ތެރެއިން ސްވިޑެންއަށް މެންބަރުކަން ދޭން ފެންނަކަމަށް ވޯޓު ދީފައިވަނީ 287 މެންބަރުންނެވެ. ސްވިޑެން ނޭޓޯގެ މެންބަރަކަށްވުމަށް ނުފެންނަކަމަށް ވޯޓު ދީފައިވަނީ 35 މެންބަރުންނެވެ. ބާކީ ތިބި މެންބަރުން ވަކިކޮޅަކަށް ވޯޓު ދީފައެއް ނުވެއެވެ.
ނޭޓޯގެ ޗާޓަރު ބުނާ ގޮތުން އެ ޖަމާއަތުގެ މެންބަރުކަން ގައުމަކަށް ދެވޭނީ މެންބަރު ހުރިހާ ގައުމުތަކެއްގެ ރުހުން ލިބިގެންނެވެ. ނޭޓޯގެ މެންބަރުކަމަށް އެދި ސްވިޑެންއިން ހުށަހެޅުމުން އެކަމާ ދެކޮޅު ހަދައިފައިވަނީ ނޭޓޯގެ މެންބަރު ގައުމުތަކުގެ ތެރެއިން ތުރުކީ އެކަންޏެވެ.
ތުރުކީ މިކަ މާދެކޮޅު ހެދީ ތުރުކީން ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅައިފައިވާ ކުރުދީ ޖަމާއަތަކަށް ސްވިޑެން އިން އެހީދޭތީއާއި އެ ޖަމާއަތުގެ އިސްވެރިންނަށް ސްވިޑެންއިން ހިމާޔަތާއި ރައްކާތެރިކަން ދޭތީއެވެ.
ސްވިޑެންއަށް ނޭޓޯގެ މެންބަރުކަން ދިނުމަށް އެއްބަސްވުމަށް ތުރުކީވަނީ ޝަރުތުތަކެއް ހުށަހަޅައިފައެވެ. މީގެ ތެރޭގައި ތުރުކީން ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި ކަނޑައަޅައިފައިވާ ކުރުދީންގެ ޕީކޭކޭ ޖަމާއަތާއި އެ ނޫން ވެސް ޖަމާއަތްތަކާ އޮންނަ ގުޅުންތައް ސްވިޑެންއިން ކަނޑާލުން ހިމެނެއެވެ.
އަދި އެ ޖަމާއަތްތަކަށް އެހީ ނުދިނުމާއި ތުރުކީން ޓެރަރިސްޓުންގެ ގޮތުގައި ކަނޑައަޅައިފައިވާ އެ ޖަމާއަތްތަކުގެ މެންބަރުންނަށް ސްވިޑެންއިން ހިމާޔަތާއި ރައްކާތެރިކަން ނުދިނުމާއި އެ ފަދަ ފަރާތްތައް ސްވިޑެންއިން ބޭރުކޮށްލުން ވެސް ހިމެނެއެވެ.
މިޝަރުތުތަކުގެ ތެރެއިން ގާތްގަނޑަކަށް 90 އިންސައްތަ ޝަރުތަށް ސްވިޑެން އިޖާބަ ދީފައިވާކަމަށާއި ނަތީޖާއެއްގެ ގޮތުން ސްވިޑެންއަށް ނޭޓޯގެ މެންބަރުކަން ދިނުމަށް ތުރުކީ ދެން ދެކޮޅު ނަހަދާނެކަން ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން މިދިޔަ އަހަރުގެ ފަހުކޮޅުވަނީ ވިދާޅުވެފައެވެ.
ނަމަވެސް ތުރުކީ ސަރުކާރުން މިކަމަށް ރަސްމީ ސިފައެއްގައި ރުހުން ދެނީ ތުރުކީ ޕާލަމެންޓްގެ ރުހުން ވެސް ލިބިގެންކަން އުރުދުޣާންވަނީ ހާމަކުރައްވާފައެވެ.
ސްވިޑެން އަށް ނޭޓޯގެ މެންބަރުކަން ދިނުމަށް ތުރުކީގެ ޕާލަމެންޓްގެ ބޮޑު އަޣްލަބިއްޔަތަކުން ނިންމުމުން ސްވިޑެންގެ ބޮޑު ވަޒީރު އުލްފް ކުރިސްޓާޝަން ވަނީ ތުރުކީގެ ޕާލަމެންޓަށް ޝުކުރު އަދައިކުރައްވައިފައެވެ.
ސްވިޑެން ނޭޓޯގެ މެންބަރުކަމަށް އެދި ހުށަހެޅީ ނޭޓޯ ރަޝިއާގެ ސަރަހައްދީ ރޮނގާ ހަމައަށް ފުޅާކޮށް ނޭޓޯގެ މެންބަރު ގައުމަކަށް ޔުކްރެއިން ހެދުމަށް އެމެރިކާ ކުރަމުންގެންދާ މަސައްކަތްތައް ހުއްޓުވުމުގެ ނަމުގައި ރަޝިއާ ޔުކްރެއިނާ ދެކޮޅަށް ހަނގުރާމަ ފެށުމާ ގުޅިގެންނެވެ.
މި ހަނގުރާމައާ ގުޅިގެން ފިންލެންޑުން ވެސް ވަނީ ނޭޓޯގެ މެންބަރުކަން ހޯދުމަށް އެދި ހުށަހަޅައިގެން އެކަން ކާމިޔާބުކޮށްފައެވެ. ތުރުކީ ޕާލަމެންޓްގެ މި ނިންމުމަކީ ނޭޓޯ ފުޅާކުރުމަށް ކުރާ މަސައްކަތުގައި އެމެރިކާއަށް ލިބުނު ކާމިޔާބީއެއް ކަމަށް މުހައްލިލުން ދެކެއެވެ.