މުސްއަބު ވަކިކުރީ ގޯސްކޮށް ނަމަވެސް އެއް މިލިއަންގެ ބަދަލު ދެވެން ނެތް: ސުޕްރީމް ކޯޓު

އިސްލާމިކް މިނިސްޓްރީގައި އޮތް ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ މުސްއަބު އަބްދުﷲ (ކ) -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް)ގެ މަގާމުން މުސްއަބު އަބްދުالله ވަކިކުރީ ގޯސްކޮށް ކަމަށް ސާބިތުވި ނަމަވެސް މި މަރުހަލާގައި އޭނާއަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 1.1 މިލިއަން ރުފިޔާ ދެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ޖުލައި 25، 2017އިން ފެށިގެން އިސްލާމިކް މިނިސްޓްރީގެ ޕީއެސްގެ ވަޒީފާގައި ހުރި މުސްއަބުގެ ވަޒީފާގެ ޒިންމާތަކާ ގުޅޭ ހަތަރު މައްސަލައެއް ސީއެސްސީއަށް ހުށަހެޅުމުން، އެ މައްސަަލަތަކުގެ ތަހުގީގަށް އޭނާ މެއި 29، 2019ގައި 30 ދުވަހަށް ސަސްޕެންޑުކުރިއެވެ.

އެ މުއްދަތު ނިމުނުއިރު ވެސް ތަހުގީގު ނިމިފައިނުވާތީ 27 ޖޫންއިން ފެށިގެން މުސާރަ ނުލިބޭ ގޮތަށް، ތަފާތު ހަތަރު ފަހަރެއްގެ މަތިން އޭނާ ސަސްޕެންޑުކުރިއެވެ.

ސީއެސްސީން ބަލައިފައިވަނީ މުސްއަބު، ފައިސާއާ ގުޅުންހުރި ކަންކަމާއި މުވައްޒަފުންގެ މުސާރައިގެ ކަންކަމުގައި އިހުމާލުވުމާއި، ވަޒީފާއާ ގުޅުންހުރި ކަންކަމުގައި އިހުމާލުވުމާއި ނުފޫޒުގެ ބޭނުންކުރުމާއި، ދައުލަތުގެ ސިއްރު ލިޔުމެއް ޓުވިޓާގައި އާންމުކުރި ކަމަށް ބުނެފައިވާ މައްސަލައެކެވެ.

އެ މައްސަލަތަކުގެ ތަހުގީގަށް ސީއެސްސީން ނިންމީ އޭނާ މަގާމުގައި ހުރެ ދައުލަތުގެ މާލިއްޔަތު ގަވައިދާއި ސިވިލް ސާވިސް ގަވާއިދާއި ސިވިލް ސާވިސް ކޯޑް އޮފް ކޮންޑަކްޓާ ޚިލާފުވެފައިވާކަން ތަހުގީގު ކޮމިޓީއަށް ސާބިތުވެފައިވާ ކަމަށެވެ. އެހެންވެ، ސެޕްޓެމްބަރު 10، 2019ގައި އޭނާ ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.

އެ ނިންމުން ބާތިލުކުރުމަށް އެދި މުއްސަބު ސިވިލް ކޯޓުގައި ދައުވާކުރުމުން، އެ ކޯޓުން ހުކުމްކުރީ އޭނާ ވަޒީފާއިން ވަކިކުރީ ގޯސްކޮށް ކަމަށް ސާބިތުނުވާ ކަމަށާއި އޭނާއަށް ފައިސާ ދޭން އަމުރު ކުރާނެ ޝަރުއީ ހަމައެއް ނެތް ކަމަށެވެ.

މުސްއަބު އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ހުކުމްކުރީ ސިވިލް ކޯޓުގެ ހުކުމް ބާތިލުކުރުމަށެވެ. ނަމަވެސް އޭނާގެ ވަޒީފާ އެހެން މީހަކަށް ދީފައިވުމުން އެ ވަޒީފާއަށް އޭނާ ރުޖޫއަ ކުރެވެން ނެތް ކަމަށާއި އެހެންވެ، ވަޒީފައިން ވަކިކުރުމުގެ ކުރިން ސަސްޕެންޝަންގައި ހުރި މުއްދަތުގައި ލިބެން ޖެހޭ މުސާރައާއި އިނާޔަތުގެ ގޮތުން 86،333.33 ރުފިޔާ އޭނާއަށް ދިނުމަށް އެ ކޯޓުން ހުކުމްކުރިއެވެ.

މީގެ އިތުރުން، ސެޕްޓެމްބަރު 10އިން ފެށިގެން، މުއްސަބުގެ ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު ހަމަވާ ތާރީޚަށް ލިބެން ޖެހޭ 1.1 މިލިއަން ރުފިޔާ އޭނާއަށް ދިނުމަށް ވެސް އޭރު ހައިކޯޓުން ހުކުމްކުރިއެވެ.

އެ ހުކުމް ސީއެސްސީން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމާ ގުޅިގެން މިއަދު ބޭއްވި އަޑުއެހުމުގައި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ ރައުޔުގައި ވަނީ، އޭނާ ވަޒީފާއިން ވަކީކުރީ ދައުލަތުގެ ސިއްރު ލިޔުމެއް އާންމުކުރުމުން ކަމަށް ސީއެސްސީން ބުނި ނަމަވެސް އާންމުކުރި ލިޔުމަކީ ސިއްރު ލިޔުމެއްކަން ސީއެސްސީއަށް ސާބިތުކޮށްދެއްވިފައި ނުވާ ކަމަށެވެ. އެހެންވެ، އޭނާ ވަޒީފާއިން ވަކިކުރީ އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށް ކަމަށް ނުބެލެވޭ ކަމަށް ހައިކޯޓުން ނިންމާފައިވަނީ ރަނގަޅަށް ކަަމަށް އެކަމަނާގެ ރައުޔުގައިވެއެވެ.

މުސްއަބަށް ބަދަލު ދިނުމާ ގުޅޭ ގޮތުން ފަނޑިޔާރު ޝުޖޫން ވިދާޅުވީ، އޭނާގެ ވަޒީފާގެ މުއްދަތު ހަމަވާ ތާރީޚު ކަމަށްވާ ޖުލައި 24، 2022ގެ ނިޔަަލަށް ލިބެންޖެހޭ މުސާރައާއި އިނާޔަތް ނަގައިދިނުމަށް ހައިކޯޓުގައި އެދިފައިވީ ނަމަވެސް އެ ފައިސާ ނަގައިދިނުމަށް ސިވިލް ކޯޓުގައި އެދިފައިނުވާ ކަމަށެވެ.

އެ މައްސަލައިގެ ހާލަތަށް ބަދަލުއައިސްފައިވަނީ ކޯޓު މަރުހަލާގައިކަން ފާހަގަކުރައްވައި ފަނޑިޔާރު ވިދާޅުވީ، ގެއްލުމުގެ ބަދަލު ނަގައިދިނުމުގައި ރިއާޔަތް ކުރާ ޖެހޭ ކަންތައްތަކެއް ކުރީގެ ގަޟިއްޔާތަކެއްގައި ފާހަގަކޮށްފައިވާ ކަމަށެވެ.

"މި އެންމެހާ ކަންކަމަކީ ދަށު މަރުހަލާގައި ޓްރައިބިއުނަލްއެއް ނުވަތަ ކޯޓަށް ހެކި ހުށަހެޅި ގޮތް ކަނޑައަޅަން ޖެހޭ ކަންކަން ކަމުން މުއްސަތު އަބްދުﷲއަށް ލިބެން ޖެހޭ ބަދަލު މި މަރުހަލާގައި ކަނޑައެޅޭނެ ކަމަށް ނުދެކެން،" ފަނޑިޔާރު ޝުޖޫންގެ ރައުޔުގައިވެއެވެ.

ނަމަވެސް އޭނާ ބަދަލު ނަގަން އެދޭނަމަ އެކަމަށް ވަކި މައްސަލައެއް ހުށަހެޅިދާނެ ކަމަށް ވެސް އެ ރައުޔުގައި ފާހަގަކުރެއްވިއެވެ. ފަނޑިޔާރު ޝުޖޫންގެ ރައުޔަށް، ބެންޗުގައި ދެން ތިއްބެވި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ތާއިދުކުރެއްވިއެވެ.

އެހެންވެ، ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވީ، ހައިކޯޓުން މުއްސަބަށް ބަދަލުދޭން ކަނޑައަޅާފައިވާ އަމުރު ބާތިލުކޮށް، އެ މައްސަލައިގައި އެ ކޯޓުން ކޮށްފައިވާ ހުކުމުގެ ބާކީ ބައިތަކަށް ތާއިދުކުރެއްވުމަށެވެ. އެގޮތުން، އޭނާ ސަސްޕެންޝަނުގައި ހުރި މުއްދަތަށް ލިބެން ޖެހޭ މުސާރައާއި އިނާޔަތުގެ ގޮތުގައި 86،333.33 ލިބެން ޖެހޭ ކަމަށް ވެސް ހުކުމުގައިވެއެވެ.

comment ކޮމެންޓް