އޮސްޓްރޭލިއަން އޯޕަންގެ ސެމީފައިނަލުން ސަބަލެންކާ ޖާގަ ހޯދައިފި

ސަބަލެންކާވަނީ އޭނާ އެންމެ ފަހުން ކުޅުނު ގްރޭން ސްލޭމް ހަ މުބާރާތުގެ ސެމީފައިނަލުން ޖާގަހޯދައިފަ /ފޮޓޯ: ބީބީސީ

އަހަރުގެ ފުރަތަމަ ގްރޭން ސްލޭމް މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަންގެ އަންހެން ސިންގަލްސް އިވެންޓްގެ ސެމީފައިނަލުން އެންމެ ފަހުގެ ޗެމްޕިއަން އަދި މިފަހަރުގެ މުބާރާތުގައި ދެވަނައަށް ސީޑް ކުރެވިފައިވާ ބެލަރޫސްގެ އަރީނާ ސަބަލެންކާ ޖާގަހޯދައިފިއެވެ.

މިމުބާރާތުގެ ސެމީފައިނަލުން ސަބަލެންކާ ޖާގަ ހޯދީ ކުއާޓާ ފައިނަލްގައި ޗެކް ރިޕަބްލިކްގެ ބާބޮރާ ކްރެއިސިކޯވާއާ ބައްދަލުކުރި މެޗު ސީދާ ދެސެޓުން ކާމިޔާބު ކޮށްގެންނެވެ. މިމެޗުގެ ސެޓްތައް ސަބަލެންކާ ކާމިޔާބު ކޮށްފައިވަނީ ހައެއް ދެއެއް އަދި ހައެއް ތިނަކުންނެވެ.

މިމެޗު ކާމިޔާބު ކުރުމަށް ސަބަލެންކާއަށް ހޭދަވީ 71 މިނެޓެވެ. ސަބަލެންކާވަނީ އޭނާ މެލްބަންގައި އެންމެ ފަހުން ކުޅުނު 12 މެޗު ކާމިޔާބު ކޮށްފައެވެ. އަދި އޭނާ އެންމެ ފަހުން ކުޅުނު ގްރޭން ސްލޭމް ހަ މުބާރާތުގައި ވެސް އޭނާވަނީ ސެމީފައިނަލުން ޖާގަހޯދއިފައެވެ. މިކާމިޔާބީއާއެކު އޭނާ ސެމީފައިނަލްގެ ޖާގައެއް ކަށަވަރު ކޮށްފައިވާއިރު ސެމީފައިނަލްގައި އޭނާ ވާދަކުރުމަށް ހަމަޖެހިފައިވަނީ ހަތަރުވަނައަށް ސީޑް ކުރެވިފައިވާ އެމެރިކާގެ ކޯކޯ ގައުފް އާއެވެ.

މިމުބާރާތުގެ ސެމީފައިނަލުން ގައުފް ޖާގަހޯދީ ކުއާޓާ ފައިނަލްގައި ޔޫކްރެއިންގެ މާޓާ ކޮސްޓްޔުކްއާ ބައްދަލުކުރި މެޗު ދެ ސެޓް އެއްސެޓުން ކާމިޔާބު ކޮށްގެންނެވެ. މިމެޗު ވެގެންދިޔައީ މިހާތަނަށް މިފަހަރުގެ މުބާރާތުގައި ގައުފް ކުރިމަތިލީ އެންމެ އުނދަގޫ މެޗަށެވެ. މިމެޗުގެ ފުރަތަމަ ސެޓް ޓައި ބްރޭކަކަށް ގޮސް އަށެއް ހަޔަކުން ގައުފް ކާމިޔާބު ކުރިއިރު ދެވަނަ ސެޓް ޓައިބްރޭކަކަށް ގޮސް ހަތަރެއް ހަތަކުން ކާމިޔާބު ކުރީ ކޮސްޓްޔުކްއެވެ. މިމެޗުގެ ފަހު ސެޓް ގައުފް ކާމިޔާބު ކޮށްފައިވަނީ ހައެއް ދެއަކުންނެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ގައުފް ބުނީ މިމެޗުގައި އޭނާއަށް އެންމެ ރަނގަޅަށް ނުކުޅެވުނު ކަމަށާއި ނަމަވެސް މިމެޗު ކާމިޔާބު ކުރެވުމުން ހިތްހަމަ ޖެހޭ ކަމަށެވެ. އަންހެން ސިންގަލްސް ބަޔަށް ބަލާއިރު މިހާރު ގިނަ ބައެއްގެ ޝައުގުވެރިކަން އަމާޒުވެފައިވަނީ ސަބަލެންކާ އާއި ގައުފްގެ ކުރިމަތިލުމަށެވެ. މިމެޗު ވާނީ މިފަހަރުގެ މުބާރާތުގައި ފެންނާނެ އެންމެ ފާހަގަ ކޮށްލެވޭ އެއް ކުރިމަތިލުމަށް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

comment ކޮމެންޓް