މިދިޔަ އަހަރު ފެމިލީ ކޯޓުން 2425 ކައިވެނި، 1281 ވަރި

މިދިޔަ އަހަރު 2425 ކައިވެނި ކުރިއިރު، 1281 މީހުން ވަރިވެފައިވާ ކަމަށް ފެމިލީ ކޯޓުން ބުނި -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ނިމުނު 2023 ވަނަ އަހަރުގެ ތެރޭގައި 2425 ކައިވެންޏާއި 1281 ވަރިކޮށްދީފައިވާ ކަމަށް ފެމިލީ ކޯޓުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އިއްޔެ އެ ކޯޓުން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުގައި މިދިޔަ އަހަރު ރާއްޖޭން ބޭރުގައި 192 ކައިވެނިކުރުމަށް އެ ކޯޓުގައި ރަޖިސްޓްރީކޮށްފައިވެއެވެ. ނަމަވެސް އޭގެ ތެރެއިން ކުރެވިފައިވަނީ 163 ކައިވެންޏެކެވެ.

ފެމިލީ ކޯޓުން ބުނީ ޖުމްލަ 2،236 މައްސަލަ އެ ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އެކަމަކު، އަހަރުގެ ތެރޭގައި ނިންމިފައިވަނީ 2313 މައްސަލަކަމަށް އެ ކޯޓުން ބުނެއެވެ.

މިދިޔަ އަހަރު ވަރިވުމަށް ޖުމްލަ 766 ފޯމު ހުށަހަޅާފައިވެއެވެ. މީގެ ތެރެއިން 744 މައްސަލައެއް ނިމިފައިވާއިރު 118 މައްސަލައެއް އަދިވެސް ނުނިމެއެވެ.

މީގެ އިތުރުން، ހުކުމް ތަންފީޒުކުރުމަށް އެދި 112 މައްސަލައެއް އެ ކޯޓަށް ހުށަހަޅާފައިވާއިރު ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން ހުށަހަޅާފައިވާ 80 މައްސަލައެއް އެ ކޯޓުން ވަނީ ނިންމާފައެވެ.

ފެމިލީ ކޯޓުން މިދިޔަ އަހަރުގެ ތެރޭގައި ވަނީ ވަރި ސާބިތުކުރުމަށް ހުށަހެޅި 631 މައްސަލައަކާއި ކުޑަކުދިންނާއި ގުޅުންހުރި 42 މައްސަލައެއް ނިންމިއެވެ.

ހަމައެއާ އެކު، ދަރިންގެ ޚަރަދު ހޯދުމަށް 55 ހުށަހެޅުމެއް ހުށަހަޅާފައިވާއިރު ފަސް މައްސަލައެއް ނުނިމި އޮތް ކަމަށް އެ ކޯޓުން ބުނެއެވެ. އަދި، އެހެނިހެން ބާވަތްތަކާ ގުޅުން ހުރި 26 މައްސަލައެއް މިދިޔަ އަހަރު ތެރޭގައި އެ ކޯޓަށް ހުށަހަޅާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

comment ކޮމެންޓް