ދެ ގައުމަކުން އެތެރެވިޔަ ނުދިން، ޗައިނާ އުޅަނދު ރާއްޖެއަށް

ޗައިނާގެ ސާވޭ އުޅަނދު، ޝިއަން ޔަންގް ހޮންގް --

އަވަށްޓެރި އިންޑިއާއާއި ސްރީލަންކާއިން ވެސް އެ ގައުމުތަކުގެ ސަރަހައްދަށް އެތެރެވުމުގެ ހުއްދަ ނުދިން، ޗައިނާގެ ސާވޭ އުޅަނދު ރާއްޖޭގައި ބަނދަރުކުރުމަށް ދަތުރުކުރަމުން އަންނަކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ކަނޑު އަޑީގެ ސާވޭތައް ހަދައި، ޗައިނާގެ ރިސާޗް އުޅަނދެއްކަމަށްވާ ޝިއަން ޔަންގް ހޮންގް ރާއްޖެ އަންނަކަމަށް ބުނެ އިންޑިއާގެ ނޫސްތަކުގައި ވެސް ވަނީ ޚަބަރު ފަތުރައިފައެވެ.

އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި މި އުޅަނދު ރާއްޖެ އަންނާނީ މި ފެށޭ މަހުގެ ކުރީ ކޮޅެވެ. ކަނޑު އުޅަނދުފަހަރުގެ ހަރަކާތްތައް މޮނީޓަރުކުރާ ކަނޑުމަތީގެ ޓްރެފިކް ހަރަކާތްތައް ބަލައި ސައިޓުތަކުން ވެސް ދައްކައި ގޮތުގައި މި އުޅަނދު މިސްރާބު ޖަހައިފައިވަނީ ރާއްޖެއަށެވެ.

ޗައިނާގެ އުޅަނދު ރާއްޖެއަށް ކޯސް ޖަހާފައި --

މި އުޅަނދާ ގުޅޭ ގޮތުން އެމްއެންޑީއެފާ ސުވާލު ކުރި ނަމަވެސް މިހާތަނަށް ޖަވާބެއް ދީފައެއް ނުވެއެވެ.

ޗައިނާގެ ރިސާޗް އުޅަނދުތައް އިންޑިއާ ކަނޑުގެ ސަރަހައްދަށް ވަނުމާ އެންމެ ދެކޮޅު، އެންމެ ކަންބޮޑުވާ އެއް ގައުމަކީ އިންޑިއާއެވެ. މިއީ އަސްކަރީ ނަމުގައި ބޭނުންކުރާ އުޅަނދުތަކެއް ނޫން ނަމަވެސް އެ ގައުމުން ތުހުމަތުކުރާ ގޮތުގައި މި ރިސާޗްތަކުގައި އެއްކުރާ މައުލޫމާތު ބޭނުންކުރަނީ އަސްކަރީ ބޭނުންތަކަށެވެ.

މީގެ ކުރިން މި އުޅަނދު ލަންކާއަށް އެތެރެވެ، އެ ގައުމުގައި 'ޑީޕް ވޯޓާ އެކްސްޕްލޮރޭޝަން' ރިސާޗް މަސައްކަތެއް ކުރަން އުޅުނެވެ. ނަމަވެސް އިންޑިއާއިން ފާޅުކުރި ކަންބޮޑުވުންތަކާ އެކު ލަންކާއިން ވަނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށް ބޭރު އެއްވެސް ގައުމެއްގެ ސާވޭ އުޅަނދެއް އެ ގައުމުގެ ކަނޑުގެ ސަރަހައްދަށް އެތެެރެވުން މަނާކޮށްފައެވެ.

މި ފަދަ އުޅަނދެއް ރާއްޖެ އަންނަކަމުގެ ރިޕޯޓުތައް ފެތުރެން ފަށައިފައިވާއިރު، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އާ ސަރުކާރުންވަނީ އިންޑިއާގެ އަސްކަރީ އުޅަނދުތައް ބޭނުންކޮށްގެން، ރާއްޖޭގެ ކަނޑުގެ ހައިޑްރޮގްރަފީ ސާވޭ ހެދުމުގެ ކަންކަން ކުރިއަށް ގެންދަން ބޭނުންނުވާކަން ހާމަކުރައްވައި، އެ އެއްބަސްވުން އުވައިލަން ނޯޓިސް ވެސް ދީފައެވެ.

comment ކޮމެންޓް