ފައިސާގެ މައްސަލަ ޖެހި، ފިލްމު 'އެނިމަލް'އަށް ގާނޫނީ ހުރަސްތަކެއް

އެކްޓަރު ރަންބީރު ކަޕޫރު ފިލްމު "އެނިމަލް"ގެ މަންޒަރެއްގައި -- ފޮޓޯ/ފޭސްބުކް

މި މަހުގެ 26 ވަނަ ދުވަހު ނެޓްފްލިކްސްއަށް ދޫކޮށްލަން ނިންމާފައިވާ ފިލްމު "އެނިމަލް"އަށް ގާނޫނީ މައްސަލަތަކެއް ކުރިމަތިވެއްޖެއެވެ.

މި ފިލްމު ގެނެސްދިން މައި ޕްރޮޑަކްޝަން ހައުސް ޓީ-ސީރީސްއާ ދެކޮޅަށް ފިލްމުގެ ކޯ ޕްރޮޑަކްޝަން ހައުސް ސައިން1އިން ވަނީ ނިއު ދިއްލީ ކޯޓަށް މައްސަލަ ހުށަހަޅާފައެވެ. ދެ ޕްރޮޑަކްޝަން ހައުސް ގުޅިގެން ފިލްމު އުފައްދަން އެއްބަސްވެފައިވަނީ ފިލްމަށް ފައިދާގެ ގޮތުގައި ލިބޭ އާމްދަނީގެ 35 ހިއްސާ ސައިން1 ޕްރޮޑަކްޝަންއަށް ދޭ ގޮތަށެވެ.

އެހެންނަމަވެސް ފިލްމަށް ބޮކްސް އޮފީހުގައި ބޮޑު އާމްދަނީއެއް ލިބުނު ނަމަވެސް ޓީ-ސީރީސްއިން ވަނީ ކުރީގެ އެއްބަސްވުމާ ޚިލާފުވެފައި ކަމަށް ސައިން1 ސްޓޫޑިއޯއިން ވަނީ ބުނެފައެވެ.

ފިލްމު "އެނިމަލް"ގެ ކޯ-ޕްރޮޑަކްޝަން ކުންފުނި ސައިން1އިން ބުނެފައިވާ ގޮތުގައި ފިލްމު ރިލީޒް ކުރިތާ 45 ދުވަސްވެފައިވާއިރު ވެސް ޓީ-ސީރީސްގެ ފަރާތުން އެއްބާރުލުން ލިބިފައިނުވެއެވެ. ފިލްމު ޕްރޮމޯޓް ކުރުމަށާއި ރިލީޒް ކުރުމުގެ މަރުހަލާގައި ސައިން1 ސްޓޫޑިއޯއިން ގިނަ ޚަރަދުތަކެއް ކޮށްފައިވާއިރު އޭގެ ތަފުސީލެއް ވެސް ސައިން1 ސްޓޫޑިއޯއާ ހިއްސާކޮށްފައިނުވާ ކަމަށް އެ ސްޓޫޑިއޯގެ ވެރިޔާ މުރާދު ކެތާނީ ވަނީ ބުނެފައެވެ.

ފިލްމު "އެނިމަލް"ގެ މަންޒަރެއްގައި ރަންބީރު ކަޕޫރު އަދި ރަޝްމިކާ-- ފޮޓޯ/ އިންޓަނެޓް

މިހާތަނަށް ސައިން1 ސްޓޫޑިއޯއާއި ޓީ-ސީރީސްއާ ގުޅިގެން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި ނަމަވެސް ދެ ފަރާތުގެ ޒަމާންވީ ރަޙްމަތްތެރިކަމުގެ ގުޅުމަށް ޓީ-ސީރީސްއިން އިހުތިރާމް ނުކުރާކަން ވަރަށް ރަނގަޅަށް ސާބިތުކޮށްދީފި ކަމަށް މުރާދު ވަނީ ކޯޓުގައި ބުނެފައެވެ.

ރަންބީރު ކަޕޫރު އަދި ބަތަލާ ރަޝްމިކާ މަންދަންނާ މުހިއްމު ރޯލުތައް ކުޅެފައިވާ މި ފިލްމަކީ ގިނަ ބަޔަކު ސްޓްރީމިންގް މެދުވެރިކޮށް ބެލުމަށް އިންތިޒާރު ކުރަމުން އަންނަ ފިލްމެކެވެ. އެހެންނަމަވެސް ފިލްމަށް މެދުވެރިވި ޤާނޫނީ މައްސަލަތަކާ ގުޅިގެން ފިލްމު ސްޓްރީމްކުރަން ޝެޑިއުލް ކުރެވިފައިވާ ތާރީޚުގައި ބެލުންތެރިންނަށް ނުފެނުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

comment ކޮމެންޓް