ހަމާސް ނައްތައިލުމަށް އިސްރާއީލުން ކުރާ މަސައްކަތް ކާމިޔާބެއްނުވޭ: އީޔޫ

އީޔޫގެ ހާރިޖީ ސިޔާސަތުގެ ވެރިޔާ ޖޯސެފް ބޮރެލް. ފޮޓޯ/މިޑްލް އީސްޓް މޮނިޓާ

ފަލަސްތީނުގެ ޣައްޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތް ނައްތައިލުމަށް އިސްރާއީލުން ކުރާ މަސައްކަތް ކާމިޔާބުނުވާ ކަމަށް ވިލާތުގެ އިއްތިހާދު (އީޔޫ)ގެ ޚާރިޖީ ސިޔާސަތުގެ ވެރިޔާ ޖޯސެފް ބޮރެލް ވިދާޅުވެއްޖެއެވެ.

ބޮރެލް އެ ގޮތަށް ވިދާޅުވީ އިޔޫގެ ހާރިޖީ ވަޒީރުން ކޮންމެ މަހަކު ބާއްވާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ބެލްޖިއަމްގައި ބޭއްވި އެ ޖަލްސާގައި މި ފަހަރު ބައިވެރިވާ ގައުމުތަކުގެ ތެރޭގައި ސައުދީ އަރަބިއްޔާ، މިސްރު އުރުދުންގެ ހާރިޖީ ވަޒިރުންނާއި އަރަބި ލީގުގެ ސެކްރެޓްރީ ޖެނެރަލް ވެސް ހިމެނެއެވެ.

ޖަލްސާގެ މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވައިލާނީ ހަމާސްއިން އޮކްޓޯބަރު ހަތްވަނަ ދުވަހު އިސްރާއީލަށް ދިން ހަމަލާއާއި އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ބަދަލު ހިފުމުގެ ހަމަލާތަކުގެ ނަތީޖާއަށެވެ.

ހަމާސް ނައްތައިލުމަށް އިސްރާއީލުން މަސައްކަތް ކުރަނީ އެ ކަން ކުރަންޖެހޭ ގޮތަކަށް ނޫން ކަމަށާއި ފަލަސްތީނުގެ އެންމެން މެރުމަކީ އެކަމަށް އޮތް ހައްލެއް ނޫން ކަމަށް ބޮރެލް ވިދާޅުވިއެވެ.

އިސްރާއީލާއެކު ފަލަސްތީނަށް ވެސް މިނިވަން ދައުލަތެއް އުފައްދައި އެކުގައި އުޅެވޭނެ ގޮތެއް ހަމަޖެއްސުމަށް ބައިނަލްއަގުވާމީ ގޮތުން މަސައްކަތްތައް ކުރިއަށް ގެންދަން ބޭނުންވާ ކަމަށް ވެސް ބޮރެލް އިތުރަށް ވިދާޅުވިއެވެ.

އެކަމަށް ޓަކައި އެންމެ ފަހުން ކުރެވުނު މަޝްވަރާތައް މީގެ 10 އަހަރު ކުރިން ފުނޑުފުނޑުވެގެން ދިޔައީ ދެ ފަރާތުން އެއްބަސްނުވުމުގެ ސަބަބުން ކަމަށް ބޮރެލް ފާހަގަކުރެއްވިއެވެ.

ބެލްޖިއަމްގެ އެ ބައްދަލުވުމުގެ ކުރިން ފަލަސްތީނު މައްސަލައިގައި ސުލްހަ ގާއިމުކުރުމަށް މަގު ޗާޓެއް އެކުލަވައިލުމަށް ވެސް އީޔޫއިން ވަނީ ނިންމައިފައެވެ. މަގު ޗާޓުގައި މައިގަނޑު ގޮތެއްގައި ގޮވައިލަނީ "ސުލްހައިގެ ކޮންފަރެންސް"އެއް ބޭއްވުމަށް ކަމަށާއި ކޮންފަރެންސް އިންތިޒާމުކުރާނީ އީޔޫގެ އިތުރުން އުރުދުން، މިސްރު، ސައުދީ އަރަބިއާގެ އިތުރުން އަރަބި ލީގުގެ އެހެން ގައުމުތައް ކަމަށް ރޮއިޓާސްއިން ރިޕޯޓުކޮށްފައިވެއެވެ.

އަދި އެ ކޮންފަރެންސުގައި ބައިވެރިވުމަށް އދ. އާއި އެމެރިކާއަށް ވެސް ދައުވަތު އަރުވާނެކަމަށް އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ. ސުލްހައިގެ މަގު ޗާޓުގެ މައިގަނޑު މައުޟޫއަކަށް ވާނީ ފަލަސްތީނުގައި މިނިވަން ދައުލަތެއް ގާއިމުކުރުމުގެ މައުޟޫއެވެ.

އީޔޫއަކީ ފަލަސްތީނަށް އިގްތިސާދީ ގޮތުން އެހީވެދޭ އެންމެ ބޮޑު ބާރެވެ. މިނިވަން ވިޔަފާރި ހިމެނޭހެން އެކި ދާއިރާތަކުން އެއްބާރުލުން ދިނުމަށް އިސްރާއީލާއެކު ވެސް އީޔޫއިން ވަނީ އެއްބަސްވުން ހަދައިފައެވެ.

comment ކޮމެންޓް