މާލޭ ސިޓީ ކައުންސިލްގެ އާ މޭޔަރުކަމުގެ ހުވާ، އިދިކޮޅު އެމްޑީޕީއަށް ނިސްބަވްވެވަޑައިގަންނަވާ އާދަމް އާޒިމް މިރޭ ކުރައްވައިފިއެވެ.
އާޒިމްގެ އިތުރުން، މާލެއަށް އަލަށް ހޮވުނު ތިން ކައުންސިލަރުންނަށް މިރޭ ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރެވެ.
މާލޭ ސިޓީ ކައުންސިލަށް އާ މޭޔަރަކު ހޮވީ އެ މަގާމުގައި ކުރިން ހުންނެވި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމުންނެވެ.
އެ މަނިކުފާނު އުފެއްދެވި ސަރުކާރުގައި މަގާމުތައް ލިބުނު ކައުންސިލަރުން އިސްތިއުފާ ދެއްވުމާއެކު ހުސްވި ގޮނޑިތަކާއެކު މޭޔަރު ހޮވުމަށް މިމަހުގެ 13ގައި ބޭއްވި އިންތިޚާބު އާޒިމް ކާމިޔާބު ކުރެއްވީ ވެރިކަން ކުރާ ޕާޓީގެ ކެންޑިޑޭޓް އާއިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ބޮޑު ތަފާތަކުން ކުރި ހޯއްދަވައިގެންނެވެ. އެގޮތުން އާޒިމަށް 7,621 ވޯޓު ލިބުނުއިރު އާޒިމާއަށް ލިބުނީ 5،031 ވޯޓެވެ.

މާލޭ ސިޓީ ކައުންސިލްގެ އާ މޭޔަރުކަމުގެ ހުވާ، އިދިކޮޅު އެމްޑީޕީއަށް ނިސްބަވްވެވަޑައިގަންނަވާ އާދަމް އާޒިމް ކުރެއްވުން -- ފޮޓޯ/ މާލޭ ސިޓީ ކައުންސިލް
އެ އިންތިޚާބުގައި ދެން ހޮވުނީ، މާފަންނު ދެކުނުގެ ކައުންސިލަރު ޙަސަން ނާޒިމާއި ހެންވޭރު ދެކުނުގެ ކައުންސިލަރު އާމިނަތު ރިޝްފާ އަހުމަދާއި މެދު ހެންވޭރު ދާއިރާގެ ކައުންސިލަރު އަހުމަދު ރިޝްވާން ރަޝީދެވެ.
އޭގެ ތެރެއިން ނާޒިމާއި ރިޝްފާ ހޮވުނީ ޕީއެންސީ ޓިކެޓުގައި ވާދަކޮށްގެންނެވެ. ރިޝްވާން ވާދަކުރީ އެމްޑީޕީގެ ފަރާތުން ކަމަށްވީ ނަމަވެސް މިއަދު ވަނީ ޕީއެންސީއަށް ސޮއިކުރައްވައިފައެވެ.
ރިޝްވާން ޕީއެންސީއަށް ސޮއި ކުރެއްވުމާއެކު މާލޭ ސިޓީ ކައުންސިލުގައި ތިއްބަވާ ޕީޕީއެމް، ޕީއެންސީގެ މެންބަރުންގެ އަދަދު 13އަށް އަރާނެއެވެ. އެ ކައުންސިލުގައި 19 ކައުންސިލަރުން ހިމެނެއެވެ.