ކުއްޖާ ނިޔާވި މައްސަލައިގައި މަޖިލީހުން އިންކުއަރީއެއް ހަދަނީ

21 ޖެނުއަރީ 2024: މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގައި ސިއްހީ އެމާޖެންސީއެއް ދިމާވި ގއ. ވިލިނގިލީ ކުޑަކުއްޖާގެ ފަރުވާ ލަސްވެ ނިޔާވި މައްސަލަ ބެލުން -- ފޮޓޯ: މަޖިލިސް

ސިއްހީ އެމާޖެންސީއެއް ދިމާވި ގއ. ވިލިނގިލީ ކުޑަކުއްޖާ އިތުރު ފަރުވާއަށް މާލެ ގެނައުން ލަސްވެ، ނިޔާވި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން އިންކުއަރީއެއް ހަދައި، ކަމާ ގުޅުންހުރި މުއައްސަސާތަކުގެ ވެރިން ކޮމިޓީއަށް ހާޒިރުކުރަން މިއަދު ނިންމައިފިއެވެ.

އިއްޔެ ހިނގައިދިޔަ އެ ހާދިސާއާ ގުޅިގެން، ރައްޔިތުންގެ މަޖިލިސް ރިސެސްގައި އޮއްވައި، މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި، ބައިވެރިވި މެމްބަރުން ވަނީ އެ ކަމުގައި އެކި މުއައްސަސާތަކުގެ އިހުމާލު އޮތްކަމަށް ތުހުމަތުކުރައްވައިފައެވެ.

އެގޮތުން ކޮމިޓީގައި ވާހަކަދައްކަވަމުން އައްޑޫ މީދޫ ދާއިރާގެ ރޮޒައިނާ ވިދާޅުވީ އިންޑިއާއާއި ރާއްޖޭގެ ސަރުކާރާ ދެމެދު ހީނަރުވެފައި އޮތް ގުޅުމުގެ ތެރެއިން އޭގެ ނޭދެވޭ އަސަރު ރައްޔިތުންނަށް ކުރަމުން އަންނަކަމަށެވެ. އެގޮތުން ޑޯނިއާއާއި އިންޑިއާއިން ދީފައި އޮތް ހެލިކޮޕްޓަރު ބޭނުންނުކޮށް ދޫކޮށްލުމުން އޭނާވަނީ ނުރުހުން ފާޅުކުރައްވައިފައެވެ.

އެހެންކަމުން މި މައްސަަލައިގައި ޖަވާބުދާރީވުމަށް ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫނާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވެސް ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށް ޖަވާބުދާރީކުރުވުން މުހިންމު ކަމަށް ރޮޒޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު އާސަންދައިގެ ވެރިން ހާޒިރުކުރުމަށް ވެސް ކޮމިޓީގައި ބައިވެރިވި މެމްބަރުން ވަނީ ގޮވައިލައްވައިފައެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ވެސް ވަނީ އޮބްޒާވަރެއްގެ ގޮތުން ބައިވެރިވެލައްވައިފައެވެ. ކޮމިޓީގައި ކަންބޮޑުވުންތައް ހިއްސާކުރައްވަމުން އޭނާ ވިދާޅުވީ މިއީ ރާއްޖޭގައި މި ފަހުން ހިނގަމުން އަންނަ އާންމު ކަމެއް ކަމަށެވެ.

"ސަރުކާރެއްގެ އެންމެ މުހިންމު މަސްއޫލިއްޔަތަކީ އެ ގައުމެއްގެ ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށް ކުރެވެން ހުރި މަސައްކަތެއް ކުރުން،" ސައުދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ ކުއްޖާގެ ހާލަތު ދަށްވެ، ރައްޔިތުން އެ ކަމުގެ ކަންބޮޑުވުން ފާޅުކޮށް އިހުތިޖާޖުކުރުމުން ވެސް އެމަޖެންސީ ހާލަތެއްގައި ފިޔަވަޅު އެޅުން އިންތިހާއަށް ލަސްވީކަމަށެވެ.

އަދި އެމަޖެންސީ ވަސީލަތްތައް ލިބެން އޮއްވައި، ސަރުކާރުން ގަސްތުގައި އެ ވަސީލަތްތައް ބޭނުން ނުކުރީކަމަށް ވެސް ސައުދު ތުހުމަތުކުރެއްވިއެވެ.

އެއާއެކު މިއަދުގެ ކޮމިޓީ ބައްދަލުވުން ނިންމަވައިލައްވަމުން ކޮމިޓީގެ މުގައްރިރު ޖީހާން މަހްމޫދު ވަނީ މި މައްސަލައިގައި ކޮމިޓީން ޚާއްސަ އިންކުއަރީއެއް ހަދައި، ޒިންމާވާންޖެހޭ މުއައްސަސާތަކުގެ ވެރިން ހާޒިރުކޮށް ސުވާލުކުރަން ނިންމައިފައެވެ.

"އެގޮތުން ސުވާލުކުރުމުގައި އަޅުގަނޑުމެން އިސްކަންދޭންވީ ކަންކަމަކީ އިއްޒަތްތެރި މެމްބަރުން ފާހަގަކުރައްވައިފައިވާ ފަދައިން މިފަދަ މައްސަލަަތަކުގައި، މެޑިކަލް އެމަޖެންސީ އިވެކިއުޝަންތަކުގައި އަމަލުކުރާނެ ނިޒާމެއް ކަނޑައެޅިފައިވޭތޯއާއި އެ ނިޒާމަކީ ކޮބައިތޯ ދެނެގަތުމަށް،" ޖީހާން ވިދާޅުވިއެވެ.

އަދި އިންޑިއާގެ ޑޯނިއާ މަތިންދާ ބޯޓު ބޭނުންނުކުރާނަމަ ދެން އަމަލުކުރާނެ ގޮތް ދެނެގަތުމާއި، މި މައްސަލައިގައި އެ ކަން ތަންފީޒުކުރިތޯ ބަލާނެކަމަށް ވެސް ޖީހާން ވިދާޅުވިއެވެ.
https://sun.mv/187636

އުމުރުން 13 އަހަރުގެ އެ ކުއްޖާ އިތުރު ފަރުވާއަށް މާލެ ގެނައުން ލަސްވި ކަމަށް އެ ކުއްޖާގެ އާއިލާއިން ވަނީ ބުނެފައެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެ ކުއްޖާ މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާ ދެމުންދަނިކޮށް، މިއަދު އެ ކުއްޖާ ނިޔާވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ. ނަމަވެސް އެކަމާ ބެހޭ އިތުރު ތަފުސީލެއް ހޮސްޕިޓަލުން ހާމަނުކުރެއެވެ.

އެ މައްސަލައާ ގުޅިގެން އާސަންދައިން ނެރުނު ބަޔާނުގައި ބުނީ، އެ ކުއްޖާ މާލެ ގެންދަން އެމަޖެންސީ އިވެކުއޭޝަނަކަށް ގއ. ވިލިނގިލީ އަތޮޅު ހޮސްޕިޓަލުން އެދުނީ ބުރާސްފަތި ދުވަހުގެ ފަތިހު 5:03ގައި ކަމަށެވެ. އެ ކުންފުނީގެ މެޑިކަލް ސެކްޝަނުން އެ ކޭސް 12 މިނިޓުތެރޭ ޕްރޮސެސްކޮށް، ކުއްޖާ އެމަޖެންސީގައި މާލެ ގެންނަން ހުއްދަ ދިން ކަމަށާއި، ފްލައިޓެއް ލިބޭތޯ ބަލަން އެ ކުންފުނިން 5:19ގައި ހޮސްޕިޓަލަށް އެންގި ކަމަށް އާސަންދައިން ބުންޏެވެ.

comment ކޮމެންޓް