އޮސްޓްރޭލިއަން އޯޕަންގެ ތިންވަނަ ބުރުން ޝްވާޓެކް ބަލިވެއްޖެ

ޝްވާޓެކް މިމެޗުން ބަލިވެފައިވަނީ ފުރަތަމަ ސެޓް ކާމިޔާބު ކޮށް ކުރި ހޯދުމާވެސް އެކު / ފޮޓޯ: ދި އެތުލެޓިކް

އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ތިންވަނަ ބުރުން ދުނިޔޭގައި އެއްވަނައަށް ރޭންކް ކުރެވިފައިވާ އަންހެން ކުޅުންތެރިޔާ ޕޯލަންޑްގެ އީގާ ޝްވާޓެކް ބަލިވެއްޖެއެވެ.

ޝްވާޓެކް ތިންވަނަ ބުރުގައި ބަލިވެފައިވަނީ ޗެކް ރިޕަބްލިކްގެ ލިންޑާ ނޮސްކޯވާއާ ބައްދަލުކޮށް ދެ ސެޓު އެއް ސެޓުންނެވެ. މި ސީޒަންގައި ޒުވާން އާ ކުޅުންތެރިން އަންނަނީ ގިނަ ބަޔަކު ހައިރާން ކޮށްލާފަދަ މޮޅު ކުޅުމެއް ދައްކަމުންނެވެ.

މި މެޗުގެ ފުރަތަމަ ސެޓް ފަސޭހަ ކަމާއެކު ތިނެއް ހަޔަކުން ޝްވާޓެކް ކާމިޔާބު ކުރި ނަމަވެސް ޖެހިގެން އައި ދެސެޓް ނޮސްކޯވާވަނީ ހައެއް ތިނެއް އަދި ހައެއް ހަތަރަކުން ކާމިޔާބުކޮށް ގިނަ ބަޔަކަށް ހައިރާންކަން ގެނުވާފައެވެ. މެޗަށްފަހު ނޮސްވާކާ ދެއްކި ވާހަކައިން އޭނާއަށް މިނަތީޖާގެ ސަބަބުން ހައިރާންކަން ލިބިފައިވާކަން ހާމަވެގެންދިޔައެވެ.

ނޮސްކޯވާ ބުނީ ދުނިޔޭގެ އެއްވަނަ ކުޅުންތެރިޔާއާ ދެކޮޅަށް ކުޅޭ މެޗު ވަރަށް ރަނގަޅު ވާނެކަމަށް މެޗުގެ ކުރިންވެސް އުންމީދު ކުރި ކަމަށާއި ނަމަވެސް ނަތީޖާ މިގޮތަށް ނިކުންނާނެ ކަމަށް އެއްވެސް ވަރަކަށް އުންމީދު ނުކުރާކަމަށެވެ. އަދި އެވަގުތު ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައިކަމަށް އޭނާ ބުންޏެވެ.

މިއީ ގްރޭން ސްލޭމް މުބާރާތެއްގެ ހަތަރު ވަނަ ބުރުން ނޮސްކޯވާއަށް ޖާގަ ހޯދުނު ފުރަތަމަ ފަހަރެވެ. އަދި މިއީ އޮސްޓްރޭލިއަން އޯޕަންގައި އޭނާ ވާދަކުރާވެސް ފުރަތަމަ ފަހަރެވެ. މިދިޔަ އަހަރު ނޮސްކޯވާވަނީ ކޮލިފައިންގައި ބަލިވެފައެވެ. މިމުބާރާތުގެ ހަތަރު ވަނަ ބުރުގައި ނޮސްކޯވާ ބައްދަލުކުރާނީ ޔޫކްރެއިންގެ އެލީނާ ސްވިޓޮލީނާ އާއެވެ. ސްވިޓޮލީނާ މިމުބާރާތުގެ ހަތަރު ވަނަބުރުން ޖާގަހޯދީ ސްވިޓްޒަލަންޑްގެ ވިކްޓޯރިޔާ ގޮލުބިޗްއާ ބައްދަލުކުރި މެޗު ހައެއް ދެއެއް އަދި ހައެއް ތިނަކުން ކާމިޔާބު ކޮށްގެންނެވެ.

ޝްވާޓެކް ބަލިވުމާއެކު ޑްރޯގެ މިހާރު އެންމެ މަތިން ސީޑް ކުރެވިފައިވާ ކުޅުންތެރިޔަކަށް ހުރީ 12 ވަނައަށް ސީޑް ކުރެވިފައިވާ ޗައިނާގެ ޒެންގް ގިންވެންއެވެ. ޒެންގް މިމުބާރާތުގެ ހަތަރުވަނަ ބުރުން ޖާގަހޯދީ ތިންވަނަ ބުރުގައި އަމިއްލަ ޤައުމަށް ނިސްބަތްވާ ވޭންގް ޔަފާންއާ ބައްދަލުކުރި މެޗު ދެ ސެޓް އެއް ސެޓުން ކާމިޔާބު ކޮށްގެންނެވެ. އެއީ ހައެއް ހަތަރެއް، ދޭއް ހައެއް އަދި ތިންވަނަ ސެޓް ޓައި ބްރޭކަކަށް ގޮސް ދިހައެއް އަށަކުންނެވެ.

ހަތަރުވަނަ ބުރުގައި ޒެންގް ވާދަކުރާނީ ފަރަންސޭސިވިލާތުގެ އޮސިއާން ޑޮޑިންއާއެވެ. އޮސިއާން ހަތަރު ވަނަ ބުރުން ޖާގަހޯދީ އަމިއްލަ ގައުމުގެ ކްލާރާ ބުރެލް ހައެއް ދެއެއް އަދި ހައެއް ހަތަރަކުން ބަލިކޮށްގެންނެވެ. މިމުބާރާތް މީގެކުރިން ދެ ފަހަރެއްގެ މަތިން ކާމިޔާބު ކޮށްފައިވާ ވިކްޓޯރިއާ އަޒަރެންކާ އާއި 11 ވަނައަށް ސީޑް ކުރެވިފައިވާ ލެޓްވިއާގެ ޔެލޭނާ އޮސްޓަޕެންކޯ ބައްދަލުކުރި މެޗު ސީދާ ދެސެޓުން ކާމިޔާބު ކުރީ އަޒަރެންކާއެވެ. އެއީ ހައެއް އެކެއް އަދި ހަތެއް ފަހަކުންނެވެ.

comment ކޮމެންޓް