އިސްރާއީލާ ދެކޮޅަށް އިންޑޮނޭޝިއާއިން ވެސް ދައުވާކޮށްފި

ގައްޒާގައި އިސްރާއީލުން ކުރަމުންދާ ހަނގުރާމައިގައި ފަލަސްތީނަށް ތާއީދުކުރުމުގެ ގޮތުން އިންޑޮނޭޝިއާގެ ޖަކާޓާގައި ހުންނަ އެެމެރިކާ އެމްބަސީ ކައިރިއަށް ބަޔަކު އެއްވެ -- ފޮޓޯ/މިޑްލް އީސްޓް މޮނިޓާ

އިސްރާއީލު ފައުޖުތަކުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތައް ކުށްވެރިކޮށް އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިން (އައިސީޖޭ)އަށް އިންޑިނޭޝިއާއިން ވެސް މައްސަލައެއް ހުށަހަޅައިފިއެވެ.

އިސްރާއީލުގެ ނޫހެއް ކަމަށްވާ 'މާރިވް'އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އިންޑޮނޭޝިއާއިން އައިސީޖޭއަށް ހުށަހެޅި މައްސަލަ ޑްރާފްޓްކުރުމަށް ތަޖުރިބާކާރުންގެ ހާއްސް ޓީމެއް އިންޑޮނޭޝިއާގެ ޚާރިޖީ ވުޒާރާއިން ވަނީ އެކުލަވައިލައިފައެވެ.

އެ ކަމާ ގުޅިގެން އިންޑޮނޭޝިއާގެ ޚާރިޖީ ވަޒީރު ރެޓްނޯ މާސޫދީ ވިދާޅުވީ އެ މައްސަލައަކީ ބައިނަލްއަގުވާމީ ގާނޫނުގެ މައްޗަށް ބިނާކޮށް ދުނިޔޭގެ މަސްލަހަތަށް ތާއީދުކުރުމުގެ އިތުރުން ފަލަސްތީނަށް ތާއީދު ކުރުމަށް އެހީތެރިވެދޭނެ މައްސަލައެއް ކަމަށެވެ.

އިސްރާއީލުން ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢުދުވާނަކީ ގަތުލުއާންމެއް ކަމަށް ބުނެ އެ މައްސަލަ ބަލައިދިނުމަށް ދެކުނު އެފްރިކާއިން ވެސް މީގެ ކުރިން ވަނީ އައިސީޖޭއަށް މައްސަލަ ވައްދައިފައެވެ. ދެކުނު އެފްރިކާއިން ބުނީ 1948 ވަނަ އަހަރުގެ ގަތުލުއާންމާ ބެހޭ މުއާހަދާއާ ޔަހޫދީން ހިލާފުވަމުންދާ ކަމުގައެވެ.

ދެކުނު އެފްރިކާއިން ވެއްދި އެ މައްސަލައިގެ އަޑުއެހުންތައް މި މަހުގެ 11 އިން 14 އަށް ވަނީ ބާއްވައިފައެވެ. އަޑުއެހުންތަކުގެ ފުރަތަމަ ދުވަހު ދެކުނު އެފްރިކާއިން ބުނީ އިސްރާއީލުން ޣައްޒާއަށް ދެމުންދާ ވައިގެ ހަމަލަތަކާއި އެއްގަމު މަގުން އަރައި ދެމުންދާ ހަމަލާތަކަކީ ޣައްޒާގެ މުސްލިމުން ނައްތައިލަން ފަށާފައިވާ ލާއިންސާނީ އުދުވާނެއް ކަމުގައެވެ.

އައިސީޖޭއަކީ ދައުލަތްތަކުގެ މެދުގައި އުފެދޭ މައްސަލަތަކުގައި ގޮތް ނިންމައި އިންސާފު ހޯދައިދިނުމަށް އުފައްދާފައިވާ އދ.ގެ އެންމެ މަތީ ކޯޓެވެ. އައިސީޖޭގެ އިތުރުން ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ)ން ވެސް ދަނީ ޣައްޒާގެ އުދުވާނާ ގުޅިގެން ޔަހޫދީންނާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައެއް ބަލަމުންނެވެ.

comment ކޮމެންޓް