ފަލަސްތީނުގެ ޣައްޒާގައި މުވާސަލާތީ ޚިދުމަތް ކަނޑާލާފައި އޮންނަތާ ހަފުތާއެއް ފަހުން އެ ޚިދުމަތް އަލުން ލިބެން ފަށައިފިއެވެ.
ޣައްޒާއިން މުވާސަލާތީ ޚިދުމަތް ކެނޑިފައި ވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ.
ޣައްޒާއަށް އެ ޚިދުމަތް ފޯރުކޮށްދޭ ޕަލްޓެލް ގްރޫޕުން ބުނީ އިސްރާއީލުގެ ފައުޖުތަކުން ދިން ހަމަލާތަކުގެ ސަބަބުން މުވާސަލާތީ ޚިދުމަތް ކެނޑިފައިވުމުން ލިބުނު ގެއްލުން ބަލައި މަރާމާތުކުރުމުގެ މަސައްކަތް ފާއިތުވެދިޔަ ހަފުތާއެއްހާ ދުވަހު ކުރި ކަމަށެވެ.
ޚިދުމަތް އަލުން ދިނުމަށް މަސައްކަތްކުރަން އުޅުނު އެ ގްރޫޕްގެ ދެ މުވައްޒަފަކު އިސްރާއީލުން ދިން ހަމަލާއެއްގައި ޝަހީދުވެފައިވާ ކަމަށްވެސް ޕަލްޓެލުން ބުންޏެވެ. ހަނގުރާމަ ފެށިފަހުން މިހާތަނަށް އިސްރާއީލުން ވަނީ އެ ގްރޫޕްގެ 14 މުވައްޒަފުން ޝަހީދުކޮށްލައިފައި ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ޕަލްޓެލް އަކީ ޣައްޒާއަށް މުވާސަލާތީ ޚިދުމަތް އެންމެ ފުޅާކޮށް ފޯރުކޮށްދީ، ފިކްސްޑް ކޮމިއުނިކޭޝަންގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުންޏެވެ.
ޣައްޒާއަށް އެ ޚިދުމަތްދޭ އެހެން ކުންފުންޏެއް ކަމަށްވާ، އުރީދޫއިން ބުނީ ހުކުރު ދުވަހުން ފެށިގެން މުވާސަލާތީ ޅިދުމަތް ކޮންމެވެސް ވަރަކަށް ލިބެމުން އައި ކަމުގައިވީ ނަމަވެސް ޚިދުމަތް ފޯރުކޮށްދިނުމަށް އަދިވެސް ބުރޫ އަރާ ކަމަށެވެ.
އިސްރާއީލުގެ ފައުޖުން ޣައްޒާގެ މުވާސަލާތީ ޚިދުމަތްތައް ކަނޑައިލާފައި ވަނީ ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އުދުވާންތަކުގެ ޚަބަރުތަކާއި މައުލޫމާތާއި މަންޒަރުތައް ދުނިޔެއަށް ހާމަ ކުރުމަށް ހުރަސް އެޅުމުގެ ގޮތުންނެވެ. އެ ޚިދުމަތް ނުލިބުމުގެ ސަބަބުން ޒަހަމުވެފައިވާ މީހުން ހޯދައި އެ މީހުންނަށް ސިއްހީ ފަރުވާ ދިނުމަށް ހޮސްޕިޓަލްތަކަށް ގެންދިޔުމުގެ މަސައްކަތް ކުރާ ސިއްހީ ޚިދުމަތްތެރިންގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް ބުރޫއަރައެވެ.
އޭގެއިތުރުން ހަމަލާތަކާ ގުޅިގެން ހާލުގައި ޖެހިފައިވާ 2.3 މިލިޔަން މީހުންނަށް އިންސާނީ އެހީގެ ސާމާނު ފޯރު ކޮށްދިނުމަށްވެސް މުވާސަލާތީ ޚިދުމަތް ވަރަށް މުހިންމެވެ.