ކައުންސިލްގެ ގަވާއިދާ ހިލާފު އަމަލުތައް ކުރާ މީހުންނާ މެދު ފިޔަވަޅު އަޅައި, ކުރި ކުށް އެނގޭނެ ގޮތަށް އެ މީހެއްގެ ވަނަވަރު އާންމު ކުރަން ގއ. ކޮނޑޭ ކައުންސިލުން ނިންމައިފިއެވެ.
ކުށް ކުރާ މީހުންގެ ވަނަވަރު ހާމަ ކުރަން ކޮނޑޭ ކައުންސިލުން ނިންމައި އެ އުސޫލު މިދިޔަ ބުރާސްފަތި ދުވަހު ވަނީ ގެޒެޓު ކޮށްފައެވެ.
އެ އުސޫލުގައިވާ ގޮތުން, އެ ގަވާއިދުތަކާ ހިލާފުވާ މީހަކަށް ނޯޓިސް ފޮނުވުމާއި ޖޫރިމަނާ ކުރުމުގެ އިތުރުން ކުށްކުރާ މީހާގެ ވަނަވަރު އަދި އޭނާ ކުރި ކުށް އެނގޭނެހެން ފޮޓޯ އާންމު ކުރާނެއެވެ. އޭގެ ފަހުން ވެސް އިސްލާހު ނުވެއްޖެނަމަ, ކޮންމެ މަހަކު އެއްފަހަރު ޖޫރިމަނާ ކުރާނެ ކަމަށް ވެސް ކޮނޑޭ ކައުންސިލުން ވަނީ ބުނެފައެވެ.
ކޮނޑޭ ކައުންސިލުން ބުނީ އެ ކައުންސިލުން އާންމު ކުރި އުސޫލަކީ މަގުމަތި ކުނި ކެހުމާއި ފުރާޅުން އަންނަ ފެން ހިންދުމާއި އާންމު ތަންތަނަށް ކުނި ނޭޅުން ފަދަ ކަންކަމާ ގުޅޭ ގޮތުން ހަދާފައިވާ ގަވާއިދުތަކަށް އަމަލު ނުކުރާ ނަމަ އަޅާނެ ފިޔަވަޅުތައް ކަމަށެވެ. އަދި އެ އުސޫލު އާންމުކުރީ ފިޔަވަޅު އަޅާނެ ތަރުތީބެއް އާންމުންނަށް އެނގިފައި އޮތުން މުހިންމު ކަމަށް ފެންނާތީ ކަމަށްވެސް އެ ކައުންސިލުން ވަނީ ބުނެފައެވެ.