ބަންގްލަދޭޝްގެ އިދިކޮޅު އެކްޓިވިސްޓުން، ''އިންޑިއާ އައުޓް'' ހަރަކާތެއް ފަށައިފި

ބަންގަލަޑޭޝް ގައި ސަރުކާރާއި ދެކޮޅު އެކްޓިވިސްޓުން ދަނީ އިންޑިއާގެ އުފެއްދުންތައް ބަންގްލަދޭޝްގައި ވިއްކުން މަނާކުރުމަށް، ސޯޝަލް މީޑިޔާގައި އަޑުއުފުލަމުން --- ފޮޓޯ: ރުޕޮމް ރައްޒާޤް/ އެކްސް

އިންޑިއާ އާއި އެންމެ ކައިރި އެއް އަވައްޓެރި ގައުމު، ބަންގްލަދޭޝްގެ އިދިކޮޅު އެކްޓިވިސްޓުން އިންޑިއާގެ އުފެއްދުންތައް ބަންގްލަދޭޝްގައި ވިއްކުން މަނާކުރުމަށް ގޮވާލައި، "އިންޑިއާ އައުޓް" ހަރަކާތެއް ސޯޝަލް މީޑިއާގައި ފަށައިފިއެވެ.

މި ހަރަކާތް ފަށައިފައިވަނީ ބަންގްލަދޭޝްގެ މައި އިދިކޮޅު ޕާޓީ، ބަންގްލަދޭޝް ނެޝަނަލް ޕާޓީ (ބީއެންޕީ) އިން ކަމަށް، ސަރަހައްދީ ނޫސްތަކުން ރިޕޯޓުކުރެއެވެ.

ބީއެންޕީގެ އެކްޓިން ޗެއާޕާސަން ތާރީޤް ރަހްމާން މި ހަރަކާތް ފަށައިފައި ވަނީ، ރާއްޖޭގައި މިހާރުގެ ސަރުކާރު ޕީއެންސީ ކޯލިޝަނުން އޭރު ހިންގި، "އިންޑިއާ އައުޓް" ކެމްޕެއިން ނަކަލު ކޮށްގެން ކަމަށް އަޑު ފެތުރިފައި ވާކަމަށް 'ދަ އުރޭޝިއަން ޓައިމްސް' އިން ބުނެއެވެ.

މި މަހުގެ 7ވަނަ ދުވަހު ބޭއްވި ބަންގްލަދޭޝްގެ އާއްމު އިންތިހާބު ކާމިޔާބުކުރެއްވި، މިހާރުގެވެސް ބޮޑުވަޒީރު ޝެއިޙް ހަސީނާ އަކީ ޕްރޯ އިންޑިއާ ބޭފުޅެއް ކަމަށް އިދިކޮޅުން ދަނީ ސިފަކުރަމުންނެވެ.

އިންޑިއާއިން ސަރަހައްދީ ހަމަޖެހުން ނަގާލައި، ސަރަހައްދީ އިޤްތިސާދުގައި ވަކިހިތްޕާލައި، އަދި ވަކީން ހާއްސަކޮށް ބަންގްލަދޭޝްގެ މާކެޓްތަކުގެ އެހީގައި ބަންގްލަދޭޝް ސަރުކާރުން، އިންޑިއާ އިތުރަށް މުއްސަދި ކުރަމުންދާ ކަމަށް އިދިކޮޅު އެކްޓިވިސްޓުން ތުހުމަތުކުރެއެވެ.

"އިންޑިއާ އައުޓް" އަދި "ސްޓެޕްޑައުން ހަސީނާ" ހޭޝްޓެގް ދަނީ ބަންގްލަދޭޝްގެ ސޯޝަލް މީޑިޔާގައި ޓްރެންޑް ވަމުންނެވެ.

ރާއްޖޭގައި ނިމިދިޔަ ސަރުކާރަކީ، "ޕްރޯ އިންޑިއާ" ސަރުކާރެއްގެ ގޮތުގައި އޭރުގެ އިދިކޮޅުން ބޮޑެތި ތުހުމަތުތަކެއް ކޮށް، އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ކެނޑިނޭޅި މުޒާހަރާ ކޮށްފައިވެއެވެ.

އިންޑިއާ ކަނޑަކީ ވަކި ގައުމެއްގެ މިލްކެއް ނޫން ކަމަށާއި ކުޑަ ގައުމަކަށް ވިޔަސް ބޭރުގެ ބޮޑެތި ގައުމަތަކަށް ނުރަނގަޅު ނުފޫޒު ނުފޯރުވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން މާޗް މަހުގެ 15ގެ ކުރިން ބޭލުމަށް ރައީސް ވަނީ އަންގަވައިފައެވެ.

comment ކޮމެންޓް