ޣައްޒާގައި ހެޕަޓައިޓިސް އޭ ފެތުރެނީ

ހަނގުރާމައިގެ ސަބަބުން ގެދޮރު ގެއްލިފައިވާ ބަޔަކު ޣައްޒާގައި ހުންނަ ރެފިއުޖީ ކޭމްޕެއްގައި. ފޮޓޯ/ޓައިމްސް އޮފް އިސްރާއީލް

ޣައްޒާގައި ހެޕަޓައިޓިސް އޭ ފެތުރެމުން އަންނަ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާ، (ޑަބްލިޔުއެޗްއޯ) އިން ބުނެފިއެވެ.

މޭގަނޑަށް ޖެހޭ ބައްޔެއް ކަމަށްވާ، ހެޕަޓައިޓިސް އޭ ޖެހިގެން މިހާތަނަށް 24 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް ޑަބްލިޔުއެޗްއޯ އިން ބުނެއެވެ. ނަމަވެސް އެ ބަލިޖެހިގެން މިހާތަނަށް މީހަކު މަރުވެފައެއްނުވެއެވެ.

އެކަމާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާގެ ޑިރެކްޓާ ޖެނެރަލް ޓެޑްރޮސް އަދަނޮމް ވިދާޅުވީ ސާފު ފެނާއި، ސާފު ތާހިރުކޮށް ފާހާނާކުރާނެ އިންތިޒާމެއް ނެތި މުޅި މާހައުލު ނުސާފުވުމުގެ ސަބަބުން ހެޕަޓައިޓިސް އޭ ފެތުރޭ މިންވަރު ހަލުއި ވާނެ ކަމަށެވެ. އަދި ޣައްޒާގައި މި ވަގުތު އޮތް މާހައުލަކީ އެ ބަލި ފެތުރުމަށް އޮތް ވަރަށް ނުރައްކާތެރި މާހައުލެއް ކަމަށްވެސް ޓެޑްރޮސް ވިދާޅުވިއެވެ.

ޣައްޒާގައި ހުރި ލެބޯޓްރީތަކުގެ ތެރެއިން މިވަގުތު އެއްވެސް ލެބޯޓްރީއަކުން ހިދުމަތް ނުލިބޭކަން ފާހަގަކުރައްވައި ޓެޑްރޮސް ވަނީ ފަސޭހަ ކަމާއެކު ރައްކާތެރި ބޭސް ޣައްޒާއަށް ފޯރުކޮށްދިނުމަށް ގޮވައިލައްވައިފައެވެ.

ހެޕަޓައިޓިސް އަކީ މާ ބޮޑު ނުރައްކަލެއް ކުރިމަތިކުރުވާ ބައެއް ނޫން ކަމުގައިވިޔަސް ބައެއް ފަހަރު ބަލީގައި ބޮޑުވަރުވެ ފުރާނައަށް ނުރައްކާވާ ހިސާބަށް ދާ ކަމަށްވެސް ޓެޑްރޮސް ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް