މިދިޔަ އަހަރު އެންމެ ގިނައިން ޖަލަށްލީ ފަލަސްތީނުގެ ނޫސްވެރިން

ޣައްޒާގައި ހަރަކާތްތެރިވާ ފަލަސްތީނުގެ ބައެއް ނޫސްވެރިން. ފޮޓޯ/އަލްޖަޒީރާ

މިދިޔަ އަހަރު އެންމެ ގިނައިން ޖަލަށްލައިފައިވަނީ ފަލަސްތީނަށް ނިސްބަތްވާ ނޫސްވެރިންކަމަށް ކޮމިޓޫ ޓު ޕްރޮޓެކްޓް ޖާނަލިސްޓް (ސީޕީޖޭ)އިން ބުނެފިއެވެ.

ސީޕީޖޭއިން އާންމުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން އޮކްޓޫބަރު ހަތްވަނަ ދުވަހު ގައްޒާގެ ވެރިކަންކުރާ ހަމާސްއާއި އިސްރާއީލުން ކުރާ ހަނގުރާމަ ފެށުނު ފަހުން ޖަލަށްލީ ފަލަސްތީނުގެ ނޫސްވެރިންގެ އަދަދު ވަނީ އިތުރުވެފައެވެ.

އެ ރިޕޯޓުގައިވާ ގޮތުން ހަވަނައަށް އެންމެ ގިނައިން ޖަލަށްލައިފައި ވަނީ އިސްރާއީލަށް ނިސްބަތްވާ ނޫސްވެރިންނެވެ.

ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް އިސްރާއީލުގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބި ފަލަސްތީނުގެ 17 ނޫސްވެރިން ތިބި ކަމަށް ސީޕީޖޭއިން ބުނެއެވެ. އޭގެ ކުރިން 2022ވަނަ އަހަރު އިސްރާއީލުގެ ޖަލެއްގައި ހައްޔަރުކޮށްފައި ހުރީ ފަލަސްތީނުގެ އެންމެ ނޫސްވެރިއެކެވެ.

އަލްޖަޒީރާ ނޫހުގެ ތަފާސް ހިސާބުތަކުން ދައްކައި ގޮތުގައި އޮކްޓޫބަރު ހަތް ވަނަ ދުވަހު އިސްރާއީލާއި ހަމާސްއާ ދެމެދު ހަނގުރާމަ ފެށުނު ފަހުން ވެސް އިސްރާއީލުގެ ޖަލުތަކުގައި ބަންދުކޮށްފައިވާ ފަލަސްތީނުގެ ހުރިހާ ގައިދީން ހައްޔަރުކޮށްފައި ވަނީ ހުޅަނގު އައްސޭރިންނެވެ.

އެ ރިޕޯޓުގައިވާ ގޮތުން ހައްޔަރުކުރި ގިނަ ނޫސްވެރިން ތިބީ އިދާރީ ބަންދުގައެވެ. އެއީ އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ބަންދުގައި ތިބި މީހުން ދައުވާއެއް ނުވަތަ ޝަރީއަތެއް ނެތި ހަ މަސް ދުވަހުގެ މުއްދަތަށް ހިފަހައްޓައިގެން ތިބޭ އުސޫލެކެވެ. ބަންދުގެ މުއްދަތު އިތުރުކުރެވޭނީ ބަންދުގައި ތިބި މީހުންނަށް ވެސް އަދި އެ މީހުންގެ ވަކީލުންނަށް ވެސް ނުފެންނަ "ސިއްރު ހެކި" ތަކެއްގެ މައްޗަށް ބިނާކޮށެވެ.

ނޫސްވެރިން ހައްޔަރުކުރުމުގަައި އިތުރުން އޮކްޓޫބަރު ހަތްވަނަ ދުވަހު ޣައްޒާ ހަނގުރާމަ ފެށުނު ފަހުން ވެސް ގިނަ އަދަދެއްގެ ނޫސްވެރިންވަނީ މަރައިލައިފައެވެ.

ހަނގުރާމައިގެ އެ ސަރަހައްދުގައި މަރުވި ނޫސްވެރިންގެ އަދަދު ޖެނުއަރީ މަހުގެ މެދުތެރެއާ ހަމައަށް ވަނީ 83އަށް އިތުރުވެފައެވެ. އޭގެ ތެރެއިން ގާތްގަނޑަކަށް 67 މީހުންނަކީ ފަލަސްތީނު މީހުން ކަމަށާއި ހަތަރު މީހުންނަކީ އިސްރާއީލުގެ މީހުން ކަމަށް ސީޕީޖޭއިން ބުންޏެވެ. ތިން މީހުންނަކީ ލުބުނާނަށް ނިސްބަތްވާ މީހުން ކަމަށް ވެސް ސީޕީޖޭ އިން ބުނެއެވެ.

ސީޕީޖޭގެ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން މިހާތަނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 320 ނޫސްވެރިން ޖަލުތަކުގައި ހައްޔަރުކޮށްފައި އެބަތިއްބެވެ.

comment ކޮމެންޓް