މެޑްވެޑޭވް، އޮސްޓްރޭލިއަން އޯޕަންގެ ތިންވަނަ ބުރަށް

މެޑްވެޑޭވްގެ މެޗު ނިމުނުއިރު ފަތިހު 3:40 ވެއްޖެ -- ފޮޓޯ/ ޓީއެސްއެން

އަހަރުގެ ފުރަތަމަ ގްރޭން ސްލޭމް މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަންގެ ތިންވަނަ ބުރުން މުބާރާތުގައި ތިންވަނައަށް ސީޑު ކުރެވިފައިވާ ރަޝިއާގެ ޑާނީލް މެޑްވެޑޭވް ޖާގަ ހޯދައިފިއެވެ.

މުބާރާތުގެ ތިންވަނަ ބުރުން މެޑްވެޑޭވް ޖާގަ ހޯދާފައިވަނީ ދެވަނަ ބުރުގައި ފިންލަންޑްގެ އެމީލް ރޫސުވުއޯރީއާ ބައްދަލުކުރި މެޗު ފަހަތުން އަރައި ތިން ސެޓު ދެ ސެޓުން ކާމިޔާބު ކޮށްގެންނެވެ. މެޗުގެ ކުރިން ކުޅުނު ބައެއް މެޗުތައް ދިގުދެމިގެން ދިއުމުގެ ސަބަބުން ފެށުން ލަސްވަމުންދިޔަ މި މެޗު ފެށިފައިވަނީ ރޭ އޮސްޓްރޭލިއާ ގަޑިން ރޭގަނޑު 11:15 ގައެވެ. މި މެޗު ނިމުނީ ފަތިހު ތިން ގަޑި 40 ގައެވެ.

މެޗުގެ ފުރަތަމަ ދެ ސެޓު ރޫސުވުއޯރީ ކާމިޔާބު ކޮށްފައިވަނީ 3-6 އަދި 6-7 އިންނެވެ. ނަމަވެސް މެޑްވެޑޭވް ވަނީ ޖެހިގެން އައި ތިން ސެޓު، 6-4، 7-6 އަދި 6-0 އިން ކާމިޔާބު ކޮށްފައެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން މެޑްވެޑޭވް، އެ ގަޑީ މެޗު ބެލުމަށް މަޑުކޮށްގެން ތިބި މަދު ސަޕޯޓަރުންނަށް ބުނީ، އެއީ އޭނާ ނަމަ މިހާރު އެތާ ނުހުންނާނެ ކަމަށެވެ. ނަމަވެސް އެ ފިނީގައި މެޗު ބަލަށް މަޑުކުރީތީ އެ ސަޕޯޓަރުންނަށް މެޑްވެޑޭވް ޝުކުރު އަދާކުރިއެވެ.

މެޑްވެޑޭވް ބުނީ އޭނާގެ މެޗުގެ ކުރިން ކުޅުނު މެޗުތައް އަދި ވަކިން ހާއްސަކޮށް އަނާ ބްލިންކޯވާއާއި އެލޭނާ ރީބަކީނާ ބައްދަލުކުރި މެޗު ދިޔަގޮތުން އޭނާއަށް މެޗަށް ތައްޔާރުވާންވީތޯ އެއްޗެއް ކާންވީތޯ ނުވަތަ ވޯމް އަޕް ފައްޓާނީ ކޮން އިރަކުތޯ މިއިން އެއްވެސް ކަމެއް ކުރަން ނޭނގިފައި ހުއްނަން ޖެހުނު ކަމަށެވެ.

މުބާރާތުގެ ތިންވަނަ ބުރުގައި މެޑްވެޑޭވް ބައްދަލުކުރާނީ ކެނެޑާގެ ފީލިކްސް އައުގާ އެލިއަސީމްއާއެވެ.

މުބާރާތުގައި ކުޅުނު އެހެން މެޗުތަކަށް ބަލައިލާއިރު ފިރިހެން ސިންގަލްސް ބައިގައި އަށްވަނައަށް ސީޑު ކުރެވިފައިވާ ހޮލްގާ ރޫން ވަނީ ފަރަންސޭސިވިލާތުގެ ވައިލްޑްކާޑް ކުޅުންތެރިއެއް ކަމަށްވާ އާތާ ކަޒައުކްސް އަތުން ތިން ސެޓު އެއް ސެޓުން ބަލިވެފައެވެ. އެއީ، 7-6، 6-4، 4-6 އަދި 6-3 އިންނެވެ.

ހަވަނައަށް ސީޑް ކުރެވިފައިވާ ޖަރުމަނުވިލާތުގެ އެލެގްޒެންޑާ ޒްވަރޭވްއާއި ކޮލިފައި ކުޅެގެން މުބާރާތުން ޖާގަ ހޯދި ލޫކަސް ކްލެއިން ބައްދަލުކުރި މެޗު ތިން ސެޓު ދެ ސެޓުން ކާމިޔާބު ކުރީ ޒްވަރޭވްއެވެ. އެއީ، 7-5، 3-6، 4-6، 7-6 އަދި 7-6 އިންނެވެ.

މީގެ އިތުރުން، 11 ވަނައަށް ސީޑު ކުރެވިފައިވާ ކެސްޕާ ރޫޑް ވެސް ތިންވަނަ ބުރުން ޖާގަ ހޯދީ މެކްސް ޕާސެލް ތިން ސެޓު ދެ ސެޓުން ބަލިކޮށްގެންނެވެ. އަދި، ދެވަނައަށް ސީޑު ކުރެވިފައިވާ ސްޕެއިންގެ ކަލޯސް އަލްކަރާޒާއި އިޓަލީވިލާތުގެ ލޮރެންޒޯ ސޮނޭގޯ ބައްދަލުކުރި މެޗު ތިން ސެޓު އެއް ސެޓުން ކާމިޔާބު ކުރީ އަލްކަރާޒެވެ.

comment ކޮމެންޓް