ކްރިމިނަލް ކޯޓުގެ ހާލަތު ދަށްވެ، ޖިނާއީ މައްސަލަތައް އޮތީ ހުއްޓިފައި: އުއްތަމަ ފަނޑިޔާރު

ފެބްރުއަރީ 18، 2020: އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިމާރާތަށް ގެއްލުންވެ ކްރިމިނަލް ކޯޓުގެ ހާލަތު ދަށްވުމުން ޖިނާއީ ގިނަ މައްސަލަތައް އޮތީ ހުއްޓިފައިކަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނު މިރޭ ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ޝަރުއީ ނިޒާމުގެ އާ އަހަރު ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ފާއިތުވި އަހަރު ކްރިމިނަލް ކޯޓަށް 854 މައްސަލައެއް ހުށަހެޅުނު ކަމަށެވެ.

ނަމަވެސް އެ ކޯޓުގެ އިމާރާތް ބާވެ، މައްސަލަތައް ކުރިއަށް ގެންދަން ދަތިވުމުން މައްސަލަތައް އޮތީ ހުއްޓިފައިކަމަށް ވިދާޅުވިއެވެ.

"ނަމަވެސް ހިތާމައާއެކު ފާހަގަ ކުރާ ކަމަކީ އެ ކޯޓު ހިންގަމުން އަންނަ އިމާރަތް ބާވެ، މީހުން ހާޒިރުކޮށް މަސައްކަތް ކުރުމަށް އެކަށީގެންވާ އިމާރާތަކަށް ނުވާތީ ކްރިމިނަލް ކޯޓުގެ މަސައްކަތްތަކާ އެ ކޯޓުގެ ޝަރީއަތްތައް ހުއްޓިފައިވާކަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

މި ކަމަކީ ޖިނާއީ އަދުލުގެ ނިޒާމު ހުއްޓި އެ ކަމުގެ ނުރަނގަޅު އަސަރުތައް މުޖުތަމައުއަށް ކުރާނެ ކަމެއްކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ، މިހާރު ވެސް ކްރިމިނަލް ކޯޓުން ކޮންމެހެން ނެރެންޖެހޭ އިއުލާނުތައް ނެރި، މީހުން ހާޒިރުކޮށް، ފަނޑިޔާރުން އިށީންދެވަޑައިގަންނަވާނެ އަދި މުވައްޒަފުން ތިބޭނެ ތަނެއް ވެސް ނެތް ކަމަށެވެ.

އެހެންވުމާއެކު ޖިނާއީ މައްސަލަތައް އޮތީ މާލޭގައި ހުއްޓިފައިކަމަށް ވެސް ވިދާޅުވިއެވެ.

މިއީ، މިހާރުން މިހާރަށް ދައުލަތުގެ މުއައްސަސާތައް ގުޅިގެން އަވަސް ހައްލެއް ހޯދައިދޭން ޖެހޭނެ ކަމެއްކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުގެ އިތުރުން، ފެމިލީ ކޯޓާ ޑްރަގް ކޯޓާއި ބައެއް މެޖިސްޓްރޭޓް ކޯޓުތަކުގެ އިމާރާތްތައް ވެސް ބާވެ، ވިއްސާރައިގެ އަސަރު ކުރާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މިދިޔަ އަހަރު ވިއްސާރައިގެ ސަބަބުން ބައެއް ކޯޓުތަކުގެ މަސައްކަތް މެދުކަނޑައިލިއެވެ. ވިއްސާރައިގައި ފެމިލީ ކޯޓުގައި ފެން ބޮޑުވެ އެ ކޯޓުގެ މަސައްކަތްތައް ވެސް ވަގުތީ ގޮތުން ޖަސްޓިސް ބިލްޑިންއަށް ބަދަލުކުރިއެވެ.

ފެމިލީ ކޯޓުގެ ފުރާޅުން ފެން ވަދެ، ތަނުގެ ސީލިންގެ އިތުރުން ތަޅުމުގައި އަޅާފައި ހުރި ކާޕެޓާއި، ޕާކޭއާއި، ގޮނޑިއާއި މޭޒާއި، ލެޕްޓޮޕަކަށާއި ސާވާ ރޫމަށް ގެއްލުން ލިބުނެއެވެ.

މީގެ އިތުރުން ކްރިމިނަލް ކޯޓަށް ފެން ވަދެ ސާވާތަކަށް ގެއްލުންވެ އެ ކޯޓުގެ ކަރަންޓު ވިއުގައަށް ވެސް ގެންލުންވިއެވެ.

comment ކޮމެންޓް