އަންނަ އާދިއްތައިގެ ފަހުން އައިޑީކާޑުގެ މައުލޫމާތު ބަދަލުކުރާނަމަ މަޖިލިސް އިންތިޚާބުގައި ވޯޓުނުލެވޭނެ

އައިޑީ ކާޑެއް: އަންނަ އާދިއްތައިގެ ފަހުން އައިޑީކާޑުގެ މައުލޫމާތު ބަދަލުކުރާނަމަ މަޖިލިސް އިންތިޚާބުގައި ވޯޓުނުލެވޭނެ ކަމަށް ޑީއެންއާރުން ބުނޭ --- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

އަށާރަ އަހަރުން މަތީގެ މީހުން އައިޑީކާޑުގައި ހިމެނޭ މައުލޫމާތެއް ބަދަލުކުރަން، އަންނަ އާދިއްތަ ދުވަހުގެ ފަހުން ހުށަހަޅައިފި ނަމަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމުގެ ފުރުސަތު ގެއްލޭނެ ކަމަށް ނެޝަނަލް ރެޖިސްޓްރޭޝަން ޑިޕާޓްމެންޓް (ޑީއެންއާރު)އިން މިއަދު ބުނެފިއެވެ.

ޑީއެންއާރުން ނެރުނު ބަޔާނެއްގައިވާ ގޮތުން، އަންނަ މާޗު މަހުގެ 17ގައި ބާއްވާ މަޖިލީހުގެ އިންތިޚާބަށް ވޯޓާސް ލިސްޓު ފައިނަލް ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

އެހެންވެ، ވޯޓުލެވޭ 18 އަހަރުން މަތީގެ މީހުންގެ މައުލޫމާތު ބަދަލުވެފައިވާނަމަ އަންނަ އާދިއްތަ ދުވަހުގެ 15:00ގެ ކުރިން އާ އައިޑީކާޑު ހެދުމަށް ހުށަހަޅަން ޑީއެންއާރުން ވަނީ އެދިފައެވެ.

"އަދި 22 ޖެނުއަރީ 2024ވާ ހޯމަ ދުވަހުން ފެށިގެން 18 އަހަރުން މަތީ ފަރާތްތަކަށް މައުލޫމާތު ބަދަލުވެގެން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހަދައި ދެވޭނީ، އެ ފަރާތްތަކަށް ކުރިއަށް އޮތް ރައްޔިތުން މަޖިލިސް އިންތިޚާބުގައި ވޯޓު ނުލެވުނު ނަމަވެސް، އެ ފަރާތްތަކުން އިއުތިރާޟު ނުކުރާކަމުގައިވާ ނަމައެވެ." ބަޔާނުގައިވެއެވެ.

ޑީއެންއާރުން ބުނީ، މަޖިލިސް އިންތިޚާބަށް ފަހު ކުރިއެކޭ ވެސް އެއްގޮތަށް 18 އަހަރުން މަތީގެ މީހުންނަށް، މައުލޫމާތު ބަދަލު ކުރެވޭ ގޮތަށް އައިޑީ ކާޑު ހަދައިދޭނެ ކަމަށެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދު 284،327އަށް އަރާއިރު އޭގެ ތެރޭގައި ހިމެނެނީ 145,162 ފިރިހެނުންނާއި 139,165 އަންހެނުންނެވެ.

މި މަހުގެ 10ގައި އިލެކްޝަންސް ކޮމިޝަން (އީސީ)އިން ވަނީ ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އާންމުކޮށް، އެ ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައެވެ.

އެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލާނީ މި މަހުގެ 30އިން އަންނަ މަހުގެ 14ގެ ނިޔަލަށެވެ.

comment ކޮމެންޓް