ވީއައިއޭގެ ކުރީގެ ކާގޯ ޓާމިނަލަށް ވުރެ ތިން ގުނަ ބޮޑު، އާ ޓާމިނަލް ހުޅުވައިފި

އާ ކާގޯ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒާއި އިތުރު ބޭފުޅުން: އާ ޓާމިނަލާއެކު ކުރިއަށް ވުރެ ތިން ގުނަ އިތުރަށް ޚިދުމަތް ދެވޭނެ -- ފޮޓޯ/ ރައީސް އޮފީސް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ތަރައްގީކުރި އާ ކާގޯ ޓާމިނަލް މިއަދު ހުޅުވައިފިއެވެ.

އެ ޓާމިނަލް ހުޅުވުމަށް ވީއައިއޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒާއި ނައިބު ރައީސް ޙުސެއިން މުޙައްމަދު ލަތީފްގެ އިތުރުން އެމްއޭސީލްގެ އިސް ބޭފުޅުންނާއި ސަރުކާރުގެ އިސްބޭފުޅުން ބައިވެރިވެޑައިގެންނެވިއެވެ.

ވީއާއިއޭއިން ކާގޯގެ ޚިދުމަތް ފޯރުކޮށްދޭތާ 40 އަހަރުވެފައިވާއިރު، މިހާރު ހޭންޑަލް ކުރާ ކާގޯ އިތުރުވެ، އެއާޕޯޓް ހިންގާ އެމްއޭސީއެލްއަށް ވަނީ ގިނަ ދަތިތަކެއް ކުރިމަތިވެފައެވެ.

އެ މައްސަލަ ހައްލުކުރުމަށް ޓަކައި ތަރައްގީ ކުރި އާ ޓާމިނަލްއަކީ ކުރީގެ ޓާމިނަލަށް ވުރެ ތިން ގުނަ ބޮޑުތަނެކެވެ. އެގޮތުން މިތަނުގެ ބޮޑުމިނުގައި 11628 އަކަމީޓަރު ހުންނާނެއެވެ.

އާ ކާގޯ ޓާމިނަލާއެކު އަހަރެއްގެ މައްޗަށް 120،000 ޓަނުގެ ކާގޯ ހޭންޑަލް ކުރެވޭއިރު މީގެކުރިން ހޭންޑަލް ކުރެވެނީ 50،000 ޓަނުގެ މުދަލެވެ. މި ބަދަލާއެކު މުދަލުގެ ރައްކާތެރިކަން ގާއިމުކުރެވި، އެއްފަހަރާ ޚިދުމަތް ފޯރުކޮށްދެވޭ މިންވަރު ތިން ގުނައަށް އިތުރުވާނެ ކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

އާ ކާގޯ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒާއި އިތުރު ބޭފުޅުން: އާ ޓާމިނަލާއެކު ކުރިއަށް ވުރެ ތިން ގުނަ އިތުރަށް ޚިދުމަތް ދެވޭނެ -- ފޮޓޯ/ ރައީސް އޮފީސް

އެ ކުންފުނިން ބުނި ގޮތުގައި ކާގޯ ޓާމިނަލްގެ މަސައްކަތްތަކުގައި ބޭނުންކުރާނީ ޒަމާނީ ވަސީލަތްތަކެވެ. އެގޮތުން މިހާރު ބޭނުންކުރާ ޓާމިނަލްގައި ހަތް އެކްސްރޭ މެޝިން ހުންނައިރު އާ ޓާމިނަލާއެކު އެ އަދަދު ވަނީ ނުވައަކަށް އިތުރުކޮށްފައެވެ.

އެ ޓާމިނަލްގައި، ކަނޑުމަގުން ގެންނަ މުދާތައް ދޯނިތަކަށް ބަރުކުރުމަށް ޚާއްޞަ ހާބަރެއް ގާއިމުކޮށް ހަތަރު ކްރޭން ބަހައްޓާފައިވާކަން ވެސް އެމްއޭސީއެލުން ފާހަގަކުރިއެވެ. އޭގެ ސަބަބުން، ކަނޑުމަގުން ގެންނަ މުދާ ބޭލުމަށާއި ދޯންޏަށް ބަރުކުރުމަށް އިތުރު ލުއި ފަސޭހަތަކެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން ޚިދުމަތްތައް އިތުރަށް އަވަސްކުރުމަށް ކާގޯ އޮންލައިން އޭޖެންޓް ޕޯޓަލެއް މިހާރުވަނީ ތައާރަފުކޮށްފައެވެ. އެ ޕޯޓަލުުން، އެމްއޭސީއެލްއިން ފޯރުކޮށްދެމުންދާ ކާގޯގެ ޚިދުމަތްތައް ކާގޯ އެޖޭންޓުންނަށް އެނގޭނެއެވެ.

އާ ޓާމިނަލްގެ މަސައްކަތް ކޮށްފައިވަނީ ޗަައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ)ންނެވެ.

comment ކޮމެންޓް