ސީރިއާގައި ތިބި ދިވެހީންތަކެއް ގެނައުމުގެ އޮޕަރޭޝަން ފަށައިފި

ފުލުހުން ބޮޑު އޮޕަރޭޝަނެއްގައި --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ސީރިއާގައި ތިބި ދާޚިލީ ހަނގުރާމައިގައި ބައިވެރިވާން މީގެ ގިނަ އަހަރުތަކެއް ކުރި ރާއްޖެ ދޫކޮށް ގޮސް، އެ ގައުމުގައި ހާލުގައި ޖެހިފައި ތިބި ދިވެހީންތަކެއް ގެނައުމުގެ އޮޕަރޭޝަނެއް ސަރުކާރުން ފަށައިފިއެވެ.

ހޯމްލޭންޑް މިނިސްޓްރީގެ ދަށުން ހިންގާ ނޭޝަނަލް ރީ އިންޓަގްރޭޝަން ސެންޓަރު (އެންއާރްސީ)ގެ ޑިރެކްޓަރު ޖެނެރަލް އަންވަރު ނައީމް "ސަން"އަށް ވިދާޅުވީ ސަރުކާރުން މިހާރު އަންނަނީ ސީރިއާގައި ތިބި ދިވެހީންތަކެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވިދާޅުވެފައެވެ.

ނަމަވެސް ސީދާ އަދަދު ހާމަނުކުރައްވައެވެ. އަންވަރު ވިދާޅުވީ އޮޕަރޭޝަން ނިމުމާއެކު ބުދަ ދުވަހު އިތުރު ތަފްސީލް އާންމުކުރާނެ ކަމަށެވެ.

އާންމު ގޮތެއްގައި މިފަދައިން ރާއްޖެއިން ބޭރުގައި ހާލުގައިޖެހިފައި ތިބެނީ އަންހެނުންނާއި ކުޑަކުދިންނެވެ.

މި ފަަދަ މީހުން ރާއްޖެ ގެނައުމުގެ މަސައްކަތް ފަށަނީ ވެސް އެއީ ދިވެހީންކަން ކަށަވަރުކުރުމަށްފަހުގައެވެ.

އެއްވެސް ގައުމެއްގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވާން ރާއްޖެ ދޫކޮށް ދިއުމަކީ ގާނޫނީ ގޮތުން މަނާ ކަމެކެވެ. އެހެންކަމުން އެ ފަދަ ހަނގުރާމައަކަށް ދާ ދިވެހީން ރާއްޖެ ގެނައުމަށްފަހު އެ މީހުންގެ އެސެސްމަންޓުތައް ހަދައި، ގައުމު ދޫކޮށް ފުރި ބޭނުމާއި، ސަބަބު އޮޅުން ފިލުވައެވެ.

އަދި އެސެސްމަންޓަށްފަހު، ގަސްތުގައި ފުރިކަން ހާމަވަޖެއްނަމަ އެ މީހަކު ޖިނާއީ ތަހުގީގަކަށް ހުށަހަޅައެވެ. އެހެން ނޫންނަމަ އެ ފަދަ މީހުން އެންއާރްސީގެ ރިހެބިލިޓޭޝަން ޕްރޮގްރާމްގައި ބައިވެރިކުރުވާނެއެވެ.

އެ ޕްރޮގްރާމް ހިންގާނީ އެންއާރްސީގެ އިދާރީ ބަންދެއްގައި ބައިތިއްބައިގެންނެވެ.

comment ކޮމެންޓް